07 Jul 2025, 09:52
"ތިބާއަށް ހުރިހާކަމެއް ކޮންޓްރޯލް ނުކުރެވޭނެއެވެ. ބައެއްފަހަރު ޖެހޭނީ ހިތްހަމަޖައްސާލާ ﷲއަށް ވަކީލުކޮށް ހުރިހާ ކަމެއް ރަގަޅުވާނެކަމަށް އުއްމީދުކޮށްގެން ހުރުމެވެ. ދިރިއުޅުމުގެ ކަންތައް ހިނގާ ގޮތް ދެކެން ހުރުމެވެ. ތިބާއަށް ކުރެވޭނެ ކަމަކީ އީމާންކަން ވަރުގަދަކޮށް ދުޢާކޮށް ސާލިހު އަމަލުތައްކޮށްގެން ހުރުމެވެ."
***
"އަހެދް........."ބާބިލް ހަޅޭއްލަވައިގަތެވެ."އަވަހަށް އާދެބަލަ.....މި ނައީމްބެ އަހެދްގެ ފޮޓޯ ޓިކްޓޮކަށް ލައިގެން..."
އަހެދްގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. އޭނަގެ ދަރިއެކޭ ކިޔާފައި ފޮޓޯއެއްލުމުން އެއަށް އެތައް މީހުން ލައިކްކޮށް އަދި ވަރަށް ކޮމެންޓްތައް ކޮށްލާފައި ހުއްޓެވެ. އެންމެންވެސް އަހެދްގެ ރީތިކަމާއި އަޅައިގަނެފައެވެ. ނައީމްއަށް މަލާމާތްކޮށްފައި އަންހެންދަރީގެ ފޮޓޯ ލައިގެން މަޝްހޫރުކަން ހޯދަން އުޅެނީއޭ ކިޔާފައިވެސް އެކަން ހުއްޓާލަން ގޮވާލާފައިވިއެވެ. އަހެދްގެ ލޯ ބަރާވީ ރުޅީގެ ކަރުނައިންނެވެ. ވަގުތުން ނައީމްއަށް ގުޅާފައި އޭނަގެ ފޮޓޯ ނަގަން އެދުނެވެ. ނަމަވެސް ނައީމްއަށް ވިސްނުނީ އަހެދްގެ ފޮޓޯ ލުމުން އޭނަގެ މަޝްހޫރުކަން އިތުރުވިކަމެވެ. ނައީމް އިންޒާރުދިނީ ބުނާވަރަކަށް ފައިސާ ނުދީފިއްޔާ އަދި އިތުރު ފޮޓޯތައް ލާނެކަމުގައެވެ. ނަމަވެސް އަހެދް ފައިސާ ހޯދާނީ ކިހިނެއްހެއްޔެވެ؟
އަހެދް ބަދިގެއާއި ދިމާލުން ނުކުމެވޭ ބައިގާ ވެއްޓިފައި އޮތް ގަސްގަނޑެއްގެ މަތީގައި އިށިދެލައިގެން އިނެވެ. ބާބިލް ކުނިނަގަން ހުއްޓަސް އަހެދް ހުރީ މަސައްކަތްކުރާކަހަލަ މޫޑެއްގައެއް ނޫނެވެ.އޭނަގެ ގަޔަކު އެހާ ހަކަތައެއްނެތެވެ. ވިސްނަމުންގޮސް ސިކުނޑި ގޮވާވަރުވެއްޖެއެވެ.
"ބައިލައްކަ ރުފިޔާ މާ ބޮޑުވިއްޔަ. ތަންކޮޅެއް ކުޑަ އަދަދެއް ނަމަ ބާބްވެސް ދީފާނަން..."
"އޭނަ އިތުރު ފޮޓޯތައްވެސް ލާނަމޯ."
"މިކަހަލަ ކަންތައް ހުއްޓުވޭނެ އިދާރާތައް ހުންނާނެ. ހިނގާ މީހެއްގެ އެހީތެރިކަން ހޯދަން....."
ބާބިލް އިރުކޮޅަކުން ބަދިގެއަށް ވަދެލާފައި އައީ އަލަނާސި ޖޫސްތަށްޓެއް ހިފައިގެންނެވެ."ސިކުނޑިއަށް ތަންކޮޅެއް ފިނިވާނެ. އަވަހަށް ބޯލާ. ޒަހްރާއްތަވެސް ނަމާދަކުކޮށްލައިގެން ގުރުއާން ކިޔަވަން އުޅެނިކޮށް ޖޫސްތަށްޓެއް ދީފައި މިއައީ. ދެމީހުން އެއްފަހަރާ މިފަހަރު ނަމާދު ޗުއްޓީވެސް މިވީ ދޯ ހެހެ.. ކަންތައްތަކާއި ވިސްނާ ސިކުނޑި ގޮއްވާކަށް ނޫން ދުނިޔެއަށް އައީ. މިއީ ވަގުތީ ތަނެއް. ކަމަކާއި ދިމާވެއްޖެއްޔާ ދުޢާކޮށްފައި މަސައްކަތްކުރަންވީ. ކޮންމެ ނުބައިކަމެއްގެ ފަހަތުގައި ހެޔޮކަމެއްވާނެ..."
ބާބިލް ފޯނު ހުޅުވައިލުމާއެކު އަހެދްއަށް ގޮވާލުމާއެކު އޭނަގެ ހިތަށް ފިނިވިއެވެ. މިފަހަރު ފެނުނީ ކޯނޗެއްހެއްޔެވެ؟އަހެދް ބަލައިލިއިރު މިފަހަރު ނައީމްގެ ޓިކްޓޮކް ތަފާތެވެ. އޭނައާއި މައިރާގެ ފޮޓޯއެއްލާފައި ވިލްދާންގެ އެއް ދަރި ވިލާތުގައި އުދުހޭއިރު އަނެއް ދަރިއަށް އެ މުދަލުން ބައި ލާރިވެސް ނުދޭކަމަށެވެ. ވިލްދާންގެ ދަރި ބަލަން ޖެހުނީ އޭނައަށް ކަމަށާއި އޭނައަށް އެކަމުގެ ބަދަލު ދިނުން ހައްގުކަމުގައެވެ.
