03 Aug 2012, 01:43
ކުރިއަށް އޮތްތަނުގައި ގައުމު ހިންގެން އަނަންނީ އިތުރު ޓެކްސްތަކެއް ތައާރަފުކޮށް އިތުރު ގޮތްތަކަކަށް އާމްދަނީ ހޯދައިގެންކަމަށް ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ ޖިހާދު ވިދާޅުވީ ރާއްޖޭގެ މަލީހާލަތަށް ބަލާއިރު މިދުވަސް ވަރަކީ އެހާ ރަނގަޅު ދުވަސްވަރެއް ނޫން ކަމަށާއި އެހެންކަމުން ވަރަށް ގިނަ ގޮތްގޮތަށް އާންމްދަނީ ހޯދަން ޖެހިފައިވާ ކަމަށެވެ.
އަދި ވިދާޅުވީ މީރާއަކީ ދައުލަތަށް އާމްދަނީ ހޯދައިދޭ ވަސީލަތްކަމުގައި ވާތީ ދައުލަތް ހިންގެނީ މީރާއިން ކުރާ މަސައްކަތުން ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ގައުމު ހިންގެން އޮތީ އިތުރު ޓެކްސްތަކެއް ތައާރަފްވެ އަދި އިތުރު އާންމުދަނީ ތަކެއް ހޯދިގެނޭ. އަޅުގަނޑަށް ޔަގީންކަން އެބައޮތް މިހާރު ތިޔަ މަސައްކަތްކުރާ ފަދައިން އިތުރު ޓެކްސްއެއް އައުމުންވެސް އެ ޓެކްސްތައް ވެސް ހަރުދަނާ ގޮތެއްގައި މީރާއިން ކުރިއަށް ގެންދާނެ ކަމުގެ،" ޖިހާދު ވިދާޅުވި އެވެ.
މީރާއިން ކުރުމުއްދަތެއްގައި ކޮށްފައިވާ ގިނަ މަސައްކަތްތަކަކީ ރެކޯޑެއް ހައްގު މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތްތަކަކީ ދުނިޔޭގެ އެހެން ޓެކްސް އޮތޯރިޓީއަކަށް މިހާތަނަށް ކުރެވުނު ކަމެއް ނޫން ކަމަށް ވެސް ޖިހާދު ވަނީ މިރޭ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ މީރާއަކީ ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާ އޮތޯރިޓީއެއް ކަމަށާއި އެހެންކަމުން އެނަން ހިފަހައްޓަން މީރާގެ މުވައްޒިފުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
މީރާގެ މުވައްޒިފުންނަކީ ސިޔާސީ ވަކި ކުލައަކަށް ޖެހިގެން ޕާޓީ ވިސްނުމުގައި މަސައްކަތް ކުރާ ބަޔަކަށް ނުވުމަށް ވެސް މިނިސްޓާ ގޮވާލެއްވި އެވެ.
"މީރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރުމުއްދަތުގެ ތެރޭގައި މީރާއަށް އިމާރާތެއް ކުރުމުގެ ހިޔާލު މިހާރުވެސް އެބައޮތް އިރާދަކުރެވިއްޔާ މިއަންނަ އަހަރު ނުވަތަ ކުރިއަށްތަނުގައި އަޅުގަނޑު މިމަގާމުގައި ހުރިއްޔާ އެމަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން" މިނިސްޓަރު ޔަގީންކަމެއް ދެއްވި އެވެ.
އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާ މިހާރަށްވުރެ ވެސް ގުޅިގެން މީރާގެ މަސައްކަތްތަށް ކުރިއަށް ގެންދަން މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހަންމަދު ވިދާޅުވީ ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި މީރާއިން މަސައްކަތް ކޮށްފައިވާނީ ހަމަހަމަކަމާއި އަދުލުވެރިކަމާއި އިންސާފާއެކީ ހުރިހާ ޓެކްސް ޕޭޔަރުންނާއިމެދު އެއްހަމައަކުން ކަމަށެވެ.
މީރާއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އެ ގޮންޖެހުންތައް ހުރަސްކޮށް ޓެކްސް މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރި އާންމްދަނީއަށްވުރެ ބޮޑު އާންމު ދަނީއެއް މީރާއިން ދައުލަތަށް ހޯދައިދީފައިވާނެ ކަމަށެވެ.
"ދައުލަތަށް ހަރަދު ކުޑަ ގޮތަކަށް ޓެކްސްގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން އެގޮތުން މިއަހަރު ތެރޭގައި ރާއްޖޭގެ ދެކުނުގަ އާއި އުތުރުގައި ދެ އޮފީހެއް ހުޅުވަން އެބަ ގަސްތުކުރަން އަދި އޮފީސް ނުހުޅުވޭ ހިސާބުތަކުގައި ކައުންސިލްތަކާ ގުޅިގެން އެމަސައްކަތް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން" ޔަޒީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "އިންލެންޑް ރެވެނިއު މެނޭޖްމަންޓް ސިސްޓަމް" ގެނަމުގައި ސޮފްޓްވެއާއެއް ތައާރްފަކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެ ސޮފްޓްވެއާގެ އެހީގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ޓެކްސް ޕޭޔަރުން ގުޅުވާލެވޭނެ ކަމަށެވެ.
އަދި އެސިސްޓަމްގެ އެހީގައި އޮންލައިންކޮށް ޓެކްސް ދެއްކުމާއި ޓެކްސްއަށް ރަޖިސްޓުރީވުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ. މިރޭގެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ މީރާގެ އަހަރީ ރިޕޯޓް ވެސް ނެރުނެވެ.
އެ ރިޕޯޓް ނެރެދެއްވީ ފިނޭންސް މިނިސްޓަރު ޖިހާދެވެ. މީގެ އިތުރުން މީރާގެ މުވައްޒިފުންގެ އަގުވަޒަން ކުރުމުގެ ގޮތުނާއި މީރާއިން ޓެކްސްގެ މައުލޫމާތު ދިނުމުގެ ގޮތުން ހިންގި ކޯހެއް ފުރިހަމަކުރި ބައިވެރިނަށް ސެޓްފެކެޓް ދިނުން ވެސް އޮތެވެ.
އެގޮތުން މިއަހަރު މީރާއިން އަގުވަޒަން ކުރުމުގެ ގޮތުންދޭ އެންމެ ޝަރަފްވެރި އެވޯޑް ހާސިލްކުރީ މީރާގެ ސީނިއާ އޮފިސާ މުހައްމަދު ނާޖިސް އެވެ. މިރާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އަހަރީ ކޭކް ފެޅުންވެސް ބޭއްވި އެވެ. ކޭކް ފަޅައިދިނީ މީރާގެ ބޯޑްގެ މެންބަރުނެވެ.
މީރާއަކީ ދައުލަތުގެ ޓެކުސްސާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން 2010 ވަނަ އަހަރުގެ އޯގަސްޓުމަހުގެ ދެ ވަނަ ދުވަހު އުފެއްދި މިނިވަން މުއަށްސަސާއެކެވެ. މީރާއަށް ދެ އަހަރު ވެފައިވާއިރު އެ މުއައްސަސާއިން ވަނީ ދައުލަތަށް އާންމުދަނީ ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.