މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިލަތިލާން އިއްޔެ ހުޅުވާލައިފިއެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ދޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރާ "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓު"ގައި ހިމެނޭ ދާއިރާތަކުންނެވެ.

ރައީސްގެ ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީއަށް ވުރެ މަތީ ފާހެއް ހޯދި ދަރިވަރުންނަށެވެ. އެގޮތުން، އެ ސްކޮލަޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ކޮށްދެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުތަކެއްގައި ވަނީ، އެ ސްކޮލަޝިޕްތައް ލިބޭ ކަމަށް ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުންނަށް މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން، މިއަދުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އެއީ، އެ މުއްދަތުގެ ތެރޭގަިއ ކިޔެވުން ފެށުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ޖެހޭތީ ކަމަށް އިއުލާނުގައި ވެއެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލާއިރު ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް:

  • ސްކޮލަޝިޕް ލިބޭ ފަރާތެއްކަން ކަނޑައަޅައި އެޑިއުކޭޝަން މިނިސްޓްރީން ދޫކުރި ލިޔުން

  • މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނު ނިންމުމުން ލިބިފައިވާ ސެޓްފިކެޓުތަކުގެ ދެފުށުގެ ކޮޕީ
  • ޖީސީއީ އޯލެވެލް، އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިނގިރޭސި މާއްދާއިން 'ސީ'އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓުގެ ދެފުށުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ފާހަގަކޮށްލެވޭ ގޮތުގައި، ފާއިތުވި ދެ އަހަރުގެ އޯލެވެލްއާއި އޭލެވެލް އިމްތިހާނުން އެންމެ މަތީ މާކްސް ލިބިގެން ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު 1800 އަށްވުރެ ގިނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.