"އަސްތަޣުފިރުﷲ....ޓޫ މަޗް. ފައިސާއާއިހެދި މޮޔަވިޔަސް މިހެން ކަބި ވީމަ.....މައިގެ ފޮޓޯ މިތަނަށް ލައިގެން ނުވާނެއްނު...މީހުންގެ ކުށެއްނެތް ކުދިންވެސް ބަދުނާމްކުރަން.... މި ބޭން ކުރަންޖެހޭ.މީހުންގެ ހުއްދަނެތި މިހެން ފޮޓޯ ލެވިގެންނުވާނެ.."އަހެދްއަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ."ސެހެރް އާންޓްވެސް ހިތަށް އަރާނީ ކީކޭ؟ އަހަރެންވެސް ބައިވެރިވަނީއޭ. ނައީމް މޮޔަވީތަ؟"
"ގުރައިދޫއަށް ލާންވީ. ނޫނީ ޖަލަށް.މީޙުންގެ ކަރާމާތްތެރިކަމަށް އަރައިގަންނަ މީހުންނަށް ޓިކްޓޮކް ކުޅެވިގެންނުވާނެ.."
އެ ޓިކްޓޮކް ވައިރަލްވެ އެންމެންގެ ތުހުމަތުގެ އިނގިލި ވިލްދާންއަށް ދިއްކުރިއެވެ. ނައީމްގެ ބަސްތަކުގައި ތެދެއްވާކަން އެނގުނީ ދެ އަންހެންކުދިންގެ ރީތިކަމާއި ވައްތަރު ސިފަތަކެއް ހުރުމުންނެވެ. ވިލްދާންގެ އެކުވެރިންނާއި ކުންފުނީގެ މީހުންގެ ތެރޭގައިވެސް ތުންތުންމަތިން އެވާހަކަ ދެކެވުނެވެ. ވިލްދާންއަށްވެސް އެފެނުމާއެކު ނައީމްއަށް ގުޅިއެވެ. ވަގުތުން އެ ނަގަން އެންގިއެވެ.
"ބިރުގަތީ ދޯ...އަދި މިއަށްވުރެވެސް ގިނައިން ލާނަން.."
"އިތުރަށް އެންމެ އެއްޗެއް ލިޔަސް ކަލޭ ގެ އުމުރުގެ ބާކީބައި ޖަލުގެ ހަތަރުފާރު ތެރޭގައި ހޭދަކުރަން ޖެހޭނެކަން ދަންނާތި..."
ކޮންމެއަކަސް އެ އިންޒާރުން ނައީމް ސިހި ބިރުގަންނަގޮތްވިއެވެ. ވިލްދާން ކިތަންމެ މާތް އޯގާތެރި މީހަކަށްވިޔަސް އޭނަގެ އާއިލާ ރައްކާތެރިކުރަން ބާރާއި ނުފޫޒުގެ ބޭނުންކުރަން ފަހެއްނުޖެހޭނެ ފިރިހެނެކެވެ. ނައީމް އޭނަގެ ވީޑިއޯތައް ނެގިކަމުގައިވިޔަސް އޭނަގެ މަގުސަދު ހާސިލުވެއްޖެއެވެ. އަހެދްއާއިމެދު ހިތްތަކުގައި ޝައްކުގެ އޮށް އިންދައިފިއެވެ. ވިލްދާންފަދަ މާތް ޝަޚުސިއްޔަތެއްގެ އޮމާން ދިރިއުޅުމުގައިވެސް އަނދިރި ފަރާތެއް ވެދާނެހެއްޔެވެ؟
"ނައީމްގެ މި ހުވަފެން ވަރަށް ކަމުދޭ..ވިލްދާންގެ ދަރިއަކަށް ވެއްޖެއްޔާ އަހެދްއަށް ޖަވާހިރު ވިޔަފާރިކުރެވޭނެއްނު....އޭރުން އަހެދްގެ ޑްރީމްވެސް ކޮމްޕްލީޓްވީ.." ބާބިލް އަހްދެގް ކޮލުގައި ޖަހައިލިއެވެ.
"އޭރުން މަގޭ ޕީއޭއަކަށް ޔަގީނުންވެސް ހުންނާނީ ބާބިލް..ކަންބޮޑުނުވޭ......"އަހެދްވެސް ހިނިގަނޑެއް ޖަހައިލިއެވެ.
މައިރާވެސް އަހެދްއަށް ގުޅިއެވެ."ނައީމް އަހެދްގެ އަންކަލްވިޔަސް ހާދަ އެނޯއިން މީހެކޭ. ބައްޕަގެ ޕާސްޓްގައި ކޮންމެ ކަމެއް އަދި އޮތަސް އޭނަ ނުޖެހޭނެ އެހެން ކިޔާފައި އުޅެން.އެނީވޭސް ސިސްއެއް ލިބިއްޖެ...ދެމީހުން ވަައްތަރޭ ދޯ..."މައިރާ ސަމާސާކޮށްލިއެވެ.
"ޔާ ސިސް..މިހާރު ކޮމްޕެނީ ސީއީއޯއަކަށްވެގެން ބާބް ޕީއޭއަކަށް ބަހައްޓަންވެސް ނިންމައިފިން...."
ބާބިލް މަޖާވެގެން ހޭން ފަހަތުގައި ހުއްޓެވެ.
