"ލޯބިވާ މީހެއްގެ ފަރާތުން ޑިމެންޝިއާގެ އެއްވެސް އަލާމާތެއް ފެންނަނަމަ އެކަމާއި ބެހޭ މައުލޫމާތުު ރަގަޅަށް އޮޅުން ފިލުވާ ލޯތްބާއި އަޅައިލުން ދޭންވާނެއެވެ. އެއީ އުދަގޫ ހިތްދަތި ދަތުރެކެވެ. އެކަނިވެރިކަން މަތީގައި ދޫކޮށްލާވަރަށްވުރެ އެހީތެރިކަން ބޭނުންވާނެއެވެ."

***

"މިރިއަމް ބަލަންއިނީ ފަސްދެމުންދާ އިމާރާތްތަކަށެވެ. ޒުބޭރުއަށް އޭނަ އަންނާނެކަން އެނގުމުންވެސް ހައިރާންވިއެވެ. އޭނަގެ ހިތް ދެނެގަތުމުގައި ކުޅަދާނަ މާހިރެކެވެ.

"އަހަރެން އަންނާނެކަމެއްވެސް ނޭގެއެއްނު.."

"އަހަންނަށް އެނގޭ...އަންނާނީ ކޮން އިރަކުކަމެއް ނޭގުނީ..އެކަމަކު ކޮންމެވެސް އިރަކުން އަނާނެކަން ދެނެހުރިން.. މިރިއަމް މަންމަ ދޫކޮށްފާ ދުރަކަށް ނުދާނެ..."

"ކޮބާ މަންމަ؟"

"މަންމަ ގޭގައި...އަރާމުކޮށްލަނީ. އަހަރެން ބުނިން މިރިއަމް އަންނަވާހަކަ..."ޒުބޭރުގެ ނަޒަރު އޭނަގެ މޫނުން މަގަށް ހުއްޓުނެވެ. މަންމަ މާޒީއާއި މިހާރުގެ ދުވަސްތަކާއި އެކަނިމާއެކަނި ހަގުރާމަކުރަމުންދަކަން ހިތަށް އަރާ އޭނަގެ ހިތަށް އުދަގޫވިއެވެ.

ޒުބޭރު ހިމޭންކަން ނެތިކޮށްލިއެވެ.

"ވީއިރު.....ބުނެބަލަ.. އިޖިފްޓް ކިހިނެއްތަ؟ ހުރިހާ ތާރީޚީ ވާހަކަތަކާއި ސަގާފަތް ފިރުއައުނުން އަދި ތަސްވީރުތަކާއި..މިރިއަމްއަށް އެކޮޅަށް ދެވިއްޖެ. މީހުން އެބުނާހާ ވަރުގަދަ ތަނެއްތަ؟ މިބުނީ ލައިކް މަމިފައިޑް ބޮޑީސްތަކާއި...."

އޭނަ ސީޓުގައި އިނދެފައި ފައި ދަމައިލިއެވެ. ޖަވާބެއް ދިނުމުގެ ކުރިން ލޯ ހަނިކޮށްލެވުނެވެ.

"އާނ ވަރަށް މީހުން ތޮއްޖެހިފައި އޮންނަނީ. ވަރަށް އަޑުގަދަ.. ނޮއިސް ޕޮލިއުޝަން ހަމަ ވަރަށް އޮވޭ. ބައެއްފަހަރު ކެތްނުކުރެވޭވަރުވެސް ޭ..އަހަރެމެންގެ ރަށާއި ބަލާއިރު ވަރަށް ތަފާތު. އެކަމަކު މާލެއާއި އެއްވަރުކަން ނޭގ...ހަމައެކަނި ތަފާތަކީ މާލޭގެ ތަންކޮޅު ކުޑަވީމަ....."

"އެހާވަރަުން އިޖިފަށްޓަށް ދިޔައީ ކީއްކުރަންތަ؟ ޕިރަމިޑްސް ނޫނީ ކެއުން ނޫނީ އެހެން ކަމެއްތަ؟" ޒުބޭރު ބުމަ ހިއްލައިލިއެވެ.

