03 Aug 2012, 16:23
އިންޑިއާގެ މައިސޫރުގައި އުޅެނިކޮށް، އޮޅުވާލައިގެން ލިޔެކިއުންތަކެއް އުފެއްދި ކަމުގެ ކުށުގައި ހައްޔަރުކޮށްފައި ތިބި ދެދިވެހިން ނުވަ މަސްދުވަަހަށް ޖަލަށް ލުމަށާއި 8000 ރުޕީސް އިން ޖޫރިމަނާ ކުރުމަށް އިންޑިއާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އިންޑިއާގެ ޑެކަން ހެރަލްޑް ނޫހުން މިއަދު ބުނީ ހުކުމް އައި ދިވެހި ދެމީހުންނަކީ އިބުރާހިމް އަހުމަދު ނަމަކަށް ކިޔާ މީހަކާއި ހުސެން ސާރު ނަަމަކަށް ކިޔާ މީހެއް ކަަމަށެވެ. މިދިޔަ އަހަރު ހައްޔަރުކޮށްފައިވާ އެ ދެ މީހުންނަކީ ވެސް މައިސޫރުގައި ކިޔަވަން ތިބި ދެމީހުން ކަމަށެވެ.
ދިގު މުއްދަތަކަށް އިންޑިއާގައި ތިބުމަށް ފަހު ފުރާއިރު ހޯދަން ޖެހޭ ލިއުމެއް ކަަމަށްވާ ލެޓާ އޮފް ނޯ އޮބްޖެކްޝަން ހޯދުމަށް އެ ދެ މީހުން މިިދިޔަ އަހަރު ކެރެލާ ސްޓޭޓްގެ ތިރިވަންނަންތަޕޫރަމްގެ ކަމިޝަނަ އޮފް ޕޮލިސްގެ އޮފީހަށް ހުށައެޅިކަމަށާއި ، އެކަމަށް ހުށައެޅި އިރު މައިސޫރުގެ ކަމިޝަނާ އޮފް ޕޮލިސްގެ ޑުޕްލިކޭޓް ލިއުމެއް ހުށައެޅި ކަމަށް އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާރު ބަޑްރިނާތުއާ ހަވާލާދީ ނޫހުގައިވެ އެވެ.
ދިވެހި ދެދަރިވަރުން ކެރެލާގެ ކަމިޝަނަރު އޮފް ޕޮލިސްގެ އޮފީހަށް ހުށައެޅި އެންއޯސީއަކީ ޑުޕްލިކޭޓް ލިއުމެއް ކަން ފަޅާ އެރީ އެ އޮފީހުން އެލިއުންތަކުގެ ސައްހަކަން ކަށަަަވަރު ކުރުމަށް މައިސޫެރުގެ އޮފީހަށް ހުށައެޅުމުން ކަމަށް ވެސް ޑެކަން ހެރަަލްޑްގައިވެ އެވެ.
އޮޅުވާލައިގެން ލިއެކިއުންތަކެއް ހުފެއްދި ކަމުގެ ތުހުމަތުގައި ދެ ދިވެހިން އިންޑިއާގައި ހައްޔަރުކޮށްފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.