"އަހެދްވެސް އާންޓްއަކަށްވަނީ އިނގޭ....ވަރަށް ބަލިކޮށް މިއުޅެނީ އެހެންވެ މަންމަ މިކޮޅަށް ގެންނަންވެގެން....އެންމެ ކުރިން ހިތަށް އެރީ އަހެދްއައި ބާބް ގެންނާނީއޭ އެކަމަކު ޒަހްރާއްތައާއި އަޅާލަން ތިބީ މިކުދިންނަށް ވީމަ އެހެން ހަދަން ނުކެރުނީ އަދި ކޮންމެވެސް ދުވަހަކުން އަންނާނަން ދޯ...މަޖާވާނެ އިންޝާﷲ....."މައިރާވެސް ނައީމްއާއެކު އެކުޅިގަނޑުގައި ބައިވެރިވުމުން އަހެދްއަށްވެސް މަޖާވިއެވެ.
"ވަރަށް އުފާވެއްޖެ...ކޮންގްރާ ސިސް..." އަހެދް އުފަލުން ހަޅޭއްލަވައިަތެވެ. އަހެދްއަށް ނޭގުނީ ހަގީގަތުގައިވެސް އޭނަގެ ހަޔާތަށް ވަރުގަދަ ބަދަލެއް އަންނަން އުޅޭކަމެވެ. ﷲ އިރާދަކުރެއްވި އަޅަކަށް ހިފެހެއްޓުމެއްނެތި ރިޒުގުދެއްވައެވެ. ރިޒުގު ބައްސަވާގޮތަކީވެސް އިންސާނުންނަށް ފަހުމުވާނެކަމެއް ނޫނެވެ. އެކި މީހުންނަށް ކުރިމަތިވަނީވެސް އެކި އިމްތިހާނުތަކެވެ. އަހެދްވެސް ޔަތީމްވެ ދަތި ހާލުގައި އުޅުމަށްފަހު އެންމެފަހުން އޭނައަށްވެސް ތަނަވަސް އާއިލާއެއް މިންވަރުކުރެއްވީއެވެ. ބައެއް މީހުން ހީނުކުރާގޮތަށް ދިރިއުޅުން ބަދަލުވާއިރު އަނެއްބައި މީހުން އަތުން ހުރިހާ އެއްޗެއް ބީވެގެން ދެއެވެ.
ޔޫކޭއަށް ފުރުމުގެ ކުރިން ވިލްދާންއާއި ސެހެރް އެގެއަށް އައެވެ. ސިޓިން ރޫމްގައި އެންމެން އިށީދެލައިގެން ތިބިއިރު ތަފާތު ވާހަކަތައް ދެކެވުނެވެ. އަހެދްއާއި ކައިރީގައި ސެހެރް އިށީދެލައިގެން އިންއިރު އެ ނަޒަރުގައި ވީ ކުލުނެވެ.
"އަހެދް....މުުރުތަސިމްއާއި ދެކުދިން ވަކިވިކަން އެނގޭ. ޒަހްރާއްތަވެސް ބުނި އަހެދް މިގޭގައި މަޑުކުރާނީ ތިންމަހަށޭ. އޭގެ ފަހުން އަހަރެމެންގެއަށް އަންނަންވީނު..."
"އާނ. ސެހެރް އެގޭގައި އަހެދްއަށް ކޮޓަރިއަށްވެސް ތައްޔާރުކޮށްފައި..."
"އެހެންތާވާނީ. ނައީމްބެ އަހަރެމެންނަށް ބަސްއަހާ އަަންހެންދަރިއެއް ހޯދަދީފި...ބޭނުން ކޮންމެ ގަޑިއެއްގައި ހަމައެގެއަށް އަންނަންވީ..." ސެހެރް ބުނެލިއެވެ.
"ނައީމްބެ ކްރޭޒީވެފައި ހަމަ..ކޮންމެ އެއްޗެއްވެސް ކިޔާފާނެ. އައިމް ސޮރީ....."
"މާފަށް އެދޭވަރުގެ ކަމެއްނޫން. ނައީމްގެ އެވާހަކަތަކުގައި މާ ބޮޑު ދޮގެއްނެތް....." ވިލްދާން ކުޑަކޮށް ހިނިތުންވެލިއެވެ.
"ތިބުނުއްވި އެއްޗެއް ނޭގުނު.."
"މިބުނީ ނައީމް އެބުނީ ތެދެކޭ. އޭނައަށް ރަގަޅަށް އެނގިގެން އެވާހަކަދެއްކީ...."
ވިލްދާން އޭނަގެ މާޒީގެ އެންމެ ފުނުގައި ވަޅުލާފައިވާ ހަގީގަތް އަލުން ކޮނުނީ މަޖުބޫރީގެ ސަބަބުންނެވެ. ނަމަވެސް ހަގީގަތް ފޮރުވައިގެން ހުރުމުން ނައީމްބެ ބުނިހެން އަންހެންދަރިއަކަށް ބޭ އިންސާފުވެވި ގިޔާމަތް ދުވަހުންވެސް ސުވާލުވެވޭނެތީއެވެ. އޭނަ ވިލްދާންގެ ވާހަކަތައް އަޑުއަހަން އަހެދް އިންއިރު ހަތަރެސްފައި ފިނިވެ ހަށިގަނޑާއި ޖިސްމުވެސް ގަނޑުވިއެވެ. ގުޑިލާންވެސް ނޭގިފައި ބަލަން އިނދެވުނީ ބުދެއްހެންނެވެ.
"އަހެދްއަށްޓަކާ އެގޭގެ ދޮރުތައްވަނީ ހުޅުވިފައި..މިއޮތީ ތަޅުދަނޑި. ހަމަ މައިރާއެކޭ އެއްފަދައިން އަހެދްއަށްވެސް އެގޭގައި ހުރުމުގެ ހައްގު އެބައޮތް.. ޔޫ އާ މައި ޑޯޓާރ ލައިކް މައިރާ......."ވިލްދާން ތަޅުދަނޑި ދިއްކޮށްލިއެވެ.
