00:26


ރިސޯޓުތަކުގައި މިހާރު ކުރަމުންދާ ހަޅުތާލުތަކަކީ ގާނޫނު އަސާސީން ބާރު ލިބިގެން ކުރާ ހަޅުތާލުތަކެއް ނޫން ކަމަށާއި ރިސޯޓުތަކުގައި އެފަދަ ހަޅުތާލުތައް ނުކުރުމަށް ލޭބަރ މިނިސްޓްރީ ގޮވާލައިފި އެވެ.


ލޭބަރ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ގާނޫނުން ބޭރުގައި ހަޅުތާލު ނުކުރުމަށް މީގެ ކުރިން ވެސް އެ މިނިސްޓްރީން އިލްތިމާސް ކޮށްފައިވާނެ ކަމަށެވެ.


"ރާއްޖޭގެ ރިސޯޓުތަކުގައި މިފަހަކަށް އައިސް ކުރަމުންދާ ހަޅުތާލުތަކަކީ އަދި އެއްވާ އެއްވުންތަކަކީ އެ ރިސޯޓުތަކުގެ މިލްކުވެރިން ނުވަތަ މެނޭޖްމެންޓްތަކުގެ ރުހުން ލިބިގެން އެ ރިސޯޓުތަކުގައި ކުރަމުންދާ ހަޅުތާލުތަކެއް ކަމަކަށް ނުބެލެވެ އެވެ،" ލެބަރ މިނިސްޓްރީގެ އެ ނޫސް ބަޔާނުގައިވެ އެވެ.


ގާނޫނު އަސާސީއާ ހަވާލާދީ ބުނެފައި ވަނީ ގާނޫނު އަސާސީގެ 31 ވަނަ މާއްދާގެ ދަށުން އިހުތިޖާޖްކޮށް ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ވަޒީފާ އަދާ ކުރާ މީހުނާއި މަސައްކަތްތެރިންނަށް ލިބިދޭ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ވެސް ކޮންމެ މީހަކަށް ލިބިދޭއިރު 40 ވަނަ މާއްދާގެ (ހ) އިން މުދާ ހޯދުމާއި މިލްކު ކުރުމާއި ވާރުތަކުރުމާއި ދިނުމާއި މުދަލުން މުއާމަލާތް ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.  ނޫސް ބަޔާނުގައި ބުނަނީ ގާނޫނު އަސާސީގެ މި މާއްދާތަކަށް ބަލާއިރު ހަޅުތާލު ކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ އަސާސީ ހައްގެއް ކަމަށާއި މިނިވަން ކަމެއް ކަމަށާއި އެހެންކަމުން މުދާ ހިމާޔަތް ކުރުމާއި އެ މުދަލުން މުއާމަލާތް ކުރުމުގެ ހައްގަކީ ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގެކަން ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ކަމަށެވެ. މިއިން އެއްވެސް ހައްގެއް ނުވަތަ މިނިވަން ކަމެއް ތަންފީޒު ކުރުމުގައި ގާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ އެހެން ހައްގެއް ނުވަތަ މިނިވަންކަމެއް ތަންފީޒު ނުކުރެވޭ ގޮތަށް ބޭނުން ކުރުމަކީ ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ނޫސްބަޔާނުގައިވެ އެވެ. ލޭބަރ މިނިސްޓްރީން ބުނެފައިވަނީ ހަޅުތާލެއް ނުވަތަ އެއްވެ އުޅުމެއް ގާނޫނު އަސާސީ ބުނާ ގޮތަށް ކުރާ ހަޅުތާލަކަށް ނުވަތަ އެއްވުމަކަށް ވާނީ އެހެން ފަރާތްތަކަށް މުދަލުން މުއާމަލާތް ކުރުމުގެ ހައްގު ނުވަތަ އެނޫންވެސް ހައްގަކަށް އުނިކަން ނާންނަ ގޮތަށް ކުރެވޭ ހަޅުތާލަކަށް ވާ ނަމަ ކަމަށެވެ.


"...ފިހާރައެއްގައި ނުވަތަ ފެކްޓަރީއެއްގައި ނުވަތަ ރިސޯޓެއްގައި ނުވަތަ ގެއެއްގައި ހަޅުތާލު ކުރުން ހުއްދަވާނީ އެތަނުގެ މިލްކުވެރި ފަރާތުގެ ނުވަތަ ގާނޫނަކުން ކޮންޓްރެކްޓެއްގެ ދަށުން އެތަން ހަވާލުކޮށްފައިވާ ފަރާތުގެ ރުހުން އޮވެގެން ކުރާ ހަޅުތާލެއް ނުވަތަ އެއްވުމެއް ކަމުގައި ވަނީނަމަ އެވެ،"ނޫސް ބަޔާނުގައިވެ އެވެ.