04 Aug 2012, 10:46
ސޯސަންމަގުގައި ހުންނަ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ ހިމެނޭ ސަރަޙައްދުގައި އިއްޔެ ހަވީރު ހިންގި މާރާމާރީއެއް ހުއްޓުވައި މާރާމާރީ ހިންގުމުގައި އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު މާރާމާރީ ހިންގަނިކޮށް ފެނިފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ދެ ފުލުހަކަށް ކަމަށާއި އެވަގުތު އެ މާރާމާރީ ހުއްޓުވަން ގިނަ މަސައްކަތްތަކެއް ފުލުހުން ކުރިކަމަށެވެ. އެގޮތުން އެމަންޒަރު ފުރަތަމަ ފެނުނު ޓްރެފިކް ޕޮލިސްގެ ދެފުލުހުން، އަނިޔާ ލިބެމުން ދިޔަ މީހާ ސަލާމަތްކުރެވޭތޯ މަސައްކަތް ކޮށްފައި ވަނީ ފުލުހުންނަށް އަނިޔާ ލިބުނަސް ހެޔޮކަމަށް ބަލައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެވަގުތު އިތުރު ފުލުހުންގެ އެހީތެރިކަން ބޭނުންވާތީ ކޮމާންޑް ސެންޓަރަށް ގުޅައި އިތުރު ފުލުހުން ފޮނުވައިދިނުމަށް އެދުމުން އެ ސަރަހައްދަށް މަދުވަގުތުކޮޅެއްގެ ތެރޭގައި އިތުރު ފުލުހުން ގޮސް މުޅި މާރާމާރީ ކޮންޓްރޯލްކޮށް ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ނުލިބި ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މާރާމާރީ އަކީ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށާއި އެމާރާމާރީ ފެށިފައި ވަނީ ކާނިވާ ސަރަހައްދުން ކަމަށެވެ.
މާރާމާރީ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލު ދެއްވަމުން ފުލުހުން ބުނީ ކާނިވާ ސަރަހައްދުން ދެބައެއްގެ މެދުގައި ދެކޮޅުވެރިކަން ހިނގައި އޭގެތެރެއިން ބަޔަކު ކުއްލިއްޔާ ހިސާބަށް އައިސް އުޅެނިކޮށް ދެވަނަ ގުރޫޕުގެ މީހުންނަށް ފެނިގެން މާރާމާރީ ހިންގަން އުޅުނީ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.