"ތިއީ ބައްޕައެއްނޫން...." އަހެދް ކުއްލިއަކަށް ތެދުވެގެން ބާރުބާރަށް ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. އެނދުމައްޗަށް ބަންޑުން ވެއްޓިގަތުމާއެކު ލޮލުގައިވި ކަރުނަތައް އޮހިގަތީ ހިފެހެއްޓުމަކާއި ނުލައެވެ. ހަގީގަތް އެނގުމުން އޭނަގެ ހިތަކަށް އެއްވެސް އުފަލެއް ނުލިބުނެވެ. އޭނައަކީ ގަދަރުވެރި އާއިލާއެއްގެ ތަނަވަސް މުއްސަދި ބައްޕަގެ ހުރި އަންހެންދަރިއެކެވެ. ނަމަވެސް އެކަމުން އުފަލެއް ނުލިބުނުތާގައި ހިތަށް ވީ އިތުރު އުދަގޫތަކެވެ.
"އަހެދް....ނުރޮއި.."އިރުކޮޅެއްފަހުން އޯގާތެރި އަތަކުން އޭނަގެ ބޮލުގައި ފިރުމައިލިއެވެ.
"ހަގީގަތުގައި މިއީ ހަމަ އަޖައިބުކުރުވަނިވި ވާހަކައެއް. އާއްމުކަމެއް ނޫން އެކަމަކުވެސް ހަމަ ވެފައި ހުރޭ. ދިމަވާ ސަބަބުތަކާއި ހުރެ މައިންބަފައިން ވަކިވެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން އަލުން ބައްދަލުވޭ. އަހެދްއަށް އެނގޭތަ؟ ކުރިއްސުރެ ވިލްދާންގެ ފަރާތުން އެތައް ކަމެއް ފެނިފައި ހުރީމަ ވަގުތުން އެދެއްކި ވާހަކަތައް ގަބޫލުކުރެވިއްޖެ...އަހެދްއަށް ދެރަގޮތެއްނުވާނެ އިންޝާﷲ...އަހެދްގެ ކެތްތެރިކަމުގެ ނަތީޖާ މިއަދު މިލިބުނީ. ހެއްދެވި ފަރާތަށް ޝުކުރުކުރާންވީ..ވިލްދާންއަށް ދިމާވި މަޖުބޫރީތައް އެނގިއްޖެއެއްނު. އޭނަގެ ކުށެއްނެތް..މާފަށްވެސް އެދިއްޖެ...." ޒަހްރާ ވާހަކަދެއްކިއެވެ.
އަހެދް ހިމޭނުން އޮތެވެ. ސިކުނޑިއަށް އެއްފަހަރާ ނަގައިގަންނަން ފަސޭހައެއްވެސް ނުވިއެވެ. އޭނަ ދުވަހަކުވެސް އޭނައަށް މިފަދަ ހުވަފެނީ މުއްސަދި ބައްޕައެއް ލިބިދާނެކަމަށް ހިޔެއްނުކުރެއެވެ. ހުވަފެނެއްގައިވެސް އެފަދަ ކަމެއް ނުދެކެއެވެ. މުއްސަދި ބައިވެރިޔަކު ލިބުނުގޮތަށް މި ބައްޕަވެސް ގެއްލިގެން ނުދާނެހެއްޔެވެ؟
"އަހެދް. ބީ ޕޮޒިޓިވް. އަހެދްއަށް މިއޮތީ ރަނުގެ ފުރުސަތެއް ލިބިފައި. ބޮޑުދައިތައަށް އެހީވާނެ ދަނޑިވަޅެއްވެސްލިބުނީ.. މައިރާ ގާތުގައިވެސް ދައްތަ ބެހެއްޓިދާނެ. ނައީމްއަށް ބެންކޮކަށް ދެވުނަސް ޔޫކޭއަށް ދާން ފަސޭހައެއްނުވާނެ. ﷲ ތައާލާގެ ނިއުމަތަށް ފުރަގަސްނުދީ..އަމިއްލައަށް ބޭނުންނުވިޔަސް"އޭނަގެ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ.
އަހެދްއަށް އެހެން އޮވެ ނިދުނީއެވެ.
ހޭލެވުނުއިރު ކޮންމެވެސް ވަރަކަށް ނަފުސް ތާޒާވެ ހިތުގައިވާ އުދަގޫތައް ފިލާފައިވިއެވެ. ބާބިލްއަށް އޭނަ ފެނުމާއެކު އައިގޮތަށް އަތުގައި ވިކައިގަތެވެ." ޕީއޭއަކަށް އޮތް ފުރުސަތު އެބައޮތްތަ؟"
އަހެދްއަށް ހީގަނެވުނެވެ.
"ޢެލީޒީދައްތައަށް އެނގުނީމަ ހާދަ ޖޭ ވާނެއޭ..."
"އޯ....އެބުނާހެން..އެކަމަކު...އޭނަ ޖޭވާންވީ ކީއްވެތަ؟ އޭނަ އެހެރީ.......މުރުތަސިމްއާއެކު..."އަހެދްއަށް ކުޑަދޮރުން ބޭރަށް ބަލައިލެވުނެވެ. ދުނިޔެ ހިނގަމުން ދިޔައީ އާދައިގެ ދުވަހެކޭ އެއްފަދައިންނެވެ. ވިލާތައް ތުނިވެ ރަންދޯދިތައް ދުނިޔެއަށް ފަތުރާލަފައިވިއެވެ. މީހުންގެ ދިރިއުޅުން ސިކުންތުކޮޅަކުން އެފުށް މިފުށަށް ޖެހޭ ފަދައިން ބައެއްމީހުންގެ ދިރިއުޅުން ބަރަކާތުން ފުރިގެން ދެއެވެ. ނަސީބު ނަމްބަރެއް ލައްވައިގެން ނޫނީ މުއްސަދި ބައިވެރިޔެއް ލިބިގެން ދިރިއުޅުން ތަނަވަސްވެގެންދަނީވެސް ނަސީބުވެރިންނަށެވެ. އޭނައަށް ލެއްވީ އެފަދަ ރަހުމަތެކެވެ.