އޭނަ ހިނދުކޮޅަކަށް ބޭރަށް ބަލަން އިންއިރު އިމާރާތްތައް ފަސްދެމުން ދިޔައެވެ. އިރުގެ އަލިން ބިންގަނޑު ދޮންކުރަމުން ދެއެވެ.

" ފުރުސަތެއް ލިބުނީމަ..ބޮޑަށް ސްކޯލާޝިޕް..."އޭނަ ބުނީ ދޮގެއްނޫނެވެ. އެވަގުތު އޭނަގެ ލޮލުގެ ސްކްރީނަށް ހަމްޒާ އަރާފައި ފޭބިއެވެ. އޭނަ ގަސްތުގައި ސިކުނޑިން ހަމްޒާގެ ތަސްވީރު ފޮޅައިލީއެވެ.

***

ކާރު ހުއްޓައލީ ތަންކޮޅެއް ހިމޭން ގޯޅިއަކަށެވެ.ތިރިކޮށްހެދިފައިވާ ގަސްތަކުގައި ވައި އަޅުވަމުންދާއިރު ވައިރޯޅީގައި ކޮންމެވެސް ވަރަކަށް ލޮނުގެ އަސަރުހުއްޓެވެ. ދެބުރިއަށް ނަގާފައިވާ އެގޭގައި ހުދުކުލައިގެ ދަވާދުލާފައިވާއިރު ދޮރުތަކުގައިވަނީ ނޫކުލައެވެ. ފެންޑާގައި ތިރިކޮށް ހެދިފައިވާ ރުކެކެވެ. މިރިއަމްގެ ކަންފަތުގައި ޖެހުނީ ރާޅުތަކުގެ އަޑެވެ.

ޒުބޭރު އަވަހަށް އައިސް މިރިއަމް އިން ފަރާތުގެ ދޮރު ހުޅުވާލަދިނެވެ. ގާތަކުގެ މަތީގައި ސޫޓްކޭހުން އަޑު ގޮއްވަމުން ޒުބޭރު ކުރިއަށް ހިނގައިގަތެވެ. އެތެރެއަށް ވަނުމުން ތާޒާވަހެއް ނޭފަތުގައި ޖެހުނެވެ. ޒުބޭރު ޖީބުން ތަޅުދަނޑިއެއް ނަގަމުން އެންމެ ކުރިން ޖެހުނު ދޮރަށް އިޝާރާތްކޮށްލިއެވެ."މިތަނަށް ވަދެފައި އަނެއްކާ ރޯން ނުފަށާތި. އަހަރެން ވަރަށް މަސައްކަތްކުރިން މިކަމަށް..."

އޭނަ ދޮރުމަތީގައި ހުއްޓުނެވެ.

ކޮޓަރިތެރެ ފުދޭވަރަކަށް ފިންޏެވެ. ކޮޓަރީގެ ސީލިންގައި އެނބުރެމުންދިޔަ ފަންކާއާއި އޭސީންނެވެ. މަޑު އައިވަރީ ކުލައިގެ ޕެއިންޓިންއިން ކޮޓަރީގެ ރީތިކަން އިތުރުކޮށްދޭއިރު ފަށުވި މަޑު ފަރުދާތަކުން އިރުގެ އަލިކަން ފަތުރަމުން ދިޔައެވެ. ޖެހިގެން ހުރި ކޮޓަރި ފެނުމުން މިރިއަމްއަށް ލޯ ބޮޑުކޮށްލެވުނެވެ. ހީވާގޮތުން އެއީ އޭނަގެ މަންމަގެ ކޮޓަރިއެވެ. ދޮރުގައިވެސް ވަނީ ހުދުކުލައިގެ ކެމޮމައިލް ވޯލްޕޭޕަރު ތަތްކޮށްފައެވެ.

"ހަދާންއެބަހުރި ދޯ..."އޭނައަށް މަޑުމަޑުން ބުނެވުނެވެ.

