މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޓެކްސްގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް ފެއިލްވެފައިނުވާ ކަމަށާއި އާ ޓެކްސްތައް ތައާރަފުކޮށްގެން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑި ހާސިލްކުރެވިފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހަންމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މީޑިޔާތަކަށް މިއަދު ދެއްވި ސްޓޭޓްމަންޓެއްގައި ޔަޒީދު ވިދާޅުވީ ޓެކްސްގެ ނިޒާމަށް އަލަށް ތައާރަފު ކުރެވުނު ޖީއެސްޓީ އާއި އަދި ވިޔަފާރި ފައިދާއިން ނަގަން ފެށި ޓެކްސްގެ ޒަރިއްޔާއިން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ހޯދިފައިވާ ކަމަށާއި ޓެކްސްގެ ނިޒާމަށް ބަދަލު ގެނެސްގެން ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑިތައް ވެސް ހާސިލްވެފައިވާ ކަމަށެވެ. ޓެކްސްގެ ނިޒާމަށް އަލަށް ގެނައި ބަދަލުތަކަކީ ފެއިލްވެފައިވާ ބަދަލުތަކެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ.

"މީޑިޔާތައް މެދުވެރިކޮށް އެކި ބޭފުޅުން ދައްކާ ވާހަކަތަކުން އެބަ އިވޭ، ރާއްޖޭގައި އަލަށް ތައާރަފްކުރި ޖީއެސްޓީ ނިޒާމް ފެއިލްވެއްޖެ ވާހަކަ، ރާއްޖޭގައި އަލަށް މި އައި ޓެކްސް ނިޒާމު ފެއިލްވެގެން މީރާއަށް މިކަން ނުކުރެވިގެން އުޅޭ ވާހަކަ، އަޅުގަނޑުމެން ބަލަން ޖެހޭނީ ފެކްޓަށް މީގައި ތިބޭފުޅުން ވަރަށް ފުންކޮށް ބަލާލައިފިއްޔާ 2011 ވަނަ އަހަރު ޓީ ޖީއެސްޓީ ފުރަތަމަ އިމްޕްލިމެންޓް ކުރިއިރު އަޅުގަނޑުމެން ޓާގެޓްކޮށްފައި ވަނީ 700 ދެ މިލިއަން ރުފިޔާ ހޯދަން،" ޔަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަހަރު ތެރޭގައި 836 މިލިއަން ރުފިޔާ ހޯދައި ޓާގެޓް ކުރި އަދަދު ހާސިލްކުރެވިފައިވާ ކަމަށާއި ޖެނެރަލް ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަމަސްދުވަހަށް އަމާޒުކޮށް ކޮށްފައި ވަނީ 1.3 ބިލިއަން ރުފިޔާ ހޯދަން ކަމަށެވެ.

"މިއަހަރުގެ މިހާތަނަށް 1.36 ބިލިއަން ރުފިޔާ ހޯދައިފިން، އަދި ބީޕީޓީން އަޅުގަނޑުމެން ލަފާކޮށްފައި އޮތީ 352 މިލިއަން ރުފިޔާ ލިބޭނެ ކަމަށް، އެހެންނަމަވެސް އެއަށްވުރެ މާބޮޑު 44 ޕަސެންޓް އިތުރު އަދަދަކާއެކު 508 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޯދައިފިން އެހެންވީމަ އަޅުގަނޑުމެންނަށް މި އެނގެނީ އާ ޓެކްސް ނިޒާމާއި ޖީއެސްޓީ ތައާރަފްކޮށްގެން ލަނޑުދަނޑިތައް ހާސިލްވެފައިވާކަން،" ޔަޒީދު ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން ޓެކްސްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމާއި ގުޅޭ ގޮތުންވެސް ޔަޒީދު ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ އިމްޕޯޓް ޑިޔުޓީގެ އިސްލާހު ގެނައުމުގެ ގާނޫނު މަޖިލީހުން ފާސްވެގެން އައިއިރު ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ ދައުލަތަށް ލިބޭނެ އާމްދަނީ ދަށްވި ކަމަށާއި ނަމަވެސް އެއީ މުޅި ޓެކްސް ނިޒާމް ފެއިލްވުންކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ޖީއެސްޓީ އިތުރަށް ފުޅާކުރަން ބޭނުންވާނަމަ ޖީއެސްޓީ ނެގޭނެ ދާއިރާތައް ފުޅާކޮށް ޖީއެސްޓީގެ ރޭޓްވެސް ފުޅާ ކުރެވިދާނެ ކަމަށެވެ.

"އެގޮތަށް އިމްޕޯޓް ޑިޔުޓީން ލިބެންވާވަރު ނުލިބުމަކީ ޖީއެސްޓީ ނިޒާމު ފެއިލްވުމެކޭ ނުބުނެވޭނެ، އެބައިން ހަމަލަނޑުދަނޑިތައް ހާސިލްވެފައި މިހުރީ،" ޔަޒީދު ވިދާޅުވި އެވެ.

ޓެކްސް ދައްކަން ޖެހޭ 90 ޕަސެންޓަށް ވުރެ ގިނަ ފަރާތްތަކުން ޓެކްސް ދައްކާފައިވާތީ އެކަމުންވެސް ޓެކްސް ނިޒާމުގެ ކާމިޔާބު ކަމާއި މީރާގެ ޓީމުގެ ކާމިޔާބު މަސައްކަތް ދައްކައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަޒީދު ވިދާޅުވީ ކޮންމެ ކަމެއް ފަށާއިރު ވެސް މައްސަލަތަކެއް ހުންނާނެ ކަމަށާއި ރާއްޖޭގެ ޓެކްސް ނިޒާމުގައި ދިމާވާ އެކި މައްސަލަތައް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހެއްހާ ދުވަހުގެ ތެރޭގައި ހައްލުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ޓެކްސް ނިޒާމުގައި މާބޮޑު މައްސަލަތަކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރަށް މީރާގެ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވަމުން ޔަޒީދު ވިދާޅުވީ މީރާއިން މަސައްކަތް ކުރާނީ ޓެކްސްގެ ނިޒާމަށް ވެސް ޓެކްނޮލޮޖީ ތައާރަފް ކުރަން ކަމަށާއި ޓެކްސް ނުދައްކާ ޓެކްސްއަށް މަކަރު ހަދާ ފަރާތްތައް ދެނެ ގަނެ ފިޔަވަޅު އެޅުމުގެ ދާއިރާވެސް ވަރުގަދަ ކުރާނެ ކަމަށެވެ. އެގޮތުން ޖީއެސްޓީ ނުދައްކާ މީހުންގެ އެކައުންޓް ފްރީޒްކޮށް އެފައިސާ އަތުލުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުން ހިމެނޭ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.