ކޮންމެެވެސް ދިމާލަކުން ސަޖްދާ ސޫރަތުގެ އަޑު ކަންފަތުގައި ޖެހުނެވެ. އެ ސޫރަތުގެ އަސަރުގަދަކަމާއި ރީތިކަމުން އަޑުއަހަމުންގޮސް އޭނައަށްވަނީ މާނަވެސް ދަސްވެފައެވެ. ތަކުރާރުކޮށް އަޑުއަހަމުންގޮސް ސިކުނޑީގައި ހަރުލާފައިވާ ސޫރަތެކެވެ. އެސޫރަތުގެ ނުވަވަނަ އާޔަތުގައި ﷲ ތައާލާ ވަހީކުރައްވާފައިވެއެވެ. "وَجَعَلَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَۗ قَلِيْلًا مَّا تَشْكُرُوْنَ މާނައަކީ "އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން ޝުކުރުކުރަނީ ވަރަށްވެސް މަދުންނެވެ."
އޭނަ ހިތާހިތުން ޝުކުރުވެރިވިއެވެ. އިވުމާއި ފެނުމާއި ހިތަކީ ހަގީގަތުގައި ކިހާ ބޮޑު ނިއުމަތެއްކަން އެނގޭނީ އެކަމުން މަހުރޫމްވީ މީހަކަށެވެ.
އަހެދް އެގޭގައި ވީ ތިންމަސްދުވަހުގެ ތެރޭގައި ވިލްދާންއާއި ބައްދަލުވެ މަޑުމަޑުން ގުޅުން ބަދަހިވަމުން އައެވެ. ފިލްމީ މަންޒަރެއްފަދައިން ޑެރެމެޓިކްވުމުގެ ބަދަލުގައި އެގުޅުން ރަގަޅުކުރަން ދެފަރާތުންވެސް މަސައްކަތްކުރަމުން އައީ މަޑުމަޑުންނެވެ. ނައީމް ބެންކޮކްގައި ހުރެފައި މަސްތުވާ އެއްޗެހި ހިފައިގެން ރާއްޖެއައުމުން އެއާޕޯޓުން ހައްޔަރުކޮށް އުމުރަށް ޖަލަށް ލުމަކީ އަހެދްއާއި ބޮޑުދައިތައަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
އަހެދް އޭނަގެ ބައްޕަމެންގެއަށް ބަދަލުވީ ތިންމަސްފަހުންނެވެ. ބާބިލްއަށް ލޯނެއް ދީގެން ކުޑަ ބޭކަރީއެއް ހުޅުވައިގެން އޭނަވެސް އެތަނުގައި ކޭކުކަހަލަ އެއްޗެހި ހަދައިގެން ވިއްކަންފެށިއެވެ. ކުރިއަށް އޮތްތާގައި އެ ވިޔަފާރި ފުޅާކުރަން އޭނަވެސް ވަނީ އަޒުމް ކަނޑައަޅާފައެވެ. ބާބިލް މޫނު ބުރުގާ އެޅުމަށްފަހު ނަންވެސް ބަދަލުކޮށްލިއެވެ. އޭނަ ބޭނުންވީ މާޒީއަށް އެއްކޮށް ފިލުމަށެވެ. މާޒީއަށް އަލުން އަނބުރާ ދިޔުމުގެ އެއްވެސް ވިސްނުމެއްނެެވެ. ލޯކަންއަދި އެ އާއިލާ މީހަކަށްވެސް އޭނަގެ ހަގީގަތް އެނގެން އޭނަ ބޭނުންނުވީއެވެ. އަލްބާންގެ މަންމައަށް ވައުދުވީފަހުން އޭނަގެ ހަޔާތުންވެސް ވީހާވެސް ދުރަށް ދާންވެގެންނެވެ. ކޭކު ވިޔަފާރިއަށް މަޝްހޫރު "ގަޒަލް"ޢަކީ އޭނަކަން އެނގޭނީ މަދު ބަޔަކަށެވެ.
***
ތިންމަސްފަހުން އަލްބާންއައިއިރު އެގެއިން ބާބިލް ދިޔަކަން އެނގުމުން ހައިރާންވެ ދެރަވިއެވެ. ހަގީގަތް އެނގުނީ މަންމަގެ ފަރާތުންނެވެ.
"ބާބިލް މަންމައަށް ވައުދުވީ އަލްބާން އާއި އަނގައިން ނުބުނަން...އޭނަ ހުރިތަނެއް ހޯދަން ދެން ނޫޅޭތި..."
އަލްބާންގެ މުޅި ދުނިޔެ ފުނޑުފުނޑުވެގެން އައިހެން ހީވިއެވެ. އޭނައަށް މަންމަ މިދިނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އޭނައަށް އުފަލާއި ހަމަޖެހުން ލިބުމުގައި އަތުގައި ހިފަން ހުރީ ބާބިލްކަން މަންމައަށް ނޭގުނީހެއްޔެވެ؟ އަލްބާން އިތުރު އެއްޗެކޭ ނުބުނެ ހިމޭންކަން ޚިޔާރުކުރިއެވެ.
"މަންމާ..މިއައީ ޗުއްޓީއަކަށް. އަދި އެކޮޅުގައި އަހަރު ދުވަސްވެދާނެ.."އަލްބާން ގަސްތުކުރީ އަލުން ފުރުމަށެވެ. ވަޒީފާއެއް ހޯދައިގެން ދުރުގައި ހުރުމުން ފަހަރެއްގައި ހިތަށް ތަަސައްލީއެއް ލިބިދާނެއެވެ.
