03 Aug 2012, 13:26
ޖެނީވާ (އޮގަސްޓް 3): ސޫރިޔާގައި ސުލްޙަ ޤާއިމްކުރުމަށް ކުރަމުންގެންދިޔަ މަސައްކަތްތައް ދޫކުރެއްވުމަށް ފަހު، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުން ނުލިބުމުން ކަމަށް ވިދާޅުވެ، އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސޫރިޔާ އަށް ކަނޑައަޅާފައިވާ އދ.ގެ ޚާއްސަ މަންދޫބު ކޯފީއަނާން އިސްތިއުފާ ދެއްވައިފި އެވެ.
ނޫސް ކޮންފަރެންސެއްގައި ޖެނީވާގައި ވާހަކަ ދައްކަވަމުން އަނާން ވިދާޅުވީ ސޫރިޔާގައި ސުލްޙަ ޤާއިމްކުރުމަށް އޭނާ ކުރަމުންގެންދިޔައީ އާދަޔާޚިލާފް ބުރަ މަސައްކަތްތަކެއް ކަމަށާއި މި މަސައްކަތުގެ ބުރަކަމާއެއްވަރުގެ އެއްބާރުލުމެއް ބައިނަލްއަޤްވާމީ މުޖްތަމަޢުން ނުލިބުނު ކަމުގަ އެވެ. ޚާއްސަކޮށް ސޫރިޔާގެ މައްސަލަ ޙައްލުކުރާނެގޮތްތަކާ މެދު ބައިނަލްއަޤްވާމީ މުޖްތަމަޢު ބައިބައިވެފައިވާތީ މަސައްކަތް ކުރިޔަށްގެންދިޔުން އިތުރަށް ދަތިވެގެންދިޔަ ކަމަށް ވެސް އަނާން ވިދާޅުވި އެވެ.
ސޫރިޔާއަށް ކަނޑައަޅާފައިވާ އދ.ގެ ޚާއްސަ މަންދޫބުގެ ޙައިސިއްޔަތުން އަނާންއާ ޙަވަލުކުރެވިފައިވާ މަސައްކަތުގެ މުއްދަތު ހަމަވުމުން އެމުއްދަތު އަލުން އިތުރުކުރަން ބޭނުންނުވާކަމަށް ވިދާޅުވެ އަނާން އިއްޔެ އިސްތިއުފާދެއްވުމުން ދުނިޔޭގެ އެކިޤައުމުތަކުންވަނީ އެކަމާ މެދު ހިތާމަކުރާކަން ހާމަކޮށްފަ އެވެ.
އަނާން އިސްތިއުފާ ދެއްވާފައި ވަނީ ސޫރިޔާގެ ރައްޔިތުންނަށް ވަރަށް ބިކަ ޙާލަތެއް ކުރިމަތިވެ އެޤައުމުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް އާދަޔާޚިލާފަށް އިތުރުވެފައިވާ ވަގުތެއްގަ އެވެ. އަނާން އޭނާގެ މަޤާމުގައި ހުންނެވި ދުވަސްވަރު ވެސް ސޫރިޔާގައި ސުލްޙަ ޤާއިމްކުރުމުގައި އދ. ވަނީ ނާކާމިޔާބުވެފަ އެވެ. އަނާން އިސްތިއުފާދެއްވުމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާންވަނީ އެކަމާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ސޫރިޔާގައި ސުލްޙަ ޤާއިމްކުރުމަށް އަނާންމިހާތަނަށް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. (އަލްޖަޒީރާ)