00:38


ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށާއި، ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހް ހުށަހަޅުއްވާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ.


ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ވެސް މެންބަރު ބުރާސްފަތި ދުވަހު ވިދާޅުވީ، މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި، ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެ ބިލު މަޖިލީހަށް ފޮނުއްވާފައި ވަނިކޮށް މަޖިލީހުގެ ރައީސް ބިލު އެޖެންޑާ ކުރައްވައިގެން، އަމިއްލަ މެންބަރުން ބޭނުންކުރައްވައިގެން، ޑީއާރުޕީ އާއި ޕީއޭ ބޭނުން ގޮތަކަށް ބިލު ފާސްކުރެއްވީ ކަމަށެވެ. އަދި އެ ބިލުގައިވާ މައްސަލަތަކަށް އަލިއަޅުވާލައްވައި، ރައްޔިތުންނަށް ސަރުކާރުން ދެމުންގެންދާ ސަބްސިޑީ ދިނުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


މޫސަ އަދި ވިދާޅުވީ، އިސްލާހު ހުށަހެޅުއްވީ ސަބްސިޑީތައް ހުއްޓާލަން ޖެހޭ ގޮތަށް އޮންނަ، ބައެއް ކަންތައްކަށް ސަބްސިޑީ ދޭންޖެހޭނީ މަޖިލީހުން ހަދާ ގާނޫނަކުން ކަމަށް ބުނެފައިވާ މާއްދާއަށް ކަމަށެވެ. އަދި އެ އިސްލާހަކީ ރަނގަޅު ގޮތުގައި ކަންތައްތައް ގެންދެވޭނެ އިސްލާހެއް ކަމަށާއި، ދެން އޮންނަ ޖަލްސާއެއްގައި އެ އިސްލާހު މަޖިލީހަށް އެޖެންޑާ ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި މި ބިލަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ހުއްޓުވައި، ރައްޔިތުން ރުޅިއަރުވައިގެން ސަރުކާރު ވައްޓާލުމުގެ މަގުސަދުގައި އިދިކޮޅު އިއްތިހާދުން ހުށަހަޅައި ފާސްކުރި ބިލެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


މޫސަ އަދި ވިދާޅުވީ، ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދޭ ބާރުތައް ނިގުޅައިގަނެވޭ ފަދަ ގޮތަކަށް އެ ގާނޫނު އޮތުމުން ކަމަށެވެ. އަދި ޑީއާރުޕީ އާއި ޕީއޭ ބޭނުންވާ ގޮތަށް ފާސްކޮށްފައިވާ ހުރިހާ ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި އެކަން ފެނިގެންދާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.