26 Aug 2010, 11:48
16:53
ސަލާމާތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ (ޓޫ ފޯ ވަން ކޮމެޓީ) އަށް ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހާއި ޗީފް އޮޕް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް މިއަދު ހާޒިރުވެ ވަޑަގަތުމަށް އަމުރު ނެރެފައި ވީނަމަވެސް އެ ދެބޭފުޅުން ވެސް މިއަދު އެ ކޮމެޓީ އަށް ވަޑައެއް ނުގެންނެވި އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކޮމިޝަނާ އޮފް ޕޮލިސް މަޖިލީހުގެ ޓޫ ފޯ ވަން ކޮމެޓީ އަށް ހާޒިރުވެ ވަޑައިގަތުމުގެ އަމުރެއް ނެރުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ސަންއެފްއެމް އަށް އެނގިފައިވާ ގޮތުގައި ކޮމެޓީއަށް ވަޑައި ނުގެން ފުލުސް ކޮމިޝަނަރު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ވަނީ ކޮމެޓީއަށް ސިޓީއެއް ފޮނުއްވާ ފައެ. އެކަމާ ބެހޭ ގޮތުން ޓޫ ފޯ ވަން ކޮމެޓީގެ މުގައްރިގު މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ ޓޫފޯވަން ކޮމެޓީ ބޭއްވީ ސިއްރު ބައްދަލުވުމަކަށް ވާތީ ބައްދަލުވުމުގައި ވީ ކަމެއްގެ ޖުމްލަ ނިންމުން ދާނީ މަޖިލީހުގެ ތަޅުމަށް ކަމަށާއި މީޑިޔާއަށް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.