ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުލުހުސް އޮފީހަށް ހާޒިރު ކުރި ވަގުތު އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިރޭ ވިދާޅުވީ މިއަދުގެ މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 28 މީހަކު ގެންދިޔަ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން 26 މީހަކު ދޫކޮށްލީ ފުލުހުން ނަސޭހަތް ދިނުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ފުލުހުން ހައްޔަރު އެންމެނަކީ ވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އާންމުން ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ފުލުސް އޮފީހަށް ހާޒިރު ކުރީ ފުލުހުންނަށް ހަމަލާދިނުމަށް ގޮވާލައްވައި އާންމުވެފައިވާ ފޯން ކޯލެއްގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އެ ފޯން ކޯލްގައި ނަޝީދު ވިދާޅުވެފައި ވަނީ ފުލުހުންގެ ގައިގައި "ތަޅާލުމަށް" ކުދިން ކޮޅެއް ހޯދުމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ފޯން ކޯލަކީ ނަޝީދު ނުކުރައްވާ ކޯލެއް ކަމަށް އޭނާ އިންކާރު ކުރައްވާފައެއް ނުވެ އެވެ.

ނަޝީދު ފުލުސް އޮފީހަށް ހާޒިރުވި ވަގުތު ފުލުސް އޮފީސް ކައިރީގައި ގިނަ އަދެދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި އެ މުޒާހަރާތެރޭގައި އާންމުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތައް ވެސް ހިނގާފައިވެ އެވެ.