03 Aug 2012, 22:39
ހޮންކޮންގުގެ ހޫނު މޫސުމުގައި ބޭއްވި ޔޫތު އާޓް ފެސްޓިވަލްގައި އެގައުމުގެ ކުޑަ ކުއްޖަކު ދިވެހި ރާއްޖެ ރަމްޒުކޮށްދޭ ގޮތަށް ކުރެހި ކުރެހުމެއް އެ ފެސްޓިވަލްގެ ޕުރައިމަރީ ސެކްޝަންގައި އެއްވަނަ ހޯދައިފި އެވެ.
ޔޫތު އާޓުސް ފެސްޓިވަލް ގައި ރަން ވަނަ ހާސިލްކޮށްފައިވަނީ އުމުރުން ހަތް އަހަރުގެ އާރޮން ޗޫ އެވެ. އާރޮންގެ ކުރެހުން ބިނާކޮށްފައިވަނީ އޭނާގެ އާއިލާއާއިއެކު ދިވެހި ރާއްޖެގައި ޗުއްޓީ ހޭދަކުރި ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ. އޭނާ ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
އެ ކަމިޔާބީއާއި ބެހޭގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ހޮންކޮންގެ އެކި ސަރަހައްދުތަކުގައި ބާއްވަމުން ގެންދާ ޓުއާ އެގްޒިބިޝަންގައި އެ ކުރެހުން ބަހައްޓާފައިވާ ކަމަށާއި އެފަދަ ކުރެހުންތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިޝްތިހާރުވެގެންދާނެ ކަމަށެވެ.
އަދި ބުނީ އެ ކާމިޔާބީއާބެހޭ މައުލޫމާތް އެކޯޕަރޭޝަނާ ހިއްސާކޮށްފައިވަނީ އާރޮންގެ އާއިލާގެ ފަރާތުން ކަމަށާއި އާރޮންގެ އެކާމިޔާބީ ފާހަގަކޮށް އޭނާއަށާއި އޭނާގެ އާއިލާއަށް ރާއްޖޭގެ ފަރާތުން ތަހުނިޔާ ފޮނުވާފައިވާ ކަމަށެވެ.