02 Aug 2012, 20:30
އިސްލާމްދީނުގެ މޮޅުކަމުގެ ތެރޭގައި ޤިޞާޞު ހިފުމާއި، (ބަދަލަށް ބަދަލުހިފުމާއި) އަދަބުތަކާއި، ޙައްދުތައް ކަނޑައަޅުއްވާފައިވާކަން ހިމެނެއެވެ. ޝައްކެއް ނެތެވެ. ޤިޞާޞު ހިފުމަކީ އިންސާނިއްޔަތަށް ވަރަށް ބޮޑު ދިރުމެއް ވާކަމެކެވެ. މިއީ ބުއްދީގެ އަހުލުވެރީން އިޢުތިރާފުވާން ޖެހޭ ޙަޤީޤަތެކެވެ. ފާޑުކިޔާ ބައެއް މީހުން ފާޑުކިޔަމުން ދިޔަކަމުގައި ވިޔަސް އިންސާނީ ފުރާނަޔަށް އިޙްތިރާމު ނުކުރާ ބައެއްގެ ފުރާނަޔަކީ ޙިމާޔަތް ކުރަން ޖެހޭ އެއްޗެއް ކަމުގައި ޤަބޫލުކުރާ މުޖުތަމަޢަކީ ތިމާމެންގެ ގަމީހުގެ އަތުކުރީގައި ހަރުފަ ގެންގުޅޭ ބައެކެވެ.
މުޖުތަމަޢުގެ ރައްކާތެރިކަމާއި މުދާ ޙިމާޔަތް ކުރެއްވުމަށްޓަކައި އިސްލާމްދީން ވަނީ ވައްކަންކުރާ މީހުންގެ އަތް ކެނޑުމަށް އަމުރުކުރައްވައިފައެވެ. ބައެއްމީހުން ވާހަކަދައްކާ ގޮތުގައި ވައްކަންކުރާ މީހުންގެ އަތް ކަނޑަން ފަށައިފިނަމަ ޖަމާޢަތުގެ ތެރެއިން ގިނައިން ފެންނާނީ އަތް ބުރިކޮށްލެވިފައި ތިބޭ މީހުންނެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ނޫންކަން ސައޫދީ އަރަބިޔާއަށް ދަތުރުކުރި އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެއެވެ. ނަމާދަށް ބަންގި ގޮވުމުން ރަން ފިހާރަތަކުގެ ދޮރުގައި ފޮތިގަނޑެއް ދަމައިލައިފައި މިސްކިތަށް އެދަނީ ފިސާރި ހިތްހަމަޖެހުމާ އެކުގައެވެ. އެކަމަކު އަތް ބުރިކޮށްލައިފައި ހުރި މީހަކު ފެންނާނީ ކާޅަކުން ހުދުފަތެއް ފެންނަ ގޮތަށެވެ.
އިންސާނާގެ ފުރާނަޔާއި، އޭނާގެ ނަސަބާއި، އޭނާގެ ބުއްދިއާއި، އޭނާގެ ޢިއްޒަތާއި އަބުރާއި އޭނާގެ ޞިއްޙަތު ރައްކާތެރި ކުރެއްވުމަށްޓަކައި އިސްލާމްދީނުގައި ވަނީ ޒިނޭކުރުމާއި، އޫރުމަސް ކެއުމާއި، ފިރިހެންކުޅި ކުޅުމާއި، މަސްތުވާތަކެތި ބޭނުންކުރުން ޙަރާމް ކުރައްވައިފައެވެ. އިސްލާމްދީނުގައި ހަޑިމުޑުދާރު ތަކެއްޗާއި، ކަންކަން ޙަރާމްކުރެއްވީ އިންސާނީ ކަރާމާތާއި، އިންސާނީ ޝަރަފު ރައްކާތެރި ކުރެއްވުމަށްޓަކައެވެ. އިސްލާމްދީނުގައި ވަނީ ރަނގަޅު ޠާހިރު ތަކެއްޗާއި ކަންކަން ހުއްދަ ކުރައްވައިފައެވެ. ހަޑިމުޑުދާރު ތަކެއްޗާއި ނުބައި ނުލަފާ ކޮންމެ ކަމެއް ވަނީ ޙަރާމް ކުރައްވައިފައެވެ.
އިސްލާމްދީނުގެ ނަބިއްޔާ އިސްލާމީ އުއްމަތާ ވަކިވެވަޑައިގަތީ އެއްވެސް އަޑިގުޑަންކަމެއް ނެތް ސަރާސަރު އަލި މަގަކަށް އިސްލާމީ އުއްމަތް ދޫކުރައްވައިފައެވެ. އެމަގުގައި ކުރިޔަށްދާނަމަ އަނދިރި ރޭތައްވެސް ވާނީ އަލިވެ އުޖާލާވެފައިވާ ދުވާލެއް ފަދައިންނެވެ. ހަލާކުވެ ބަރުބާދުވެގެންދާ ބަޔަކު މެނުވީ އެ ސަރާސަރު ރަސްމަގުން ކައްސާލައި މަގު ގެއްލިގެންނެއް ނުދާނެއެވެ.