04 Aug 2012, 10:17
އދ. މަޖިލިސް (ޖުލައި 4): ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގާ އެޤައުމުގެ ސިފައިން އާންމު ރައްޔިތުންނަށް ޙަމަލާދެމުންގެންދާތީ ސޫރިޔާ ކުށްވެރިކުރާ ޤަރާރެއް އދ.ގެ ޖެނެރަލް އެސެމްބްލީން ރޭ ފާސްކޮށްފި އެވެ.
ޢަރަބި ޤައުމުތަކުން އދ.ގެ ޖެނެރަލް އެސެމްބްލީ އަށް ހުށަހެޅި މިޤަރާރު ތައްޔާރުކުރީ ސައޫދީ އަރަބިޔާ އިސްކޮށްއޮވެގެންނެވެ. މިޤަރާރަށް ތާއީދުކޮށްފައި ވަނީ އދ.ގައި ހިމެނޭ 193 ޤައުމުގެ ތެރެއިން 133 ޤައުމެވެ. ބާރަ ޤައުމަކުން މިޤަރާރާދެކޮޅަށް ވޯޓު ދީފައިވާ އިރު 31 ޤައުމުން ވަކިއަތަކަށް ވޯޓު ދީފައެއް ނުވެ އެވެ.
މިޤަރާރުގައި ސޫރިޔާގެ ސިފައިން އެއްވެސް ވަރަކަށް ބެލުމެއްނެތި އާންމު ރައްޔިތުންނަށް ޙަމަލާދީ އާންމުން މަރަމުންގެންދާ ކަމަށް ބުނެ މިކަން ކުށްވެރިކޮށްފައިވެ އެވެ. އަދި އާންމުންނަށް ދޭ ޙަމަލާތައް ހުއްޓާލައި އާންމުން ދިރިއުޅޭ ތަންތަނުން ބަރުހަތިޔާރުތައް ނެގުމަށް ސޫރިޔާ ސަރުކާރަށް ގޮވާލާފައިވެ އެވެ. މިއީ ޢަރަބި ޤައުމުތައް އިސްނަގައިގެން ސޫެރިޔާ ކުށްވެރިކުރުމަށް އދ.ގެ ޖެނެރަލް އެސެމްބަލީއަށް އަށް ހުށަހެޅި ފުރަތަމަ ޤަރާރެވެ. ސޫރިޔާ ކުށްވެރިކުރުމަށް ހުޅަނގުގެ ބާރުތަކުން ސަލާމަތީ މަޖިލީހަށް ހުށަހެޅި ހުރިހާ ޤަރާރެއް ޗައިނާއާއި ރަޝިޔާވަނީ ވީޓޯކޮށްފަ އެވެ. މިޤަރާރު ވެސް ސަލާމަތީ މަޖިލީހަށް ހުށަހެޅިނަމަ ޗައިނާ އާއި ރަޝިޔާއިން ވީޓޯ ކުރާނެ ކަމަށް މުރާސިލުން ބުނެ އެވެ.
ޖެނެރަލް އެސެމްބްލީގެ ޤަރާރުތަކަކީ އެޤަރާރުތައް ތަންފީޒުކުރުމަށް މަޖްބޫރު ކުރެވޭ ޤަރާރުތަކެއްނޫނެވެ. އެހެންކަމުން މިޤަރާރުތައް ވެފައި އޮންނަނީ ދުނިޔޭގެ ޒަމީރު ބަޔާންކޮށްދޭ ޤަރާރުތަކެއްގެ ގޮތުގަ އެވެ. (އަލްޖަޒީރާ)