"އަލް.....މަޑުކޮށްފިއްޔާ މަންމަ ދަރިފުޅު އިންނާން ރަގަޅު ކުއްޖެއް ހޯދަދޭނަން..."
"ތިކަމާ އުޅޭނީ މިކޮޅަށް އައިސްފަ.."އަލްބާންގެ ތަބީއަތު ގޯސްވެ އޭނަގެ މިޒާޖު އެއްކޮށް ބަދަލުވިއެވެ. ހިނިތުންވުން އޭނައާއި ވަކިވެގެން ދިޔަފަދައެވެ. އަލްބާންގެ މިޒާޖު ހުންނަގޮތުން މަންމައާއި އެގޮތަށް ނުރުހުމާއެކު ވާހަކަދައްކާ ޖަދަލުކުރާގޮތެއް ނުހުރެއެވެ. އަބަދުވެސް މަންމައަކީ އޭނައަށް ޚާއްސަ މީހެކެވެ. އޭނަގެ ސިއްރުވެރިޔާއެވެ. އެންމެ ގާތް އެކުވެރިޔާއެވެ. ފޮރުވީ ހަމައެކަނި ހަގީގީ ލޯތްބެވެ. ބާބިލްއެވެ. އެންމެފަހުން މަންމަގެ ރުހުމައި ދެކޮޅަށް ލޯބި ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ލޯބި ގުރުބާން ކުރަން ތައްޔާރުވީއެވެ. އޭނައަށް ނޭގުނީ އެހިމޭން ކަމުން މަންމަގެ ހިތަށް އިތުރު އަނިޔާ ލިބޭނެކަމެވެ. އަލްބާން އޭނަގެ މަންމައަށް ސިއްރުނުކޮށް ލޯކަންގެ ޚަބަރު ކިޔާދީފައި އޭނަގެ ރޭވުން ކިޔާދިން ނަމަ ޒަހްރާ އިންކާރު ނުކުރާނެކަމެވެ.
***
މާހްޒަބީންވެސް މާލެ އައީ އަންނަހިތަކުންނޫނެވެ. އަހެދްއާއި ބާބިލްވެސް އެގެއިން ދާން ޖެހުމުން އޭނަގެ މަންމަ ބަލަހައްޓަން އަންނަން މަޖުބޫރުވީއެވެ. ގޭގެ މަސައްކަތަށް ޚާދިމާއަކުވެސް ގެނެސްފައި ބެހެއްޓީ މާހްޒަބީންއަށްވެސް ހުރިހާ މަސައްކަތެއްކުރަމުން މަންމަ ބެލުން ފަސޭހަކަމަކަށް ނުވާނެތީއެވެ. ޒަހްރާއަށް ގަޑިން ކާންދީ ޑޮކްޓަރަށް ދައްކަން ގެންދިޔުމަކީ އޭނަގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. މާހްޒަބީންގެ އެކުވެރިއަކު ބުނެގެން ޕާކިސްތާނު ޑްރާމާއެއް ބަލަން ފެށުމަކީ އޭނައަށް މަންމަގެ ޒިންމާތަކަށް ފަރުވާކުޑަކުރެވުނު ސަބަބެކެވެ. އެބުނާހެން އެ ޑްރާމާ ހަަމަ ދެވިހިފާވަރުވިއެވެ. އެހެން ވުމުން ޚާދިމާ އަބީރުއަށް ޖެހުނީ މަންމައަށް ކާން ހަދާ ބޭސްވެސް ދޭށެވެ. ދޭތެރެއަކުން ޒަހްރާ މުހިއްމު ބޭނުމަކި ގޮވާލިޔަސް މާހްޒަބީން އިރުކޮޅަކުން މިއަންނަނީއޭ ބުނެފައި ސިލްސިލާގެ ތެރެއަށް ވަދެ ހަނދާން ނެތެއެވެ.
"މަންމާ. އާދެބަލަ މި ޑްރާމާ ބަލައިލަން. މިގޭގައި ގަސް އަންދާފައި މިހިރީ ކިހާ ރީތިކޮށް..މަންމަ ވަރަށް ލައިކްވާނެ.."
"މަންމަ ޑްރާމާ ބަލާނެ ވަގުތެއްނެތް. އެއަށްވުރެ މަންމައަށް ރަގަޅުވާނީ ގުރުއާން ކިޔަވަންއިނިއްޔާ. ނޫނީ ނަމާދުކޮށް ޒިކުރުކުރުން..."ޒަހްރާ ދެކޮޅުހެއެވެ.
ޒަހްރާ އެކަނި ކޮޓަރީގެ އެނދުގައި އިނދެ ފައިގާ މާލީސްތެޔޮފޮދެއް އުނގުޅަންފެށިއެވެ. ކަކޫ ދުޅަވެގެންގޮސް ހިނގާ އުޅެން މިރޭ ވަކިން ދަތިހެން ހީވިއެވެ. އަބީރު ގާތު ބުނުމުން ހޫނުފެން އަޅާ ހަމެއް ގެނެސްދީފައި ކުދިކިޔަމުން އެތަނުން ނިކުގެން ދިޔުމުން ހަނދާނަށް އައީ އަހެދްއެވެ. އަހެދްގެ އޯގާތެރިކަމެވެ. އޭނަ ފެންވަރުވަން އެހީތެރިވެ އިސްތަށިަނޑުގައި ފުނާ އަޅާ ލޯޝަން ލައްވާދެއެވެ. ހޫނުފެނުން ބޮނޑިތާންކޮށް ބޭސް އުގުޅާ ލޮލަށްވެސް ބޭސް އަޅާދެއެވެ. އޭނައަށް ވަގުތުދީ އޭނަ ދައްކާ ވާހަކަ ފޫހިވުމެއްނެތި އަޑުއަހައެވެ.
