04 Aug 2012, 00:00
ޑިމޮކްރަސީއާ ދޭތެރޭ ދިވެހިން މާޔޫސްވެފައިވާ ކަމަށާއި އެހެން ދިމާވީ އާ ޤާނޫނުއަސާސީއާއެކު ފުރަތަމަ އިންތިޚާބުކުރި ރައީސް، މުޙައްމަދު ނަޝީދުގެ ސަރުކާރުން ޑިމޮކްރެޓިކް ނިޒާމް ފުރިހަމަ ކުރުމުގައި އިޚުލާޞްތެރިކަމެއް ނެތުމުން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ތަސްމީން މިހެން ވިދާޅުވީ އިންޑިޔާގެ ބޮޑު ވަޒީރުގެ މަންމޯހަން ސިންގުގެ ދައުވަތަކަށް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ނިއުދިއްލީގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަންގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ތަސްމީން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން މަޤްޞަދުތަކެއް ޙާޞިލުކުރަން ބޭނުންވުމުން ޑިމޮކްރެޓިކް ނިޒާމުގެ ރީތި ހަމަތަކަށް އިޙުތިރާމު ނުކުރި ކަމަށެވެ. އަދި ޑިމޮކްރެޓިކް އުޞޫލުތަކުގެ ބޭރުން ކަންތައްތައް ކުރަން އުޅުމުގެ ސަބަބުން ޑިމޮކްރަސީއާމެދު ދިވެހި ރައްޔިތުން މާޔޫސްވި ކަމަށެވެ. އާ ޤާނޫނުއަސާސީގެ ދަށުން އުފެދުނު މިނިވަން މުއައްސަސާތަކަށް ގޮންޖެހުމާއި ޤާނޫނުގެ ވެރިކަމުގެ ބާރު ކަނޑުވާލަން ރައީސް ނަޝީދުގެ ސަރުކާރުން ކުރި މަސައްކަތް ވެސް ތަސްމީންގެ ތަގުރީރުގައި ފާހަގަ ކުރެއްވި އެވެ.
ތަސްމީން ވިދާޅުވީ ޒަމާނީ ޑިމޮކްރެޓިކް އުސޫލުތައް ރާއްޖެއަށް ތަޢާރަފްކުރަން ކުރި މަސައްކަތްތަކުގައި ދިވެހިން ފޮނި އުންމީދުތައް ކުރި ކަމަށައި 2008 ވަނަ އަހަރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމި، ރައީސް ނަޝީދުގެ ސަރުކާރު ގާއިމުވި ނަމަވެސް ދިވެހިން އުންމީދުކުރި ޑިމޮކްރެސީގެ މަންފާ މިހާތަނަށް ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަމާ ދިވެހިންގެ ހިތްތައް ނުތަނަވަސްވަމުންދާ ކަމަށެވެ.
"އެ ނުތަނަވަސްކަން ފިލުވައިދީ، ދިވެހިންގެ ހިތުގައި ޑިމޮކްރަސީއާ ދޭތެރޭ އިތުބާރު ޤާއިމްކޮށް ދިނުމަކީ، މިއަދު [ރާއްޖޭގެ] ސިޔާސީ ލީޑަރުންގެ ޒިންމާއެއް،" ތަސްމީން ވިދާޅުވި އެވެ. "ދިވެހިރައްޔިތުން ޑިމޮކްރަސީއާ ދޭތެރޭ މާޔޫސްވީ، އާ ޤާނޫނުއަސާސީގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ފުރިހަމަ ކުރުމަށް އިޚުލާޞްތެރިކަމާއެކު މަސައްކަތް ނުކުރުމުގެ ސަބަބުން،"
ރާއްޖޭގައި ޑިމޮކްރެސީ ފުރިހަމަ ކުރަން ޒިންމާދާރު ކަމާއެކު ޑިމޮކްރަސީގެ އަސާސްތަކަށް އިހުތިރާމުކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ތަސްމީން ވިދާޅުވީ ޑިމޮކްރަސީއަށް ކުރަން ޖެހޭ ކަންތައްތައް ކެތްތެރިކަމާއެކު ޤާނޫނީ އިމުގެ ތެރޭގައި ކުރުމުގެ މުހިންމުކަން ބޮޑު ކަމަށެވެ.
ރާއްޖޭގައި ޑިމޮކްރެސީގެ ނިޒާމު ފުރިހަމަ ނުވުމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވީ ނަމަވެސް ޒަމާނީ ޑިމޮކްރެޓިކް އުޞޫލުތައް ގާއިމްވެފައިވާ ޤައުމަކަށް ރާއްޖެ ހަދަން ދިވެހިން ބޭނުންވާ ކަމަށާއި ޑިމޮކްރެސީ ފުރިހަމަ ކުރަން މުއައްސަސާތައް ހަރުދަނާކޮށް، ގުޅުން ހުރި ޤާނޫނުތައް އެކުލަވާލުމުގެ އިތުރުން ޙިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު ޑިމޮކްރެސީ ހަރުދަނާ ކުރުމަށް މަސައްކަތްކުރުމަކީ ރައްޔިތުންނަށްޓަކައި، ސަރުކާރާއި ސިޔާސީ އިސްވެރިން ކުރަން ޖެހިފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އޮބްޒާވާ ރިސާޗް ފައުންޑޭޝަންގައި ތަސްމީން ތަގުރީރެއް ދެއްވި އިރު ރާއްޖޭގެ މަސްރަހް ދިރާސާ ކުރާ ފަރާތްތައް އެ ފައުންޑޭޝަނަށް ގޮސް ތަސްމީނާ ސުވާލުތައް ކުރި އެވެ. އިންޑިޔާ ދަތުރުފުޅަށްފަހު ތަސްމީން މާލެ ވަޑައިގަންނަވާނީ އާދީއްތަ ދުވަހު އެވެ.