ޒުބޭރު ކުޑަކޮށް ކޮނޑު އަރުވައިލުމާއެކު ތަންކޮޅެއް ސީރިޔަސްވެލިއެވެ." ޖަމީލާއްތަ މިރިއަމްގެ ވާހަކަދެއްކިއްޔާ މި މަލުގެ ވާހަކަ ދައްކާނެ.. ކުޑައިރު މިރިއަމް އެ ސައިބޯހިތުން މޮޔަވާކަމަށް........"

އޭނަ ކޮޓަރިއަށްވަދެ ގޮދަޑި ޖެހި މަޑު ގޮނޑިއެއްގެ އަތްގަނޑުގައި މަޑުމަޑުން އިނގިލި ޖައްސައިލިއެވެ. އޭނަ އެހާވަރުން ކެމޮމައިލްއާއިހެދި އުޅެވުނީ އެއީ މަންމައާއި އެމަލާއި އޮތް ގުޅުމުގެ ސަބަބުންނެވެ. ޚާއްސަވެފައިވާތީއެވެ. އެކަމަކު އެއީ އޭނަގެ ބައްޕަ ނިޔާވުމާއި ހަމަޔަށެވެ. އޭގެ ފަހުން މަންމަ ގަޔާވާ ހުރިހާ އެއްޗަކާއި ދުރުވާން އޭނަ މަސައްކަތްކުރިއެވެ. އެއްވެސް ޚާއްސަަކަމެއް ނުބަހައްޓާ އޭނަވަނީ މަންމައާއި ގުޅުން ކަނޑަން ކުރެވުނުހާ ކަމެއް ކޮށްފައެވެ.

އޭނަ ވަށައިގެން ނަޒަރު ހިންގައިލިއެވެ. ކޮފީ މޭޒަކާއި ކުޑަދޮރު ކައިރީފައި ރީތިކޮށް ފައްޖަހާފައިވާ މުސައްލައަކާއި ތިރި ހަރެއްގައި އޮތް ޚަތިމެއްވެސް ފެނުނެވެ. ކޮންމެވެސް މީހަކު ދިރިއުޅެފައިވާތަނެއްހެން ހީވިޔަސް އާ ތަނެކެވެ.

"އެކުވެރިއަކު ލައްވާ މިތަން ފާނިޝްކުރުވީ..."ޒުބޭރު ކަނދުރާގައި އަތް ޖައްސައިލިއެވެ." ޖަމީލާއްތައަށް ހުސްތަނަކަށް ގެނެސް ލީކަމުގެ އިހުސާސްވިޔަ ނުދޭންވެގެން...އެނގެއެއްނު............"

"މަންމަ ކޮބާ؟"

"އަރާމުކޮށްލަނީ...މިދުވަސްކޮޅު ވަރަށް އަވަހަށް ވަރުބަލިވޭ... "

މިރިއަމްގެ ނަޒަރު ހުއްޓުނީ ކެމޮމައިލް ވޯލްޕޭޕަރަށެވެ.

"މިރިއަމް ފެނުނީމަ ވަރަށް އުފާވާނެ.."

އޭނަ ޖަވާބެއް ނުދީ ދޮރު ހުޅުވާލާފައި ބޭރަށް ނިކުމެލުމުންވެސް މަރުހަބާ ކީ ފުން ހިމޭންކަމެވެ. ދިގުދަތުރެއްގެ ނިމުން ފަދައިން ދޮރު ލައްޕައިލެވުނެވެ. ނޫނީ މިއީ އާ ފެށުމެކެވެ.

"ފަހުން އަންނާނަން..."ޒުބޭރު ދާން ހިނގައިގަންނަމުން އެނބުރުނެވެ."ފްރިޖްގައި ކާ އެއްޗެހި ހުންނާނެ. ކަމެއް ދިމާވެއްޖެއްޔާ ގުޅާލައްޗޭ..."

"އޯކޭ...."

