ލަންޑަން (އޮގަސްޓް 2): މެދުތެރޭ އެފްރިކާއާއި ހުޅަނގު އެފްރިކާގެ ބައެއް ޤައުމުތަކުގައި މިލިޔަނަކަށްވުރެގިނަ ކުޑަކުދިން ހައިހޫނުކަމާއި ކާޑުބަލީގެ ވޭން ތަޙައްމަލް ކުރަމުން ގެންދާކަމަށާއި ކާބޯތަކެތީގެ އަވަސް އެހީ ފޯރުކޮށް ނުދެވިއްޖެނަމަ މިސަރަޙައްދުން އެތަށްހާސް ކުޑަކުދިންނެއް ބަނޑަށް މަރުވެދާނެކަމުގެ އިންޒާރު އިންސާނީ އެހީފޯރުކޮށްދިނުމަށް މަސައްކަތްކުރާ ދެޖަމާއަތަކުން ދީފިއެވެ.

"ސޭވްދަޗިލްޑްރަން" އާއި "ވޯލްޑް ވޭގިން" ބުނިގޮތުގައި މެދުތެރޭ އެފްރިކާއާއި ހުޅަނގު އެފްރިކާގެ ބައެއް ޤައުމުތައްކަމަށްވާ މާލީ، ނައިޖަރު، މޮރިޓޭނިޔާ، ބޯކީނާފާސޯ، ޗާޑް އަދި ސެނެގޯލްގައި 18 މިލިޔަން މީހުން ހައިހޫނުކަމާކުރިމަތިލާންޖެހިފައިވާއިރު މީގެތެރެއިން އެއްމިލިޔަން ކުޑަކުދިންނަށް ކާޑުބަލިޖެހިފައިވާކަމުގައެވެ.

އިންސާނީ އެހީފޯރުކޮށްދިނުމަށް މަސައްކަތްކުރާ އެހެން ޖަމާއަތެއްކަމަށްވާ "އޮކްސްފާމް" އިންވަނީ މީގެހައެއްކަމަސްކުރިން މިސަރަޙައްދުގެ ޤައުމުތަކުގައި ހައިހޫނުކަމުގައި މީހުން މަރުވަމުންދާކަމުގެ އިންޒާރުދީފައެވެ. ނަމަވެސް މިއިންޒާރާގުޅިގެން ބައިނަލްއަޤްވާމީ މުޖްތަމަޢުން މިސަރަޙައްދުގެ ޤައުމުތަކަށް އިންސާނީއެހީ ފޯރުކޮށްދިނުމަށް މާބޮޑު ސަމާލުކަމެއް ދީފައެއްނުވެއެވެ. ނަތީޖާއެއްގެގޮތުން މިސަރަޙައްދުގައި ހައިހޫނުކަން ތަޙައްމަލްކުރަމުން ގެންދާމީހުންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށާ ހައިހޫނުކަން ތަޙައްމަލްކުރާ މައްސަލައަށް ނިމުމެއްއައުމުގެ ކޮޅުމަތިފެންނަންނެތް ކަމަށް "ސޭވްދަޗިލްޑްރަން" އާއި "ވޯލްޑް ވޭގިން" ބުނެއެވެ.

މެދުތެރޭ އެފްރިކާގެ ޤައުމުތަކަކީ ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ޤައުމުތަކެވެ. މީގެތެރެއިން ގިނަ ޤައުމުތަކަކީ ކަނޑުގެ އައްސޭރިނެތް ބިމުގެގޮތުން ބަންދުވެފައިވުމުގެ އިތުރުން ހަނަފަސްކަން ބޮޑު ވާރޭވެހުންމަދު ޤައުމުތަކެވެ. މިޤައުމުތަކުގައި ގިނަބަޔަކު ބަނޑަށްޖެހެމުންދަނީ ހަނަފަސްކަމުގެ ސަބަބުންނާއި ބައެއް ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް އިންސާނީ އެހީގެ ރޮނގުން މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ. -- ބީބީސީ