ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުލުހަށް ހާޒިރު ކުރީ ކުށެއް އޮވެގެން ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ ފުލުހުންގެ ޕީއާރް ކެމްޕޭނެއްގެ ތެރެއިން ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ރާއްޖެ ޓީވީގައި ބުނެފި އެވެ.

"ރައީސް ނަޝީދު ހާޒިރުކުރި އިރު ކުށަކީ ކޮބައިކަން ފުލުހުންނަށް ސާފުކޮށްދެވިފައެއް ނުވޭ. އަޅުގަނޑުމެނަށް ފެނީ ޕީއާރް ކެމްޕޭނެއް ގޮތަށް ކުރެއްވި ކަމެއް ގޮތުގައި،" ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވި އެވެ.

ހަމައެކަނި ރާއްޖެ ޓީވީއަށް ދިން އިންޓަވިއުގައި ހިސާން ވިދާޅުވީ ރައީސް ނަޝީދު ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވާފައި ވަނީ ޗިޓެއް ނޫން ފުލުހުން ފޮނުވާފައި ވަނީ ރިކްއެސްޓެއް ކަމަށެވެ. މިއަދު އެމަނިކުފާނު ހާޒިރުވެ ވަޑައި ނުގެންނެވި ނަމަވެސް ނަމަ ފުލުހުންނަށް ކުރެއްވޭނެ ކަމަކީ އަލުން ޗިޓެއް ފޮނުއްވުން ކަމަށާއި ފުލުހުންގެ ބަޔާނުގައި ބުނެފައިވާފަދަ އެއްވެސް ފިޔަވަޅެއް ނޭޅުއްވޭނެ ކަމަށެވެ.

"ރައީސް ނަޝީދު ފުލުހަށް ވަޑައިގެންނެވީ ފުލުހުން ކުރާ ތަހުގީގަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން. ރައީސް ނަޝީދު މިއަދު ގައުމީ ހިންގާ ކޮމެޓީގެ މެންބަރުންނާ ބައްދަލު ކުރައްވާފައި އެގޮތަށް ނިންމެވީ،" ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަަސަން ލަތީފު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މިއަދު ރައީސް ނަޝީދުގެ ހާޒިރުވެ ވަޑައިގަތުމުން ތަހުގީގުކުރިއަށް ދިޔަ އިރު މޮނީޓާކުރަން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުން ވަކި ކޮޓަރިއެއްގައި ތިއްބެވި ކަމަށާއި ނަމަވެސް އެކަން ކޮށްފައިވާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެބޭފުޅުން ތިއްބެވި އިރު ގާނޫނީ ގޮތުން އެކަން ބައްލަވަންޖެހިވަޑައިގަންނަވާ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތްޕުޅުން ބޭފުޅަކު ވަޑައިގެން ނެތް ކަމަށެވެ.

"އޭގެ ޒާތުގައި ރަނގަޅު ކަމަކަށްވީ ނަމަވެސް ފުލުހުން އެކަން ކުރީ ޕަބްލިކް ރިލޭޝަންސް [ޕީއާރް] ސްޓަންޓެއް ޖެއްސުމުގެ ގޮތުން. ރައީސް ނަޝީދުވެސް އެކަމާ ސުވާލު ކުރެއްވި، ފުލުހުން ބުނި އެ ކަމަކީ އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ކުރާ ކަމެއް ނޫން ކަމަށް،" ހަސަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ތަހުގީގުތައް މޮނީޓާކުރާ ނަމަ އެންމެ މައްސަލައެއްގައި އެކަން ކުރުމުގެ ފުރުސަތު ދިނުމުން ފުލުހުންގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށާއި އަދި މަޖުބޫރުކޮށްގެން ފުލުހުން ބަޔާން ނަގާ ކަމަށް ތުހުމަތުކުރެވޭ އިރު މި ގޮތަށް ކުރާ ތަހުގީގުތަކާއި ބަޔާންތައް ނަގާ އިރު މޮނީޓާކުރުމުގެ ފުރުސަތު ތަފާތުކުރުމެއް ނެތި ހުރިހާ މައްސަލައެއްގައި ދޭންޖެހޭނެ ކަމަށެވެ.

ހިސާން ވިދާޅުވީ ފުލުހުންގެ ތުހުމަތުގައި ބުނެފައި ވަނީ މޭ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފުލުހުންނަށާއި ފުލުހުންގެ މުދަލާ ތަކެއްޗަށް ގެއްލުންދެމުން ގެންދާތީ އެ ކަމަކީ ރައީސް ނަޝީދުގެ އިރުޝާދަށް ކުރާ ކަންކަން ކަމަށާއި ނަމަވެސް އެއީ ކޮންތާކުގައި ކޮން އިރަކު ކުރި ކުށްތަކެއް ކަމެއް ނުވަތަ ދީފައި ވަނީ ކޮން ގެއްލުންތަކެއް ކަމެއް ފުލުހުންނަށް ސާފުކޮށެއް ނުދެވުނު ކަމަށެވެ.

"ރައީސް ނަޝީދުގެ މައްޗަށް ކުރާ ތުހުމަތު ސާފެއް ނުވޭ. އެކަން ސާފުވެގެން އެމަނިކުފާނަށް ވާހަކަފުޅު ދެއްކެވޭނީ،" ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް ތުހުމަތުކުރައްވަނީ ކޮން ކުށެއްކަން ނޭނގޭތީ ދިފާއުގައި ވިދާޅުވާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވި ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ ކުރިން ފުލުހުން ބުނަމުން އައި ބުނުމާ މިއަދު ތަހުގީގުގައި ދެއްކި ވާހަކަތަކާއި ދިމާ ނުވާ ކަމަށާއި ކުރިން ބުނަމުން އައި ފޯނުކޯލެއްގެ ވާހަކައިން ސުވާލުކޮށްފައި ނުވާ ކަމަށެވެ.

ރައީސް ނަޝީދުގެ ދެ ގާނޫނީ ވަކީލުން ވިދާޅުވީ މިއަދު ރައީސް ނަޝީދު ފުލުހަށް ވަޑައިގެންވި އިރު އެމަނިކުފާނު ފައިގައި މީހަކު ބޫޓުން ޖަހާފައިވާ ކަމަށައި އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހިއިރު އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި މީހުންނަށް އަމާޒުކޮށް ވެސް ސްޕްރޭ ކުރި ކަމަށެވެ.