އަހެދްއާއި ބާބިލް މިދުވަސްކޮޅުވީ އަދީނާ ބަލާ އެރަށަށް ގޮސްފައެވެ.
"މި ބޭސް ގުޅަ މެންދުރުވެސް ކެއީމެއްނު...ލޭތުނިކުރާބޭސް ރޭގަނޑަށްވެސް ދެނީ؟"ޒަހްރާ ޚާދިމާކުރެން އަހައިލިއެވެ.
"މެޑަމް...ރަގަޅަށް ބަލަނީ..މިއޮތީނު ރޭގަނޑު އެއް ގުޅަދެނީ..ބައެއްފަހަރު ކޮމްޕެނީ ތަފާތުވަނީނު..ގުޅަ ކުލަ ބޮޑުކުޑަ ޗޭންޖުވަނީ...." އަބީރު ހީލިއެވެ. ހަގީގަތުގައި އޭނައަށް އޮޅިގެން ނުބައި ކާޑަކުން ބޭސްނެގޭތާވެސް ދެތިން ދުވަސްވަރުވެދާނެއެވެ. ޒަހްރާއަށް އެކަން ފާހަގަކުރެވުމުން އޭނަ ކަންބޮޑުވިއެވެ. މާހްޒަބީންއަށް އެެނގިއްޖެއްޔާ އެތައް ސުވާލުތައް ކުރިމަތިވާނެއެވެ. ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެސް ހީވިއެވެ.
ޒަހްރާ އެކާޑު ހޯދަން ބުނުމުން އަބީރު ދެއްކީ ކޮލެސްޓްރޯލް ބޭސް ކާޑެވެ. ޒަހްރާއަށް އޮޅުން އެރިއެވެ. އިތުރު އެއްޗެއް ނުބުނެ ހިމޭންވިއެވެ. އޭނަގެ ހަނދާނުގައި މައްސަލަޖެހެނީކަން ނޭގެއެވެ.
***
މުރުތަސިމްއަށް އެލީޒީގެ އެންމެ ފަހު ވީޑިއޯ ފެނުމުން ހިތުގައި ނުރުހުމުގެ އޮއިވަރެއް ހިނގައިގަތެވެ. އެ ލަވަ ކުޅެފައިވަނީ ޒުވާން ފިރިހެނާއެކުގައެވެ. އެލީޒީގެ ނަޒަރުގައިވީ ޚާއްސަގޮތެކެވެ. އެއީ އެލީޒީ އޭނައަށްވެސް ބަލާ ފަރި ނަޒަރެވެ. އެހެން މީހަކަށް އެ ގާތްކަމާއި ނަޒަރު ދިނުމުން މުރުތަސިމް ހިތްހަމަނުޖެހުނެވެ.
"ސާބަހޭ ސިމް. ތިހާ އިންސިކިއޯ ނުބެވަލަ....ތިއީ އެއަށްވުރެ ސްމާޓް މީހެއް..ނިންޖާއަށްވެގެން ތޯލިބާނުންހެން އަންހެނުން ގޭގައި ތިބޭ ޒަމާނެއްނޫނެއްނު......އެއީ އެކްޓިން ސިމް....ފިލްމްކުޅޭ މީހުންނާއި ލަވަކިޔުންތެރިން ޕްރޮފެޝަނަލް އަދި އެއްކޮށް ވޯކްކުރިޔަސް ރޮމެންޓިކް ނަޒަރަކުން ހަގީގީ ދިރިއުޅުމުގައި ނުވެސް ބަލާނެ........."އެލީޒީ މުރުތަސިމްގެ މޫނުގައި ފިރުމައިލިއެވެ."ޢައިމް އޯލް ޔޯސް ލަވް..ހާސްނުވޭ.."
މުރުތަސިމްގެ ސިކުނޑިއަށް ގަދަވެގަތީ އެހެން ސޫރައެކެވެ. އަހެދްއެވެ.
އޭނަވަނީ އެލީޒީއާއި އަހެދްގެ ޗެޓް އަރައިރުން ދެކެފައެވެ. އަދި ނައީމްގެ ޓިކްޓޮކް ފެނުމުން އިންޒާރުދީ ވަގުތުން އަހެދްމެންގެ ފޮޓޯތައް ނަގަން އޭނަ އަމުރުކުރިއެވެ. ހިތުން އަހެދް ފިލުވުން ވީ ހީނުކުރާފަދަ އުދަގޫކަމަކަށެވެ. އޭނަގެ ޟަމީރު ބުނަމުން ދިޔައީ ކައިލްއައި އަހެދްގެ އެއްވެސް ގުޅުމެއްނެތްކަމުގައެވެ. ކައިލް ކިޔައިދިނީ ރަގަޅަށެވެ. ކައިލްއާއި އަހެދްގެ މާޒީ އެއް އޮތަސް ހަޔާތްފެށީ އެހެން މީހުންނާއެކުގައެވެ. ދަތުރުގެ ނައު އެކައްޗެވިޔަސް މަންޒިލް ތަފާތެވެ. މުުރުތަސިމް ބޭރުފުށުން އުފާވެރިކަން ދެއްކިޔަސް އެލީޒީއާއެކު ފޮޓޯތަކަށް އެރިޔަސް ހިތާއި ފުރާނައަށް ހަމަޖެހުމެއްނެތެވެ.
ޗުއްޓީއެއް ލިބުމާއެކު އެލީޒީ ގޮވައިގެން އޭނަ މާލެ އައެވެ. މުރުތަސިމް ބޭނުންވީ އޭނަގެ މަންމައަށް ސަޕްރައިޒެއް ދިނުމަށެވެ. ދެމީހުން އެކީގައި ގޮސް "ވެލްވެޓް މެންޝަން"އަށް ވަދެ ކޮޓަރިއަށް ލަގެޖްތައް ލާފައި ޒަހްރާގެ ކޮޓަރިއަށް ދިޔައިއިރު ދޮރު ހުރީ ކުޑަކޮށް ހުޅުވާފައެވެ.
