03 Aug 2012, 02:16
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ފުލުހުން މިރޭ ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިރޭ ދަންވަރުގެ ވަގުތެއްގައި ބޮންޑާ ހައްޔަރު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު ހައްޔަރު ކުރީ މިރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން. އޭނާ ހައްޔަރު ކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކޯޓު އަމުރެއްގެ ދަށުން ބޮންޑާ މިރޭ ހައްޔަރު ކުރި ނަމަވެސް އޭނާ ހައްޔަރު ކުރީ ފުލުހުން ބަލަމުންދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނުބުނެއެވެ. ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ބޮންޑާ ހައްޔަރު ކުރީ ދަރުމަވަންތަ މިސްކިތް ކުރިމަތީ ހުންނަ "މުންސޫން ކެފޭ" ގެ ތެރޭގައި އިންނަވަނިކޮށް ކަމަށެވެ.
މިދޔަ ހަފުތާގައި އެމްޑީޕީން ބޭއްވި ސައިކަލް ބުރުގެ ތެރެއިން ވެސް ވެސް ފުލުހުން ބޮންޑާ ހައްޔަރު ކުރި އެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ނަގާފަ އެވެ. ފުލުހުން ބުނީ މިއަދު ނަޝީދު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައި ވަނީ ފުލުހުންނަށް އަނިޔާ ކުރަން ނަޝީދު ގޮވާލައްވާފައިވާ ފޯނު ކޯލުގެ މައްސަލައިގައި ކަމަށެވެ.