00:30


މާލެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުން ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް މާލެ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.


އާދަމް މަނިކު މިހެން ވިދާޅުވީ، މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުން ބައެއް ބިންތައް ވިއްކަން މާލޭ މުނިސިޕަލްޓީން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު އިއްތިހާދުން މަދަނީ ކޯޓުގައި ދައުވާ ކުރުމާ ގުޅިގެންނެވެ.


އާދަމް މަނިކު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މި މައްސަލަ ކޯޓަށް ހުށަހެޅީ، ރައްޔިތުންނަށްޓަކައި ސަރުކާރުން ކަމެއް ކޮށްދީފައި ނެތީ އެކަމަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތަރައްގީއަށް ހުރަސްއަޅައި، ރައްޔިތުންގެ "ކަރުގައި ހިފުން" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ބިން ވިއްކުން ބާތިލުކުރުމާމެދު މަދަނީ ކޯޓުން ނިންމާ ނިންމުމެއް ގަބޫލުކުރާނެތޯ ދެންނެވުމުން އާދަމް މަނިކު ވިދާޅުވީ، "ރައީސް ނަޝީދުގެ ސަރުކާރުން ޝަރުއީ ކޯޓަކުން ނިންމާ ކޮންމެ ނިންމުމެއްވެސް ގަބޫލުކުރާނެ" ކަމަށެވެ.


ޖުމްލަ 8.7 މިލިއަނަށް ހުޅަނގު ހާބަރު ސަރަހައްދުން މިހާރު ބިމެއް ވިއްކާފައިވާއިރު، އެހެނިހެން ބިންތަކުގެ އަގު އުޅެނީ އަކަފޫޓެއް 4000 ރުފިޔާ އާއި 6000 ރުފިޔާއަށް ދެމެދުގެ އަދަދަކަށް ކަމަށް މުނިސިޕަލިޓީން ބުނެއެވެ. ނަމަވެސް، ބިން ވިއްކުމުގައި ޤާނޫނާ ޚިލާފު އެތަކެއް ކަމެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެ، އިދިކޮޅު އިއްތިހާދުން މާލޭ މުނިސިޕަލްޓީގެ މައްޗަށް ކުރި ދައުވާގައި ވަނީ،  މުނިސިޕަލްޓީން ބިން ވިއްކަން ނިންމި ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ އަމުރެއް ނެރެ ދިނުމަށް އެދިފައިވެއެވެ.