ސުވާ (އޮގަސްޓް 4): ކޮރަޕްޝަނުގެ ކުށް ސާބިތުވުމާގުޅިގެން ފިޖީގެ ކުރީގެ ބޮޑުވަޒީރު ލައިސީނިޔާ ގަރާސޭ އެއް އަހަރަށް ޖަލަށްލުމަށް އެޤައުމުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

އުމުރުން 71 އަހަރުގެ ގަރާސޭ އަކީ ފިޖީގައި ޑިމޮކްރެޓިކް ގޮތުން އިންތިޚާބު ކުރެވުނު އެންމެފަހުގެ ބޮޑުވަޒީރެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި އޭނާ މަޤާމުން ދުރުކުރީ 2006 ވަނަ އަަހަރު އެޤައުމުގެ ސިފައިިންގެ ކޮމާންޑަރެއް ކަމަށްވާ ފޫރީކީ ޕައިނިމާރާ ގެންނެވި ޢަސްކަރީ އިންޤިލާބެއްގަ އެވެ. ފިޖީގެ ކުރީގެ ބޮޑުވަޒީރު ގަރާސޭގެ މައްޗަށް ކޮރަޕްޝަނުގެ ފަސް މައްސަލައެއް ސާބިތުވެފައި ވާތީ އޭނާ ޤައުމަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ކޯޓުން ބުނެ އެވެ. ގަރާސޭގެ މައްޗަށް އިއްވި މިޙުކުމްގެ ސަބަބުން 2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފިޖީގެ ޢާންމު އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު އޭނާ އަށް ގެއްލިގެންދާނެ އެވެ.

ގަރާސޭއާއި އޭނާގެ ސަޕޯޓަރުން ވަނީ މިޙުކުމަށް އިންކާރުކޮށް އިޙްތިޖާޖްކޮށްފަ އެވެ. ގަރާސޭގެ ސަޕޯޓަރުން ބުނީ އޭނާގެ މައްޗަށް އިއްވި މިހުކުމަކީ ސިޔާސީ ކުލަވަރުޖެހިފައިވާ ޙުކުމެއް ކަމުގަ އެވެ. ނަމަވެސް ފިޖީގެ ސަރުކާރުން ބުނީ ސިޔާސީ ލީޑަރަކަށް ވެގެން އެމީހެއްގެ ކުށުގެ މައްސަލަ ބެލުން ލަސްނުކުރެވޭނެ ކަމަށާ ޝަރީޢަތުގައި އާންމު ރައްޔިތެކޭ ސިޔާސީ މީހެކޭ އެއްވަރުވާން ޖެހޭ ކަމުގަ އެވެ. އަދި ޖިނާއީ ކުށްތަކުން ރެކިގަތުމުގެ ހަތިޔާރަކަށް ސިޔާސީ ބާރާއި ނުފޫޒު ހެދުމުގެ ފުރްސަތު ނުދޭނެ ކަމަށް ވެސް ފިޖީގެ އިންޤިލާބީ ސަރުކާރުން ބުނެ އެވެ. ފިޖީގެ ޝަރުޢީ ދާއިރާއަކީ މުސްތަޤިއްލު ދާއިރާއެއް ކަމަށް ވާތީ ޝަރުޢީ ކޯޓަކުން ކުރާ ޙުކުމަކީ ސަރުކާރާގުޅުން ހުރި ކަމެއް ނޫންކަމަށް ޢަސްކަރީ ސަރުކާރުން ބުނެ އެވެ.

ގަރާސޭގެ ކޮރަޕްޝަންގެ މައްސަލަ ތަޙްޤީޤްކުރީ އެޤައުމުގެ ދައުލަތުގެ މުއައްސަސާތަކުންނެވެ. ފިޖީގެ އަވަށްޓެރި އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުން ވަނީ ގަރާސޭގެ މައްޗަށް ޙުކުމްކުރި ފިޖީގެ ޝަރުޢީ ނިޒާމްގެ މުސްތަޤިއްލުކަމާ މެދު ޝައްކުކޮށްފަ އެވެ. މިއާއެކު ވެސް 2014 ވަނަ އަހަރު އިންތިޚާބު ބޭއްވުމަށް ފިޖީގެ ޢަސްކަރީ ލީޑަރު ނިންމަވާފައި ވާތީ އޮސްޓްރޭލިޔާއާއި ނިއުޒިލޭންޑުން ވަނީ ފިޖީއާދެކޮޅަށް 2006 ވަނަ އަަހަރު އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށް ފިޖީގެ ޢަސްކަރީ އިންޤިލާބީ ސަރުކާރާ މުޢާމަލާތްކުރަން ފަށާފަ އެވެ. (ރޮއިޓާސް)