ދެޚިޔާލެއްގައި ހުރެފައި ޒުބޭރު ނުކުތުމުން އޭނަ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ޒުބޭރުގެ ޒިންމާދާރު ކަމަށް އަދިވެސް އޭނަ ނުހޭނެނީއެވެ. އޭނަ މަންމަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ދޮރުގެ ތަޅުގައި ހިފާލާފައި މަޑުމަޑުން ހުޅުވައިލިއެވެ. ރަންކުލައިގެ އަލިތައް ލޭސް ފަދުރާތައް ފުރާނާލާފައި ނާޒުކް ޕެޓާންތަކެއް ފާރަށް އަޅުވަމުންދިޔައެވެ. ކޮޓަރިތެރެއަށް ވެރިވެފައިވީ އަރާމު ހޫނުކަމެކެވެ. އަތަރުފާޑެއްގެ މަޑު ވަހެއްވެސް ފިންޏާއެކުވެފައެވެ. މަންމަ އޮތީ އެނދުގައި އަރާމުކުރާކަށް ނޫނެވެ.އޭގެ ބަދަލުގައި އަލަމާރީގައި ހުރި ބޮޑު ލޯގަނޑުކުރިމަތީގައި ދެއަތްތިލަ މަހާލައިގެންނެވެ. މަންމަ ލޯގަނޑު ކައިރީގައި ހުރެގެން ފުނާ އަޅަނީއެއް ނޫނެވެ. ނޫނީ ބުރުގާ ރީތިކޮށްލަނީއެއްވެސް ނޫނެވެ. ހަމަ ހުއްޓިގެން ބަލަން ހުރީއެވެ.

މަންމަ ބަލަހައްޓައިގެން ހުރީ މަންމަގެ ސޫރައަށެވެ. މަންމަ ހުރީ ކުޑަކޮށް ބުމަކައިރިކޮށްލައިގެންނެވެ. ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައެވެ. ލޯގަނޑުން ފެންނަން ހުރީ ކާކުކަން ނޭގިގެން ބޯ އަރިކޮށްފައިވެސް ބަލަނީއެވެ. މަންމަ މަޑުމަޑުން ލޯގަނޑުގައި އިނގިލި ޖައްސައިލިއިރު އިނގިލިތަކުގައި ތުރުތުރެއް ހުއްޓެވެ.

"މިއީ ކާކުތަ؟" މަންމަ އަހައިލިއެވެ.

މިރިއަމްގެ ހިތަށް ލޮޅުމެއް އެރިއެވެ. މަންމަ ކުއްލިއަކަށް ސިހުމާއެކު ލަދުވެސް ގަތްގޮތުން ހީވީ ވައްކަމެއްކުރަނިކޮށް ފަޅާ އެރިހެންނެވެ.

"އޭނަ އެތާ ހުއްޓިގެން ހުންނަތާ ވަރަށް ގިނައިރުވެއްޖެ..." ޖަމީލާ މަޑުމަޑުން ކިޔައިލިއެވެ.

"މަންމާ.."މިރިއަމް ކުރިއަށް އައެވެ.

ޖަމީލާ ކުއްލިއަކަށް އެނބުރި ބަލައިލިއިރު ކުށުގެ އިހުސާސްތައް މޫނުން ފައުޅުވިއެވެ. ލޯބޮޑުކޮށްގެން ހުރީ ޔަގީންކަމެއް ނެތްފަދައިންނެވެ.

"އޯ....މިރިއަމް....."

ޖަމީލާގެ ސަމާލުކަން އޭނައަށް ލިބުނީ ކުޑަ ހިނދުކޮޅަކަށެވެ. އޭނައައި ގާތަށް އައިސް ސިއްރެއް ބުނާފަދައިން ވައި އަޑަކުން ވާހަކަދެއްކިއެވެ.

