03 Aug 2012, 19:01
އިސްލާމްދީނުގެ އަޅުކަމުގެ ނިޒާމަކީ ހަމައެކަނި މާތްﷲ ގެ ރަސްކަންފުޅު ހަނދުމަކުރުމާއި އެކަލާނގެ ރަސްކަންފުޅަށް އަޅުވެތިވެ ބޯލެނބުމުގެ ރަސްމުތަކެއް އަދާކުރުމެއް ނޫނެވެ. އަދި ކީއްތޯއެވެ. އިސްލާމްދީނުގައިވާ އަޅުކަމުގެ ނިޒާމަކީ އިންސާނިއްޔަތު ބިނާކޮށް އިންސާނީ ސުލޫކު އުއްތައި އޮފުއެރުވުމުގެ ވަސީލަތެކެވެ. މީގެކުރީންވެސް އަޅުގަނޑު ވަނީ މި މޭރުމުން ވާހަކަކޮޅެއް ލިޔެފައެވެ. އެހެންކަމާއެކުވެސް އަލުން މި މައުޟޫޢަށް ވާހަކަދައްކައިލަން ބޭނުންވީއެވެ. ޝައްކެއް ނެތެވެ. އިސްލާމްދީނުގައިވާ އަޅުކަމުގެ ނިޒާމަކީ މާތްﷲ ގެ ޙައްޤު އަދާކުރަމުން ދާއިރު އެކަލާނގެ އަޅުތަކުންގެ ޙައްޤު އަދާކުރުމުގެ ތަރުބިޔަތު ލިބެމުންދާ ކަންކަމެވެ.
ނަމާދަކީ މާތްﷲ އަށް ޙަމްދާއި ޘަނާއާއި ދުޢާ ދަންނަވަމުން ދާއިރު އެކަލާނގެ އަޅުތަކުންގެ މެދުގައި އޮންނަން ޖެހޭ މުސާވަތުގެ ދަރުސު ލިބޭ ކަމެކެވެ. ރެޔާދުވާލު ފަސް ނަމާދު ކުރާއިރު މުސްލިމުން ތިބެނީ އެކަކު އަނެކަކާ ކޮނޑާކޮނޑު ޖައްސައިގެންނެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނެވެ. މަހުޖަނުންނާއި، އަތްމަތި ދަތި ފަޤީރުންނެވެ. މުޖުތަމަޢުގެ ކަންތައް ތަންޒީމުކުރާ ދަރަޖަވެރި ބޮޑެތި މާތް މީހުންނާއި އާދައިގެ ރައްޔިތުންނެވެ. އެންމެން ތިބެނީ އެއް ތަޅަމެއްގައެވެ. އެއް ސަފެއްގައެވެ. އެކަކު އަނެކަކާ މެދު އެއްވެސް ތަފާތެއް ފަރަޤެއް ނުހުރެއެވެ. އެހެންކަމުން ނަމާދަކީ އަޅުކަމެއްގެ އިތުރަށް އިންސާނީ މުސާވާތުގެ ވަރުގަދަ ފިލާވަޅެކެވެ.
ރޯދަ ހިފާއިރު ފުރިހަމަ އެއް މަސް ދުވަސް ވަންދެން ފަޖުރުލީއްސުރެ އިރުއޮސްފުހުމާ ހަމަޔަށް ނުކައިނުބޮއި ތިބެން ޖެހެއެވެ. ކިތަންމެ މުއްސަނދި މީހަކު ކަމުގައިވިޔަސް މިކަމުގައި ތަފާތެއް ގެނެވޭކަށެއް ނޯންނާނެއެވެ. ހައިހޫނުކަމުގައި ދުވަސްތައް ގުނާ ފަޤީރުންނާ ތަފާތު ވެވޭކަށެއް ނޯންނާނެއެވެ. ނަތީޖާއަކީ މާތްﷲ އަށް ކުއްތަންވެ ތަޤްވާވެރިވުމަށް ކުރާ އަޅުކަމެއްގެ ތެރެއިން ބޭނުން ޖެހިފައިވާ ނިކަމެތި އިންސާނުންގެ ޙާލު އަމިއްލަޔަށް ތަޖްރިބާ ކުރެވުމެވެ. މާތްﷲ އަށް އަޅުކަމެއް އަދާކުރަމުން ދާއިރު އެކަލާޏގެ އަޅުތަކުންގެ ނިކަމެތި ޙާލާމެދު ހަމްދަރުދީވުމުގެ ދަރުސު ލިބެމުން ދިޔުމެވެ.
ޒަކާތަކީ މާލީ އަޅުކަމެއް ފުރިހަމަ ކުރުމެވެ. ތިމާގެ މުދަލުން މާތްﷲ އަށް ޓަކައި ބައެއް ނެރެ، ފަޤީރުންނާއި، މިސްކީނުންނަށް ބަހައިދިނުމެވެ. މާތްﷲ އަށް ކުރާ އަޅުކަމެއްގެ ތެރެއިން އަޅުތަކުންނަށް ޚިދުމަތް ކުރުމުގެ ތަރުބިޔަތެއް ލިބިގަތުމެވެ. މުދަލުގެ ޙަޤީޤީ ވެރި ފަރާތަކީ މާތްﷲ ކަމުގައި އިޢުތިރާފު ވުމާއެކު އެކަލާނގެ އަޅުތަކުންނާމެދު ތިމާގެ ބޮލުގައި އެޅިފައިވާ ޒިންމާ އިތުރަށް ކަށަވަރުގެ އެކަމުގެ އިޙްސާސް ފައްކާވުމެވެ.
ޙައްޖަކީވެސް އަޅުކަމެކެވެ. ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދެބަސްވެ އަރާރުންވުމާއި ތަޅާފޮޅުން ވަނީ ނަހީކުރައްވައިފައެވެ. ޙައްޖުގެ އަޅުކަމުގެ ތެރޭގައި ތަފާތު މިޒާޖުގެ އެކި ޠަބީޢަތުގެ މީހުނާއެކު އުޅެން ޖެހެއެވެ. ރުޅި މަޑުކުރަން ޖެހެއެވެ. ކެތްތެރިވާން ޖެހެއެވެ. އެހެންކަމުން ޙައްޖަކީ މާތްﷲ އަށް ކުރެވޭ އަޅުކަމެއްގެ ތެރެއިން ބައިވެރިވެވޭ ތަރުބިޔަތުގެ އަހަރީ ކޭމްޕެއްގައި ބައިވެރިވުން ފަދަ ކަމެކެވެ. މާތްﷲ ގެ އަޅުތަކުންގެ މެދުގައި ސުލްހަމަސަލަސްކަމާއި އަމަންއަމާންކަމާއެކު ދިރިއުޅުމުގެ ތަރުބިޔަތުގެ ކޭމްޕެކެވެ.