ރާއްޖޭގެ މަސައްކަތް ކުރާ ކޮންމެ ބިދޭސީއަކު މަދުވެގެން މަހަކު 100 ޑޮލަރާއި 200 ޑޮލަރުގެ ނިސްބަތުން އެމީހުންގެ ގައުމަށް ފައިސާ ބޭރު ކުރަމުންދާނަމަ ކުރިޔަށް އޮތް އަށް އަހަރު ދުވަހުގެ ތެރޭގައި 44.6 ބިލިއަން ރުފިޔާއާއި 89.1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.

ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ އާބާދީ 15 ޕަސެންޓްގެ ރޭޓުން އިތުރުވި ނަމަވެސް ކުރިޔަށް އޮތް އަށް އަހަރުގެ ތެރޭގައި 2144 މިލިޔަން ޑޮލަރާއި 4287 މިލިޔަން ޑޮލަރު ރާއްޖެއިން ބޭރަށް ބިދޭސީން ގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮންޓްރޯލާ ވިދާޅުވީ އެޑިޕާޓްމެންޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ އާބާދީ އިތުރުވަމުން ގޮސްފައިވާ މިންވަރުން އެ ނިސްބަތް 20 ޕަސެންޓަށް އިތުރުވާނަމަ 2018 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީއާ އެންހަމައެއްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވާނެކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެޑިޕާޓްމަންޓްގެ މަސައްކަތްތަށް އާންމުންގެ އެއްބާރުލުން ލިބި ރާއްޖޭގެ މުސްތަގުބަލް ހެޔޮގޮތުގައި ބައްޓަންކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ކޮންޓްރޯލާ ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ނިސްބަތް އާދަޔާއި ހިލާފަށް އިތުރުވަމުންދާ ކަމަށާއި ރާއްޖޭގައި އެ ނިސްބަތް 2018 ވަނަ އަހަރު އަންނަ އިރު ދިވެހިންގެ އާބާދީއާއި އެއްވަރު ވާނެ ކަމަށް ވިދާޅުވެ އިންޒާރު ކުރައްވާފަ އެވެ.

އޭރު ވިދާޅުވެފައި ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ ލައްކައަކާއި ގާތް ކުރާއިރު ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 30،000 މީހުންނާއި 35،000 މީހުނާ ގާތް ކުރާ ކަމަށެވެ. އަދި އެ މީހުން ރަނގަޅަށް ރެގިއުލޭޓް ނުކުރެވުމުގެ ސަބަބުން ކޮންމެ އަހަރަކު ރާއްޖެ އަންނަ ބިދޭސީންގެ އަދަދު ކޮންމެ އަހަރަކު 20 ޕަސެންޓް އިތުރުވާ ކަމަށެވެ.