މަޝްހޫރު ފިލްމު ޑައިރެކްޓަރު ވިޝާލް ބަރަދުވާޖް އަލަށް އުފައްދާ ފިލްމުން އެކްޓަރު ޝާހިދު ކަޕޫރާ އެކު ބަތަލާ ދިޝާގެ ޚާއްސަ ފެނިލުމެއް ފެންނާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމަކީ ޝާހިދާއި ޑައިރެކްޓަރު ވިޝާލް 17 އަހަރަށްފަހު އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ދެ މީހުން އެކީގައި ކުރިން މަސައްކަތްކުރި ފިލްމުތަކުގެތެރޭ "ރަންގޫން"، "ހައިދަރު" އަދި "ކަމީނޭ" ހިމެނެއެވެ.

ދިޝާގެ ޚާއްސަ ފެނިލުންތަކެއް ޝާހިދުގެ އާ ފިލްމުން ފެންނާނެކަން އެ ފިލްމު ގެނެސްދޭ ސާޖިދުނަދިއަދުވާލާގެ ފިލްމު ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަންއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މި ފިލްމުގައި ދިޝާ ކުޅެން ހަމަޖެހިފައިވާ ރޯލަކީ ބަތަލާއަށް ޚާއްސަކޮށް ސްކްރިޕްޓްގައި ހިމަނާފައިވާ ރޯލެއް ކަމަށް ޑައިރެކްޓަރު ވިޝާލް ވަނީ ބުނެފައެވެ.

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރު، ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް އަދި ބަތަލާ ދިޝާ ޕަޓާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ޕޯސްޓަށް ޖަވާބުދެމުން ދިޝާގެ ބައެއް ސަޕޯޓަރުން ބުނެފައި ވަނީ ދިޝާއަކީ އުފެއްދުންތެރި ރަނގަޅު ރޯލްތައް ހައްގު ބަތަލާއެއް ކަމަށާއި މި ފިލްމުގައި ދިޝާގެ ފެނިލުމަށް އިންތިޒާރުކުރާ ކަމަށެވެ.

ދިޝާގެ އިތުރުން ޝާހިދާކު މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެތެރޭ ތުރިޕްތީ ދިމްރީ، ނާނާ ޕަޓޭކަރު، ރަންދީޕް ހުޑާ އަދި ވިކްރާންތު މަސޭ ހިމެނެއެވެ.

ނަމަވެސް މި ތަރިން ފިލްމުގައި ފެންނަ ކެރެކްޓާތަކާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާގެ ބައެއް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައި ވަނީ ދިޝާ މި ފިލްމުގެ ވަރަށް ޚާއްސަ ދެ ލަވައަކުން ފެންނާނެ ކަމަށެވެ.

ދިޝާގެ ފެނިލުން އެންމެފަހުން ފެނުނު ފިލްމުތަކުގެތެރޭ މިދިޔަ އަހަރު ރިލީޒްވި ފިލްމު "ޔޮދާ"، "ކަލްކީ" އަދި ތަމަޅަ ފިލްމު "ކަންގުވާ" ހިމެނެއެވެ.

ދިޝާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް އިނގިރޭސި ފިލްމު "ހޮލިގާޑްސް" އަދި ހިންދީ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ހިމެނެއެވެ.