ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ފަސް ދުވަހަށް ގޭބަންދަށް ބަދަލުކޮށްފި އެވެ.

މާހިރަށް 10 ދުވަހުގެ މުއްދަތު ޖަހައި ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރުގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ފުލުހުން ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު މާހިރު ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ.

އެ އަމުރުގައި ވާގޮތުން މާހިރުގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ބިރުދެއްކުމާއި އިންޒާރު ދިނުމުގެ ކުށެވެ.

މާހިރު ހައްޔަރު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެރޭ އުސްފަސްގަނޑުގައި ވާހަކަ ދައްކަވަމުން ސަލާމާތީ ޚިދުމަތް ދޭ ފަރާތްތަކަށް ހަމަލާ ދިނުމަށާއި އަދި އެފަދަ އަމަލުތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ގޮވާލައި ހިތްވަރު ދެއްވާފައި ވާތީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ނޫސްވެރިންނަށް ދެއްކި ވީޑިއޯއެއްގައި މާހިރު ގޮވާލާފައި ވަނީ އަތުޖެހުނު އެއްޗެއް ހިފައިގެން ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ހަމަލަދީ ހެދުމަށެވެ. އަދި އިސްލާމްދީނުގައި ވެސް އޮތީ ބަޣާވާތް ކުރިމީހުން "އެންމެފަހު މީހާއާ ޖެހެންދެން ތަޅާ ބިމަށް ތިރިއަރުވާލަން" ކަމަށް ވެސް އޭނާ އެ ވީޑިއޯގައި ބުނެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ބޮންޑާ ހައްޔަރު ކުރީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އޭނާ ފަސް ދުވަހަށް ގޭބަންދު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބަންދުގައި ބަހައްޓާ ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާ ފުލުހުންނާ މެދު މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައި ވާތީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ.

އެ އަމުރުގައި ވާގޮތުން ފަސް ކަމެއް ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރެއެވެ. އެއީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި މާރާމާރީ ހިންގުމާއި އަމަންނަގާލަން މަސައްކަތް ކުރުމާއި އިންޒާރު ދިނުމެވެ.