02 Aug 2012, 23:27
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވި ވަގުތު ޖުމްހޫރީ މައިދާން ސަރަހައްދުގައި މިއަދު މުޒާހަރާކުރި މީހުންގެ ތެރެއިން ބަޔަކު، އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ސިފައިންގެ ދެ މީހަކަށާއި އެ ވަގުތު ޑިއުޓީގައި ހުންނެވި ސިފައިންގެ އޮފިސަރަކަށް އެކިވަރުގެ އަނިޔާ ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެ އަމަލުތައް ކުށްވެރިކޮށް މިރޭ އެމްއެންޑީއެފް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސިފައިންގެ މީހަކަށާއި ސިފައިންގެ އޮފިސަރަކަށް އަނިޔާކޮށްފައި ވަނީ އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާއި ދިމާކޮށް އެމީހުންނާއި ނޭދެވޭ ބަސްތަކުން މުއާމަލާތްކޮށް ސިފައިންގެ ވާޖިބަށް ހުރަސް އެޅުމަށް ފަހު ކަމަށެވެ.
އަދި މުޒާހަރާތެރޭ ސަލާމަތީ ކަންތައްތައް ބަލަހައްޓަންތިބޭ ބަޔަކާމެދު މިއަދު އެ ހިންގާފައިވާ އެ އަމަލަކީ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެ އަމަލުތަކީ ސުލަހަވެރި އެއްވުންތަކެއްގައި ފެނިގެންދާނެ އަމަލުތަކެއް ކަމަށް ގަބޫލު ނުކުރާކަމަށް ވެސް އެބަޔާނުގައި ބުނެފަވެ އެވެ.
"މިއަދު އެ ހިންގި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލަކީ ސަލާމަތީ ކަންތައްތައް ބަލަހައްޓަންތިބޭ ބަޔަކާއިމެދު އެއްގޮތަކަށްވެސް ހިންގެންވާނެ އަމަލުތަކެއް ނޫން ކަމުގައި ދެކެމެވެ،" ބަޔާނުގައި ވެއެވެ.
މިއަދު ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވެ މުޒާހަރާކޮށްފައި ވަނީ އެމްޑީޕީންނެވެ. އެ ޕާޓީން މުޒާހަރާކުރީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ފުލުސް އޮފީހަށް ހާޒިރުކުރުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު ފުލުސް އޮފީހަށް ހާޒިރުކުރެއްވީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފުލުހުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ހަރަކާތްތަކުގައި ފުލުހުންނަށް ހަމަލާދީ ފުލުހުންނަށް ނިސްބަތްވާ އުޅަނދުތަކާއި އިމާރާތްތަކަށް ދީފައިވާ ގެއްލުންތަކަކީ ނަޝީދު އިސްވެ ހުންނަވައި ރާވައިގެން އެމަނިކުފާނުގެ އިރުޝާދާއެކު ހިންގާފައިވާ ހަމަނުޖެހުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ތަޙްޤީޤުގައި އެމަނިކުފާނާ ސުވާލު ކުރަން ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.