03 Jul 2025, 10:37
ވަކި ދިރިއުޅުމެއްގައި އުޅެން ފެށިތާ އަހަރެއްވެފައިވީ ނަމަވެސް އެކްޓަރު ފަރުދީން ޚާން އާއި ދަރިފުޅު ނަތާޝާ އަދިވެސް އުޅެނީ އިނދެގެން ކަމަށް ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒު ބުނެފިއެވެ.
ފިލްމު "ޖާނަޝީން"، "ޕިޔާރު ތޫނޭ ކިޔާ ކިޔާ" އަދި "ނޯ އެންޓްރީ" ފަދަ ފިލްމުތަކުން މަގުބޫލުވި އެކްޓަރު ފަރުދީން ޚާން އާއި އަންހެނުން ނަތާޝާގެ ކައިވެނީގައި މައްސަލަޖެހި ދެ މީހުން ވަކިވެފައިވާކަމަށް މީޑިއާތަކުން މީގެކުރިން ވެސް ވަނީ ބުނެފައެވެ.
ފަރުދީންގެ މައިދައިތަ އަދި ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒު ދާދިފަހުން މީޑިއާގައި މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުނީ، ދަރިފުޅު ނަތާޝާ އާއި ފަރުދީން ވަކިން އުޅެން ފެށި ނަމަވެސް ދެ މީހުންގެ ކައިވެނި އަދިވެސް ވަރިއާ ހަމައަށް ނުދާ ކަމަށެވެ. އެހެންކަމުން އަދިވެސް އެ ދެމީހުންނަކީ ދެމަފިރިން ކަމަށް މުމްތާޒު ވަނީ ބުނެފައެވެ.

އިންޑިއާގެ ކުރީގެ ފިލްމީ ތަރި އަދި ނަތާޝާގެ މަންމަ މުމްތާޒު--ފޮޓޯ/ހިންދުންސްތާންޓައިމްސް
ދެ މީހުންގެ ކައިވެންޏަށް ނިމުން ގެންނަން ނިންމި ނަމަވެސް ފަރުދީނަކީ އަބަދުވެސް މުމްތާޒު ވަރަށް ލޯބިވާ މީހެއް ކަމަށާއި އެއީ ކުދިންނަށް ވަރަށް ރަނގަޅު ބައްޕައެއް ކަމަށް މުމްތާޒު ބުނެފައިވެއެވެ.
ކޮންމެ ކައިވެންޏަކީ ވެސް އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ގުޅުމެއް ކަމުން ފަރުދީން އާއި ނަތާޝާގެ ކައިވެނީގައި މާބޮޑު މައްސަލަތަކެއް ޖެހުނުކަން އެނގިފައިނުވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފަރުދީން ޚާން އޭނާގެ ދެ ކުދިންނާ އެކު--ފޮޓޯ/ފިލްމުފެއަ
ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ވެސް އެއްބަސްވުމަކަށް ނާދެވޭނެ ކަންކަން ހުރެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި މުމްތާޒުގެ އުއްމީދަކީ ފަރުދީން އާއި ނަތާޝާ ދެވަނަ ވިސްނުމަކަށް ގޮސްގެން ނަމަވެސް ދެ މީހުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައަށް ހައްލެއް ހޯދައި ކުދިންނަށް ޓަކައި ވަކިނުވުން ކަމަށް ކުރީގެ ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.
ފަރުދީން ޚާން އަކީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ފީރޯޒު ޚާންގެ ދަރިއެކެވެ. ފަރުދީން އާއި ނަތާޝާގެ ކައިވެނި ކުރެވުނީ ފަރުދީންގެ އެކްޓިންގް ކެރިއަރު ފެށިތާ ވަރަށް ކައިރީގައި 2005 ވަނަ އަހަރެވެ.
ދެ މީހުންގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު ކުދިން ދިރިއުޅެމުން އަންނަނީ ނަތާޝާއާ އެކު އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. ފަރުދީން ވަނީ އަހަރުތަކެއް ވަންދެން ފިލްމު އިންޑަސްޓްރީއާ ދުރުގައި އުޅުމަށްފަހު އެނބުރި ފިލްމީ ދާއިރާއާ އަލުން ގުޅިފައެވެ.
އާއިލާއާ އެކު މުމްބާއީގައި ދިރިއުޅެމުން އަންނަ ފަރުދީން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ހައުސްފުލް 5"އިންނެވެ. މީގެއިތުރުން ފަރުދީން އަންނަނީ އިތުރު ދެ ފިލްމީ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ.