ގައުމީ މުއާސަލާތީ ކުންފުނި ދިރާގަށް އަހަރު ދުވަހުގެ ތެރޭގައި، 633.9 މިލިއަން ރުފިޔާއިން ފައިދާވެއްޖެ އެވެ. މިއީ އެވްރެޖްކޮށް 80ރ. އަށް ވިއްކާ އެ ކުންފުނީގެ ހިއްސާއަކަށް 8.35ރ. ޖެހޭވަރުގެ އަދަދެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށި ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ ފުރަތަމަ 12 މަސްދުވަހުގެ ހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ދެ ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 714.8 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 633.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރި ފަހުން އެ ކުންފުނިން އާންމު ކުރި މާލީ އަހަރުގެ ފުރަތަމަ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުނީގެ މާލީ ހާލަތު ވަނީ ރަނގަޅު މިންގަނޑެއްގައި ކަމަށާއި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ތެރޭގައި ޑޮލަރުގެ އަގު މައްޗަށް ޖެއްސުމުން އެކަމުގެ އަސަރު ދިރާގަށް ކުރިކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އަދި އެކުންފުނި ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމުގެ ކުރިން މާޗް 2010 ކުން 2011 އަށް ދިރާގަށް ސާފު ފައިދާގެ ގޮތުގައި 774 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދިރާގުގެ ސޭލްސް އަށް ލިބިފައިވާ ކުރިއެރުމުގެ ތެރޭގައި އޭޑީއެސްއެލް ކަސްޓަމަރުންގެ އަދަދު ތިން ޕަސެންޓަށް އިތުރުވެ ޓަޗްނެޓް ކަސްޓާމަރުންގެ އަދަދުވަނީ 17 ޕަސެންޓް އުފުލިފަ އެވެ.

ދިރާގަކީ އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސް ގެ 52 ޕަސެންޓް ހިއްސާ އޮންނަ އަދި ސަރުކާރުގެ 41 ޕަސެންޓް ހިއްސާ އޮންނަނ ކުންފުންޏެކެވެ. އަދި އާންމު ރައްޔިތުންގެ 5.90 ޕަސެންޓް ހިއްސާ ދިރާގުގައި އޮވެ އެވެ.