09 Jul 2025, 12:53
ރައީސުލްޖުމްޙޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވެސް މަސައްކަތަށް ބަލައި، ދައުރުގެ މެދުތެރެއިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި 'ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު'ގެ ބަހުސްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ އެއީ މުހިންމު އަދި ފުރިހަމަ އިސްލާހުތަކެއް އެކުލެވިގެންވާ ބިލެއް ކަމަށެވެ.
މަޖިލީހުގައި ތަކުރާރުކޮށް މެންބަރުން ދައްކާ ވާހަކައަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަންކަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ބިލަށް އޭނާ ވެސް ތާއީދުކުރައްވާ ކަމަށް އައްބާސް ވިދާޅުވިއެވެ.
ނަމަވެސް ރައީސުލްޖުމްޙޫރިއްޔާގެ ދައުރުގެ މެދުތެރެއިން ފެންނަ ނުފެންނަ ވޯޓެއް ނެގެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ކޮމިޓީ މަރުހަލާގައި އެ އިސްލާހު ވެސް އެ ބިލުގައި ހިމެނުމަށް އައްބާސް ހުށަހެޅުއްވިއެވެ. ހަމަ އެފަދައިން މަޖިލިސް މެންބަރުންގެ ވެސް ދައުރުގެ މެދުތެރެއިން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ވިދާޅުވެ އައްބާސް ވަނީ އެ ހުށަހެޅުން ހުށަހަޅުއްވައިފައެވެ.
ރައްޔިތުން އެދޭ އެބަ ރައީސުލްޖުމްޙޫރިއްޔާއަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ވެސް ދައުރުގެ މެދުތެރެއިން ފެންނަ ނުފެންނަ ސިއްރު ވޯޓެއް ނެގެން. އަޅުގަނޑު އެކަމަށް ތާއީދު. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ވެސް ދައުރުގެ މެދެއްހާ ހިސާބުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ވަރަށް މުހިންމުކަމެއް އިއްޒަތްތެރި ރައީސް،ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ރައީސުލްޖުމްޙޫރިއްޔާ ވެސް އަދި މަޖިލިސް މެންބަރުން ވެސް ކުރައްވާ މަސައްކަތަށް ބަލައި، ރައްޔިތުން ގޮތެއް ނިންމުމަށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި އެ ދެ އިސްލާހު އައުމުން އެ ބިލު ވަރަށް ފުރިހަމަ ބިލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސްގެ އިތުރުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް އެ ބިލުގެ ބަހުސްގެ ވަގުތުގައި އެ ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރުގެ މެދުތެރެއިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަތުމަށް ޗެލެންޖުކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް މީގެ ކުރިން ވަނީ ކެރިވަޑައިގަންނަވާނަމަ ވެރިކަމުގައި ހުންނަން ރައްޔިތުން އެދޭތޯ ބެލުމަށް, ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް މުއިއްޒާ ޗެލެންޖުކުރައްވައިފައެވެ.
ރައީސް މުއިއްޒު ވަނީ ވަރަށް ގިނަ ކަންތައްތަކުގައި އެ މަނިކުފާނު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ.