04 Aug 2012, 11:09
މިސްކިތު ފަންޑް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބާއްވާ އިހުޔާ ޕްރޮގްރާމްގައި ހުކުރު ވިލޭރޭ ވާހަކަ ފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ މިހާތަނަށް މިސްކިތުފަންޑަށް 15 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެ ފަންޑް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިސްލާމިކް ބޭންކާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށެވެ.
ޝަހީމު ވިދާޅުވީ އޮފީސް އިމާރާތް އެޅުމަށް ބޭނުންވާ ބިން ސަރުކާރުން ދެއްވާފައިވާ ކަމަށާއި މިސްކިތު ފަންޑަށް ލިބިފައިވާ ފައިސާގެ ތެރެއިން އެ މިނިސްޓްރީ އިން 30 ޕަސެންޓް ފައިސާ ހަރަދުކުރުމުން ބާކީ 70 ޕަސެންޓް އިސްލާމިކް ބޭންކުން ހަރަދުކޮށް އިމާރާތް ނިންމައިދޭން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.
"އޭރުން އަޅުގަނޑުމެންނަށް މިސްކިތްތައް މަރާމަތުކުރާށައި ބިނާކުރުމަށް ސަލާން ޖަހާކަށް ނުޖެހޭނެ. ފަންޑުގެ ފައިސާ އިން އިމާރާތެއް އެޅުމުން އެ އިމާރާތުން ލިބޭ ފައިސާ އަކީ މިސްކިތު ފަންޑަށް ލިބޭ ފައިސާ، އޭރުން އެތަނުން ލިބޭ ފައިސާ އިން މިސްކިތްތައް ވެސް ބިނާކުރެވޭނެ،" ޝަހީމު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތު ފަންޑުގެ ފައިސާ އިން ބިނާކުރާ އިމާރާތުން ލިބޭ ފައިސާ ހަރަދުކުރާނީ ރާއްޖޭގެ މިސްކިތްތަކަށް ކަމަށާއި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް މިސްކިތްތަކަށް ނޫން ގޮތަކަށް އެ ފައިސާ ހަރަދުނުކުރެވޭ ގޮތަށް ހައްދަވާނެ ކަމަށެވެ.
މިސްކިތް އިމާރާތްކޮށް މަރާމާތު ކުރަން ހުޅުވި ފަންޑުން ރާއްޖޭގެ 20 އަތޮޅެއްގެ މިސްކިތްތަކަށް 4.9 މިލިއަނަށް ވުރެ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފަންޑުން ހަރަދުކުރި ގޮތުގެ ތަފްސީލުތައް މިއަދު ހާމަކުރި އިރު، އެއިން ދައްކާގޮތުން އެ ފަންޑަށް ލިބިފައިވާ ފައިސާގެ އަދަދަކީ 15489052ރ. އެވެ. އޭގެ ތެރެއިން 4956799ރ. 20 އަތޮޅެއްގެ މިސްކިތަކަށް މިހާތަނަށް ވަނީ ހަރަދު ކޮށްފަ އެވެ.
އެންމެ ގިނަ ފައިސާ ހަރަދުކޮށްފައި ވަނީ އައްޑު އަތޮޅު މިސްކިތްތައް މަރާމާތު ކުރާށެވެ. އެ ތޮޅުގެ މިސްކިތްތަކުގެ މަރާމަތަށް 800000ރ. އަށް ވުރެ ގިނަން ހަރަދު ކުރި އިރު ގއ. އަތޮޅުގެ މިސްކިތްތަކަށް 600000ރ. އަށް ވުރެ ގިނައިން ހަރަދު ކުރި އެވެ. އަދި ބ. އަތޮޅު މިސްކިތްތަކަށް 400000ރ. އަށް ވުރެ ގިނައިން ހަރަދު ކުރި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.