06 Jul 2025, 08:49
ބެލުންތެރިންގެ ފަރާތުން ލިބޭ ނެގެޓިވް ކޮމެންޓްތަކާއި ފާޑުކިޔުންތައް ގަވައިދުން ކިޔާ ކަމަށް އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "އާކޯން ކީ ގުސްތާކިޔާ"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާ ޒުވާނާ ޝަނާޔާ ކަޕޫރު ބުނެފިއެވެ.
މި ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝަނާޔާ ބުނީ، އާއްމުންގެ ފަރާތުން ބައެއް ފަހަރު ވަރަށް ހިތްހަމަނުޖެހޭ ފާޑުކިޔުންތައް ވެސް އަމާޒުވާ ކަމަށާއި ނަމަވެސް އެފަދަ މީހުންގެ ފަރާތުން ލިބޭ ފާޑުކިޔުންތަކަކީ ހަގީގަތުގައި އަމިއްލަ މީހާގެ ކުރިމަގަށް ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.
އެގޮތުން ޝަނާޔާގެ ކިބައިގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން އެފަދަ ފަރާތްތަކުގެ ނެގެޓިވް ކޮމެންޓްތަކުގެ ސަބަބުން ދެނެގަނެވި އެކަންކަން ރަނގަޅު ކުރުމަށް މަގުފަހިވެގެންދާ ކަމަށް ޝަނާޔާ ވަނީ ބުނެފައެވެ.

ފިލްމު "އާކޯން ކީ ގުސްތާކިޔާ"ގެ މަންޒަރެއްގައި ޝަނާޔާ އަދި ވިކްރާންތު--ފޮޓޯ/ހިންދުންސްތާންޓައިމްސް
ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާއިރު ބެލުންތެރިންގެ ފަރާތުން ޕޮޒިޓިވް އަދި ނެގެޓިވް ކޮމެންޓްތައް ނުވަތަ ފާޑުކިޔުންތައް އަމާޒުވާނެކަން ގަބޫލުކުރާ ކަމަށާއި އެ ކަންކަން އޭނާ ގޯސް ގޮތަކަށް މާނަ ނުކުރާ ކަމަށް ޝަނާޔާ ވަނީ މީޑިއާގައި ބުނެފައެވެ.
ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ފިލްމީ ތަރިންނަކީ އިންޓަނެޓުގައި މީހުން ކިޔާ ފާޑުކިޔުންތަކަށް ސަމާލުކަން ނުދީ އެފަދަ މީހުންގެ ރައުޔުތަކާއި ދުރުގައި އުޅޭ މީހުން ކަމަށް ޝަނާޔާ ވަނީ ބުނެފައެވެ.
ޝަނާޔާ ހުންނަ ސިފަ އަށާއި ހެދުން އަޅާ ގޮތަށް ވެސް ގިނަބަޔަކު ފާޑުކިޔާ ކަމަށާއި ނަމަވެސް އެފަދަ މީހުންގެ ފާޑުކިޔުންތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ވަނީ ބުނެފައެވެ.
ނަމަވެސް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނެއްގެ ހައިސިއްޔަތުން ލިބޭ ފާޑުކިޔުންތަކުގެ އަލީގައި އޭނާގެ ކިބައިގައި ހުރި ހުނަރު ކުރިއެރުވުމަށް އިތުރަށް މަސައްކަތް ކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށާއި އެގޮތުގައި ކުރިމަގުގައި ވެސް ދެމިހުންނާނެ ކަމަށް ޝަނާޔާ ވަނީ ބުނެފައެވެ.
އެކްޓަރު ވިކްރާންތު މަސޭއާ އެކު ޝާނާޔާ ފިލްމީ ދާއިރާއަށް ތައާރަފްވާ ފިލްމު "އާކޯން ކީ ގުސްތާކިޔާ" އަކީ ޒީ ސްޓޫޑިއޯސް އާއި މިނީ ފިލްމްސް ގުޅިގެން ސަންތޯޝް ސިންގް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.