"އެ އަންހެންމީހާއަކީ މިގޭގައި ދިރިއުޅޭ މީހެއްނޫން...ފުރަތަމަ ހީކުރީ...ފަހަރެއްގައި ވެދާނެއޭ ރަށުން އައިސްގެން އުޅޭ މެހުމާނެއްކަމަށް. އެކަމަކު އޭނަ ދާކަށް ނޫޅުނު.."

އޭނައަށް މަންމަގެ އަތުގައި އޯގާތެރިކަމާއެކު ހިފަހައްޓައިލެވުނެވެ."މަންމާ އެތާގައި އެކަކުވެސް ނެތް...މަންމަ އެކަނި..."

ޖަމީލާގެ ބުމަ އިތުރަށް ގާތްވެލިއެވެ.

"ނޫން ނޫން. ދަންނަގޮތެއް އެބަހުރި. އެކަމަކު އޭނަ މާ އުމުރުން ދުވަސްވެފައި ހުރީ. އަދި އިސްތަށިގަނޑު.... ވަރަށް ހުދު...." ޖަމީލާ އަމިއްލަ އިސްތަށިގަނޑުގައި އަތް ޖައްސައިލިއެވެ.

"އެހެރީ މަންމަ..ލޯގަނޑުން ފެންނަނީ މަންމަގެ ރިފްލެކްޝަން..މަންމަގެ ސޫރަ...."އޭނަ ބުނެދޭން މަސައްކަތްކުރިއެވެ.

ޖަމީލާ ލޯގަނޑަށް ނަޒަރު ހުއްޓައިލިއެވެ. ޔަގީންކަން ނެތްފަދަ ނަޒަރު މަޑުމަޑުން ބަދަލުވީ އިންތިހާ ދަރަޖައިގެ މޮޅިވެރިކަމަށެވެ. އޭނަ އެސްފިޔަޖަހައިލިއެވެ.

"އޭނަ އަބަދުވެސް މަންމައަށް ބަލަން ހުންނަނީ...."ޖަމީލާ ބުނެދިނެވެ. ބިރުވެރިކަން ފިލާ ތަންކޮޅެއް ހަމަޖެހިލީ މިރިއަމް ގާތުގައި ހުރުމުންނެވެ." ފަހަރެއްގައި އޭނަ ބޭނުންވަނީ ހަނދާން ކުރުވަން ކަން ނޭގޭ..."

އޭނަގެ ކަރުނަތައް ދިރުވައިލަމުން އެސްފިޔަޖަހައިލިއެވެ.

"ދެން ދެމީހުންވެގެން އޭނަ މަތިން ހަނދާންކުރަމާ..." އޭނަ މަންމަގެ ކޮނޑުގައި މަޑުމަޑުން އަް ޖައްސައިލިއެވެ.

***

މިރިއަމް އޭނަގެ މަންމަ ގޮވައިގެން އެނދާއި ހަމަޔަށް ގެންދިޔައެވެ. ޖަމީލާގެ ކޮންމެ ހަރަކާތެއްގައިވީ ލަސްކަމެވެ. އެހާ ބަލައިގެން ހިނގާގޮތުން އަތުގައި އެއްޗެހި ގިނަވެގެން އުދަގޫވެގެން އުޅޭފަދައެވެ. ކަސިޔާރުކޮށް އެޅޭ އެންމެ ފިޔަވަޅަކުންވެސް ހުރިހާ އެއްޗެއް ބަންޑުންވެދާނެއެވެ.

"ކޮންމެވެސް އެއްޗެއް ކާލަން ވާނެ ދޯ.." އޭނަ އެހިއެވެ.

ޖަމީލާ އެކަމާއި ދެކޮޅުނަހަދާ އެނދުގައި އިށީދެފައި ތަންކޮޅެއް ދުރަށް ބަލަހައްޓައިގެން އިނީ ގެއްލިފައެވެ.

