ބާޒާރުމަތީގެ ދެ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި މުދާ ވަގަށް ގެންގޮސްފި އެވެ.

މިރޭ ފަޅާލައިފައި ވަނީ ވަނީ ބާޒާރު މަތީގައި ހުންނަ "ޓޫއެޗްއެމް ބާޒާރު" ފިހާރައާ އެ ފިހާރައާ ޖެހިގެން ހުންނަ ބ. އަތޮޅު ފިހާރަ އިންނެވެ. އެ ދެ ފިހާރައިން ވެސް ބުނީ އެތަނަށް ވަގުން ވަދެފައި ވަނީ ފުރާޅުން ޓިނު ނަގައިގެން ކަމަށާއި އެ ދެ މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމެވެ.

މި ދެ ފިހާރައިގެ ތެރެއިން ފައިސާ ވަގަށް ގެންގޮސްފައި ވަނީ ޓޫއެޗްއެމް ފިހާރައިންނެވެ. އަނެއް ފިހާރާގައި ފައިސާ ނުބަހައްޓާތީ ގެންގޮސްފައި ވަނީ މުދަލެވެ.

ޓޫއެޗްއެމް ބާޒާރު ފިހާރައިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އެ ފިހާރަ ފަޅާލާފައިވަނީ މިރޭ އިރުއޮއްސި 6:00 އާއި 8:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށާއި އެ ފިހާރައިން ލެޕްޓޮޕަކާއި 10،000 ޑޮލަރާއި (ގާތްގަނޑަކަށް 154،200 ރުފިޔާ) އާއި 190،000ރ. ވަގަށް ގެންގޮސްފައިވާ ކަމަށެވެ. ޖުމްލަ އެ ފިހާރައިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ގެންގޮސްފަ އެވެ.

މިއީ މި ރޯދަ މަސް ފެށުނު ފަހުން ވެރިރަށް މާލޭގައި ކުރި އެންމެ ބޮޑު ވައްކަމެވެ.

ބ. އަތޮޅު ފިހާރަ ފަޅައިލީ މިއަދު ހަވީރު 5:15 ގައި ފިހާރަ ބަންދުކުރި ފަހުންނެވެ. ފަޅާލާފައި ހުރިކަން އެނގުނީ މިރޭ ފިހާރަ ހުޅުވި އިރު ވަރަށް ގިނަ މުދާތަކެއް ނެތުމުންނާއި ފިހާރައިގެ ތެރޭގައި ރެޑްބުލް ބުއިމަށްފަހު ފިހާރައިގެ ތެރެއަށް އުކާފައި ހުރުމުންނެވެ.

ފިހާރައިން ބުނީ ވަގަށް ގެންދިޔަ ތަކެތީގެ ތެރެއިން މިހާތަނަށް ފާހަގަ ކުރެވިފައި ވަނީ ގިނަ އަދަދެއްގެ އެނާޖީ ޑްރިންކްސް ކަމަށެވެ. އަދި ބުނީ އެ ސަރަހައްދުގެ ފިހާރަތަކުން ވައްކަން ކުރުމަކީ މިހާރު އާންމުކޮށް ހިނގާކަމެއް ކަމަށެވެ.

ޓޫއެޗްއެމް ބާޒާރު ފިހާރައިން ބުނީ އެ ސަރަހައްދުގެ ފިހާރަތަކުން ވައްކަން ކުރަނީ އާންމު ފާޚާނަ ބަރީގެ ތެރޭގައި ހުންނަ ހަރުގަނޑެއް ބޭނުންކޮށް ފިހާރަތަކުގެ ފުރާޅަށް އަރައި ޓިނު ނަގައިގެން ކަމަށެވެ. އެކަން ހައްލުކޮށްދިނުމަށް ތަކުރާރުކޮށް ފިނޭންސް މިނިސްޓްރީގައި އެދުނުނު ނަމަވެސް މިނިސްޓްރީން އިޖާބަ ދީފައި ނުވާ ކަމަށެވެ.

"އާންމު ފާޚާނަ ބަރީގެ ތެރޭގައި ހުންނަ ހަރުގަނޑަކަށް އަރައިގެން ގޮސް ފިހާރަތަކުގެ ފުރާޅު މައްޗަށް އަރައި ޓިނު ނަގައިގެން ވަދެ ވައްކަން ކުރަނީ. އެއީ ބޮޑު ވެއްޖެކަމެއް! އެކަން ހައްލުކޮށްދިނުމަށް އެދި ތަކުރާރުކޮށް ފިނޭންސް މިނިސްޓްރީގައި ސިޓީ އަކުން ވާނެ ދަންނަވާފަ. ނަމަވެސް އެ މިނިސްޓްރީން އެކަން ހައްލު ނުކުރިތާގަ ޖަވާބެއްވެސް ދީފައިނުވޭ. އެ ހަރުގަނޑު އެތާ ހުރިހާ ހިނދަކު އަދި މިއަށް ވުރެ މާގިނައިން ވެސް ވައްކަން ކުރާނެ،" އެމީހާ ބުންޏެވެ.

ބާޒާރު މަތީގެ ފިހާރަތަކުގެ ޓިނު ނަގައިގެން ބޮޑެތި ވައްކަން ކުރުން ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ވައްކަމުގެ 4075 މައްސަލަ އެއް ފުލުހުންނަށް ހުށަހެޅިފައި ވެއެވެ.