02 Aug 2012, 20:03
އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ދަށުން ގާނޫނީ ބާރު ދީފައިވާ ގަވާއިދުތަކުގެ މުއްދަތު އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12:00 ގައި ހަމަވާތީ އެ ގަވާއިދުތަކަށް އަމަލު ކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދެފި އެވެ.
މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ގާނޫނު އަސާސީއަށް އަމަލު ކުރުމުގެ ކުރިން ހަދާފައިވާ 47 ގަވާއިދަކަށް މަޖިލީހުން ގާނޫނީ ބެލެނިވެރިކަން ދީފައިވާ މުއްދަތު ފަހަނައަޅައި ދިޔުމުން އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އާޒިމާ ވިދާޅުވީ އެކަން އެގޮތަށް އޮއްވާ މަޖިލީސް މުއްދަތެއް ނެތްގޮތަށް މެދުކަނޑާލި ނަމަވެސް އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދޭން ޖެހޭކަން ދައުލަތުން މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އާޒިމާ ވިދާޅުވީ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނެސްފައިވީ ނަމަވެސް ދައުލަތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީ ހިމާޔަތްކޮށް ނަގަހައްޓާ ފަރާތަކަށްވާތީ އެކަމުގައި އެ ކޯޓަށް ހައްލުތަކެއް ހޯދިދާނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު އެދިފައި ވަނީ މަޖިލީހުން ގޮތެއް ނިމެންދެން ގަވާއިދުތަކަށް އަމަލު ކުރުމުގެ ގާނޫނީ އަމުރެއް ނެރެދިނުމަށް ކަމަށް ވެސް އާޒިމާ ވިދާޅު ވިއެވެ.
"މިހާރު މި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ. މަޖިލީހުން ގޮތެއް ނިމެންދެން ގަވާއިދުތަކަށް އަމަލު ކުރުމުގެ ގާނޫނީ އަމުރެއް ނެރެދިނުމަށް މިއަދު ސުޕްރީމް ކޯޓުގައި އެދުނީ،" އާޒިމާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ގަވާއިދުތަށް ދިރާސާ ކުރުމަށްފަހު ދައުލަތުގެ ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފެއްތެން ހުރި ގަވާއިދުތައް ގާނޫނީ އޮނިގަނޑަށް ފައްތައި ގެޒެޓު ކުރުމުގެ މަސައްކަތް ވެސް ބަންޑާރަ ނާއިބްގެ އޮފީހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
މާލިއްޔަތުގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ގާނޫނު ތަސްދީގު ކުރި ހިސާބުން އޭރު ދެމުންގެންދިޔަ ސަބްސިޑީޒްތައް ހުއްޓުމަކަށް އަތުވެދާނެތީ ކުރީގެ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހުއްޓިދާނެތީ، އެ ކޯޓުން ވަކިގޮތެއް އަންގަންދެން އެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް އަމުރެއް ނެރެފައެވެ.