ކާބައިގެ ކައުންޓަރުމަތީގައި ބީޓްރޫޓްބަތާއިއެކު ފިހެފައިވާ ކުކުޅުމަހާއި ތާމަލް ކަންވާރެއްގައި ހޫނު ރިހަ ހުއްޓެވެ. މަންމައަށް ކާއެއްޗެހި ހިފައިގެން ގޮސް ކާންދީ ނިމުމުން ރަޖާގަނޑު ރީތިކޮށް އަޅާދިނެވެ. ނިންޖަކީވެސް މިފަދަ މައްސަލަތަކަށް ފަރުވާއެކެވެ.

"ބަންގިދިނީމަ ގޮވާލާތި..." ޖަމީލަ އެދުނެވެ. މަންމަ ރަގަޅަށް ނިދެންދެން ކައިރީގައި އިނދެފައި އޭނަ ތަށިތައް ހިފައިގެން ސިންކުކައިރިއަށް ދިޔައެވެ. ތަށިތައް ދޮވެލުމަށްފަހު އޭނަ އެރީ މަތީބައިގެ ބެލްކަންޏަށެވެ. ގަސްތަކުގެ ދޭތެރެއިން މޫދުފެންނާން އޮތެވެ. ބިއްލޫރިކޮޅެއްހެން ދަޅައަރަނީ ވައިރޯޅިތަކާއެކު ރާޅުތައް ހަރަކާތްކުރާތީއެވެ. ކުދިންތަކުގެ ސަކަ ހުނުމުގެ އަޑެއް ވާހަކަދައްކާ އަޑެއް ނީވެއެވެ. މަގުމަތީގައި ދުއްވާ އުޅަދުފަހަރު ގެ އަޑު ދޭތެރެއަކުން އިވިލައެވެ. މޫދު ފެންނަން އޮތުމުން އޭނަގެ ހިތަށް އުފާވެރިކަން ލިބުނެވެ.

ވަކަރު ރެއިލިންގައި އަތް އަޅުވާލައިގެން ހިތް ހަމަޖައްސައިލަން ހުރިއިރު ލޮނުގެ އަސަރު އެކުލެވޭ ރޯޅިތައް އަތާއި މޫނަށް ބޮސްދެމުން ދިޔައެވެ.

"މިހުރިހާކަމެއް ކޮށްދިން މީހަކީ ޒުބޭރު. މި ފަރުނީޗަރުތަކާއި. ކުދި ކުދި ކަންތައްތައްވެސް ހަނދާން ނައްތައެއްނުލާ.. މަންމައާއިމެދުވެސް ވަރަށް ރަގަޅަށް ޚިޔާލު ބަހައްޓާ އަޅައިލި....މި އިހުސާންތެރިކަމުގެ އަގު އަދާކުރާނީ ކިހިނެއް؟"

ކުއްލިއަކަށް އެ ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ބާރުކުރަން ފެށިއެވެ. އޭނަ ދުވަހެއްގެ ކޮޅުންވެސް މީހެއްގެ އަތުން ދަރަންޏަށް އެއްޗެއް ނަގާފައެއްނުވެއެވެ. އެއީ އޭނަ ރުހޭކަމެއްނޫނެވެ. ވަގުތުން ޖީބުން ފޯނު ނެގިއެވެ.

"ނާސިން ޖޮބްސް މާލެ.."އޭނަ ޓައިޕްކޮށްލިއެވެ.

ވަގުތުން ލިސްޓްތައް ލޯޑުވާންފެށިއެވެ. އޭނަ ވަޒީފާ ބޭނުންވަނީ ކްލިނިކަކުންނެވެ. ނަސީބަކުން ކޮންމެވެސް ވަރަަކަށް ވަޒީފާގެ ފުރުސަތުތައް ހުއްޓެވެ.އެހާ މުސާރަ ބޮޑުނޫނަސް އޭނައަށް ކުއްޔަށް މިތަނުގައި އުޅެވިދާނެއެވެ. އެހީތެރިވެސް ވެވޭނެއެވެ. އަދި ދަރަނިވެސް ދެއްކިދާނެއެވެ.

އޭނަ ރެއިލިންގައި އަތްއަޅުވައިލިއެވެ.

ނުނިމޭ...