03 Aug 2012, 14:56
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުނަށް އަނިޔާކުރުމަށް ހިތްވަރުދޭ ކަމަށް ބުނާ ފޯނުކޯލެއްގެ މައްސަލާގައި އެމަނިކުފާން އިއްޔެ ފުލުހުންގެ އޮފީހަށް ހާޒިރުކުރުމުން ފުލުހުންކުރި ސުވާލުތަކަށް ޖަވާބް ދާރީވުމުގެ ބަދަލުގައި އެމަނިކުފާން ދެއްވީ އަމިއްލެ ބަޔާނެއްކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އިއްޔެ ނަޝީދު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ، މި އަހަރުގެ މެއި 29 ވަނަ ދުވަހުން ފެށިގެން ފުލުހުންނާ ދެކޮޅަށް އެމްޑީޕީ އިން ހިންގަމުން ގެންދާ ހަރަކާތްތަކުގައި ފުލުހުންނަށާއި ފުލުހުންގެ އުޅަނދުތަކުގެ އިތުރުން އިމާރާތްތަކަށް ދީފައިވާ ގެއްލުންތަކަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެމަނިކުފާނުގެ އިރުޝާދާ އެކު ހިންގާފައިވާ ހަމަނުޖެހުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ އެކަންކަން ސާފުކުރުމަށް ހާޒިރު ކުރި ކުރުމެއް ކަމަށެވެ.
އަދި އިއްޔެ މެންދުރު 14:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ދަންނަވާފައިވީ ނަމަވެސް އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ވަޑައިގެން ޖުމުހޫރީ މައިދާން ހިމެނޭ ސަރަޙައްދުގައި ގިނަ ވަގުތުތަކަކު މަޑުކުރެއްވުމަށް ފަހު ފުލުހުންގެ މަރުކަޒަށް ހާޒިރުވެފައި ވަނީ 15:00 ހާއިރުކަމަށް ވެސް ފުލުހުން ގެ ބަޔާނުގައިވެ އެވެ.
"ފުލުހުންގެ މަރުކަޒަށް ވަޑައިގަތުމަށް ފަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާއި އެ މައްސަލައިގައި ތަޙްޤީޤް މަރުހަލާގައި އެމަނިކުފާނަށް ލިބިދޭ ޤާނޫނީ ހައްގުތައް ބަޔާންކޮށްދިނުމަށް ފަހު މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން އެމަނިކުފާނު ބޭނުންފުޅުވަނީ ހުރިހާ ސުވާލުތަކެއް އަޑުއެހުމަށް ފަހު ޖަވާބު ދެއްވުމަށް ކަމަށް. އަދި މައްސަލައާގުޅޭ ސުވާލުތައްކުރަންފެށުމުން އެމަނިކުފާނު ބޭނުންފުޅުވަނީ ތަހްޤީޤްގައިކުރާ ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި އެމަނިކުފާނުގެ ފަރާތުން ބަޔާނެއް ދެއްވުމަށް،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އަދި ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދު އެ އެ ތަހުގީގަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށާއި ނަމަވެސް ތުހުމަތުކުރެވޭ ކުށް ފުލުހުން ބުނެދީފައި ނުވާކަމަށް ވިދާޅުވެ އެ މައްސަލައާ ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބްދެއްވުމަށް އިއުތިރާޒް ކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އެކުށް ބަޔާންކުރާ ޤާނޫނީ މާއްދާތައް ތަހްޤީޤްކުރާ ފަރާތުން ތަކުރާރުކޮށް ދެންނެވުމުން ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަކުރެވޭ ކުށް ސާފުނުވާކަމަށް ވިދާޅުވެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އިންކާރުކުރައްވާފައިވާ ކަމަށް އެބަޔާނުގައިވެ އެވެ.
އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމާ މަޝްވަރާކުރެއްވުމަށް ފަހު އެމަނިކުފާނުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ބަޔާނެއްގެ ގޮތުގައި ލިޔުމެއް ތައްޔާރުކުރުމަށް ފަހު އެލިޔުން ބަޔާނެއްގެ ސިފައިގައި ލިޔުމަށް ތަހުގީގްޓީމާއި ހަވާލުކުރެއްވި ކަމަށާއި އަދި އެލިޔުން ބަޔާނެއްގެ ސިފައިގައި އިސްލާޙް ކުރެއްވުމަށްފަހު އެބަޔާނުގައި ސޮއިކުރައްވާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން މިހެން ބުނެފައިވާ އިރު ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ކޮބައިކަމެއް ފުލުހުން ބުނެދީފައިނުވާ ކަމަށެވެ. އަދި ފުލުހަށް ހާޒިރު ކުރީ ކުށެއް އޮވެގެން ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ ފުލުހުންގެ ޕީއާރް ކެމްޕޭނެއްގެ ތެރެއިން ކަމަށް ވެސް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.