"މިއީ ހަމަ އަހެދްގެ އެއްޗެހި..މަންމަ ނެތްދުވަހަކުން މިގެވެސް އަހެދްއަށް ދޭނީ......."ޒަހްރާގެ އަޑު އިވުނެވެ.
"އެކަމަކު....އޭރުން އެހެންކުދިން ހިތްނުބައިވާނެއްނު..."
"އަހެދްއަކީވެސް މަންމަގެ ދަރިއެއްނު...މުރުތަސިމް ގާތު މަންމަ ބުނާނަން އެލީޒީ ވަރިކޮށްފައި އަހެދްއާއި އިންނާށޭ..މަންމަ ލިޔުމުން ވަސިއްޔަތް ކޮށްފައި ދާނީ...."
"އެލީޒީ ޒަހްރާއްތައާއި ދިމާލަށް ހާދަ ހަޑިކޮށް ވާހަކަދައްކަނީ. މުރުތަސިމްއާއި ވާހަކަދައްކަން ގުޅިޔަސް އޭނަ ފޯނު ނަގާފައި ބަވަނީ ދޯ...ގުޅައިގެން ނުވާނެޔޯ...އެމީހުންގެ ލައިފް ހަލާކުކުރަންވެގެންނޯ...ވަރަށް ފޫހި ކުއްޖެއް. އަދިވެސް އޭނަ ކީ ހުރިހާ އެއްޗެއް ހަމަ ސިކުނޑީގައި އެންމެ ލަފުޒެއްވެސް ދޫނުކޮށް ރީތިކޮށް ރައްކާކުރެވިފައި އެބަހުރި......."ޒަހްރާއްތަ އެހާ ގިނައިން މުރުތަސިމްއަށް ނުގުޅާ..... ދަރިން މީހުންނާއި އިނދެގެން ދިޔައީމަ ފިރިހެނަކު މަންމަ އިސްކުރާނީ އެއީ ރަގަޅަށް ތަރުބިއްޔަތު ނުދެވުނީމަ. އެކަމަކު މަ ބުނާނީ ޒަހްރާއްތަ ސިމް ތަރުބިއްޔަތު ކުރީ ވަރަށް ފުރިހަމައަށޭ.. މުރުތަސިމް މަންމަގެ މައްޗަށްވެސް އިސްކުރާނީ އަނބިމީހާ. ވީއިރު ސިމްއަށް ގުޅައިގެން އަންނަން ނުކިޔާ ހެޔޮނުވާނެ...މުރުތަސިމްގެ ކެރިއާ އިން ކިރިޔާ ފިވަޅެއްކުރިއަށް އެޅީ... ދެން އަހަރެމެންގެ ދިރިއުޅުން ފަނިކުރީމަ ރަގަޅެއްނުވާނެ ދޯ......".."
އެލީޒީގެ މޫނު ރަތްވެލީ ރުޅީގެ ހޫނު އަލިފާނުންނެވެ. އޭނައަށް މުރުތަސިމްގެ މޫނަށް ބަލައިލެވުނުއިރު ކޮލުކަށިގަނޑަށް ވާންވިކަން އެނގުނެވެ. އަތުގެ އިޝާރާތުން އެންގީ އެލީޒީ އެތަނުން ދިޔުމަށެވެ. އެލޮލުން އެލީޒީއަށް ފެނުނީ ނުރުހުމާއި ނަފްރަތުގެ އެންމެ މަތީ ދަރަޖައެވެ. އަދި ބީރައްޓެހިކަމެވެ. އެދެމީހުންގެ ދޭތެރޭގައި އޮތް ހުރިހާ ގުޅުމެއް ކެނޑުނީއޭ އެ ނަޒަރުބުނިކަހަލައެވެ.
މުރުތަސިމް އެތެރެއަށް ވަންތަން ފެނުމުން އަހެދް ސިހިފައި ތެދުވުނުއިރު އަތުގައި ހުރި ގަހަނާފޮށި ބިމަަށް ވެއްޓި އެކި ދިމާލަށް ބުރައިގެން ދިޔައެވެ.
"މަންމާ......ކިހިނެއް ތިހަދަނީ؟ މަންމަ ތިފާޑަށް މީހުން ނެތްތަންތާ ވާހަކަދައްކާ އުޅޭކަމަށް ކުރިއަކުން ހީނުކުރަން....މަންމަގެ ބޮލަށް އެކި މީހުން އެރިގެން މަންމަގެ ސިކުނޑި ދޮވެލާފައިދޯ..މަންމަގެ ދަރިން ތިއްބާ އަހެދްއަށް މިގެ ހިބަކޮށްދޭ ވާހަކަ ދައްކާއިރު އޭނަ މިގެއަށް އައި މަގުސަދާއި ނިޔަތް މަންމަ ހަދާން ހުރިކަމަކަށް ނުވޭ....މަންމަ ހާސްފަހަރު ވަސިއްޔަތް ކުރިޔަސް އަހެދްއަކާއި ނީންނާނަން...." މުރުތަސިމް އެލީޒީދެކެ އައިސްފާ ހުރި ރުޅިގަނޑުވެސް ބޭލީ އޭނަގެ މަންމައަށެވެ.
މުތަސިމްގެ ނަޒަރު ހުއްޓުނީ އަހެދްގެ މޫނަށެވެ. ހިތަށް ލިބުނު އުދަގޫތަކުން އިތުރަށް ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ.
"މަންމަގެ ބޮލަށް ނޭރި މަށަށް ކަމެއްކޮށްދީފާނަންތަ؟ މިގެއިން ނުކުމޭ............"
ނުނިމޭ