03 Aug 2012, 20:47
ޑާކާ (އޮގަސްޓް 3) : މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުތަކުންނާއި ހަރުކަށި ބުޑިސްޓުން ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކަށް ކެތްނުރެވިގެން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ބަންގްލަދޭޝަށް ވަދެތިބި ނިކަމެތި މުސްލިމުންނަށް އިންސާނީ އެހީދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ބަންގްލަދޭޝްގެ ސަރުކާރުން ހުރަސްއަޅަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެވެ.
ބަންގްލަދޭޝްގެ ނޫހެއްކަމަށްވާ "ނިއުއޭޖް" ބުނިގޮތުގައި މިޔަންމާގެ މުސްލިމް ރެފިއުޖީން ގިނަޢަދަދަކަށް ތިބި އެޤައުމުގެ ކޮކްސްބާޒާރު ސަރަޙައްދުގެ ޑެޕިއުޓީ ކައުންސެލަރ ޖީނޯލް ބާރީ ވަނީ މިޔަންމާގެ މުސްލިމުންނަށް އެހީވުމުގައި ޙަރަކާތްތެރިވާ އިސްލާމީ ޖަމާއަތެއް ކަމަށްވާ "ބްރިޓިސް އިސްލާމިކް ރިލީފް" ޖަމާއަތާއި ފަރަންސޭސި ދެޖަމާއަތް ކަމަށްވާ "އެކްޝަން އަގެއިންސްޓް ހަންގަރ" އާއި "ޑޮކްޓާސް ވިތްއައުޓް ބޯޑާސް" ގެ މަސައްކަތް މުޅިން ހުއްޓާލުމަށް އަމުރު ކުރައްވާފައެވެ. މިތިން ޖަމާއަތަކީވެސް ހާލުގައި ޖެހިފައިވާ މިޔަންމާގެ މުސްލިމް ރެފިއުޖީންނަށް ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަމާއި ސިއްޙީ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ޖަމާއަތްތަކެކެވެ.
ބަންގްލަދޭޝްގެ ކޮކްސްބާޒާރު ސަރަޙައްދުގައި ތިބި މިޔަންމާގެ ރެފިއުޖީންގެ އިތުރުން ބަންގްލަދޭޝާއި މިޔަންމާގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ އެތަށް ސަރަޙައްދެއްގައި މިޔަންމާގެ މުސްލިމް ރެފިއުޖީންގެ އެތަށް ލައްކަބަޔަކު ވަރަށް ޙާލުގައި ދިރިއުޅެމުންދެއެވެ. މިސަރަޙައްދުތަކުގައި އދ. ންނާއި އިންސާނީ އެހީއަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ ފޭލިގެތަކާއި ދަނޑިފަނުގެ ވަގުތީ ޖިފުޓިތައް ޤާއިމްކޮށްދީފައެވެ.
މިޔަންމާގެ މުސްލިމް ރެފިއުޖީންނަށް އިންސާނީ އެހީދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ބަންގްލަދޭޝްގެ ސަރުކާރުން ހުރަސްއަޅަމުން ގެންދާމައްސަލާގައި ބަންގްލަދޭޝްގެ ސަރުކާރުންބުނީ ކޮކްސް ބާޒާރު ސަރަޙައްދުގައިތިބި މިޔަންމާގެ ރެފިއުޖީންނަކީ ރެފިއުޖީންގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެންތިބި ބައެއްނޫންކަމަށާއި މިބައިމީހުންނަށް އެހީދިނުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމުގައެވެ. ޣައިރުޤާނޫނީ ގޮތުން މިޔަންމާގެ ރެފިއުޖީންނަށް އެހީދިނުމަކީ ކޮކްސް ބާޒާރު ސަރަޙައްދުގައި ފައިހަރުކޮށްލުމުގެ ފުރްސަތު މުސްތަޤްބަލްގައި އެމީހުންނަށް ތަނަވަސްވެގެންދާނެ ކަމެއް ކަމަށާއި އެފުރްސަތު ރެފިއުޖީންނަށް ނުދެވޭނެ ކަމަށް ރެފިއުޖީންނާ މުޢާމަލާތްކުރާ ބަންގްލަދޭޝް ސަރުކާރުގެ އޮފީހުން ނެރުނު ރަސްމީ ބަޔާނެއް ބުނެއެވެ.
މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުން އެޤައުމުގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލައިންސާނީ ޢަމަލުތަކުގެ ތެރޭގައި މުސްލިމުންގެ ގެދޮރުގައި ހުޅުޖެހުމާއި އެމީހުންގެ މުދަލާއި ތަކެތި ފޭރުމާއި އަންހެނުން ރޭޕްކުރުމާއި ކުޑަކުދިން ވަގަށްނެގުމުގެ އިތުރުން ޤަތްލުޢާންމުތައް ހިންގުން ހިމެނެއެވެ. މީގެއިތުރުން ރޮހިންގިޔާ މުސްލިމުން ނަމާދުކުރާ މިސްކިތްތައް ހަލާކުކުރުމާއި ނަމާދުކުރުން މަނާކުރުމާއި އެމީހުންގެ ދީނީ ޢިލްމުވެރިންނާއި ޝަރީޢާ ކިޔަވާ މުސްލިމް ދަރިވަރުން ހައްޔަރުންފަދަ ލާއިންސާނީ ޢަމަލުތައްވެސް ހިމެނެއެވެ. މިހަރުކަށި އަމަލުތައް ހިންގަމުންގެންދާމިންވަރު ރަމަޟާން މަހުގައި ވަރަށް ބޮޑަށް އިތުރުވެގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ބީބީސީ