ރާއްޖެއާއި އެމެރިކާއާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުވިތާ 60 އަހަރުފުރުން އަންނަ އަހަރު ފާހަގަކުރުމަށް އުންމީދުކުރައްވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވަނީ، މިއަދު ފާހަގަކުރާ އެމެރިކާގެ މިނިވަން ދުވަހާ ގުޅިގެން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެމެރިކާގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ މެސެޖާ ހަވާލާދީ ރައީސް އޮފީހުން ބުނީ، އަންނަ އަހަރު، ދިވެހިރާއްޖެ އާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެއްވުމަށް ކުރައްވާ އުންމީދުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވި ކަމަށެވެ.

އެ މުނާސަބަތު ވާނީ ދެ ޤައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭ މުނާސަބަތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ކަމުގެ އިތުބާރު އެބައޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ދެއްވާފައެވެ.

މިއަދަކީ އެމެރިކާގެ 249 މިނިވަން ދުވަހެވެ.