02 Aug 2012, 20:57
ލިފްޓަކުން އަރަނިކޮށް އެ ލިފްޓް ކަނޑައިގެން ގޮސް ދެ މީހަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ދެ މީހަކު ވެއްޓިފައި ވަނީ އެލިޔާ ސްޓޯރު ކައިރީގައި 10 ބުރި އަށް ހަދަމުންދާ ލޮނަދޫ ހިޔާ ނަމަކަށް ކިޔާ ގެއެއްގައި ތަކެތި އުފުލަން ގެންގުޅުނު ލިފްޓަކުން ކަމަށާއި އެދެ މީހުން ވެއްޓުނީ އެ ލިފްޓަށް އަރަނިކޮށް ލިފްޓް ކަނޑައިގެން ދިޔުމުން ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އެ ހާދިސާގައި އަނިޔާވި ދެ މީހުންނަށް ވެސް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެން އަންނަ ކަމަށެވެ. މިހާދިސާގައި ޒަހަމް ވެފައި ވަނީ ރ. އަލިފުށީ ދޯޅަނބުގޭ އަބްދުލް ޣަފޫރާއި ހަމަ އެރަށު ކަށިމާގޭ، ޝިފާޒް އަލީ އަށެވެ. މި ދެ މީހުންގެ ތެރެއިން ޣަފޫރުގެ ހާލު ވަރަށް ސީރިއަސް ކަމަށްވެއެވެ. އޭނާގެ މޭގެ ކަށިތަކާއި އުނަގަނޑު މި ހާދިސާގައި ބިނދިފައި ކަމަށް ބުނެ އެވެ.
މި ހާދިސާއާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެ އެވެ.