އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލަށް ކުޅޭ ކޮލޮމްބިއާގެ ފޯވަދް ލުއިޒް ޑިއާޒް އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަން ރަސްމީކޮށް އެކްލަބުން ހާމަކޮށްފިއެވެ.

ލިވަޕޫލުން މިކަން ހާމަކޮށްފައިވަނީ 28 އަހަރުގެ ޑިއާޒް ހޯދުމަށް ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔޭން މިޔުނިކް އިން ރަސްމީކޮށް ހުށަހެޅުމުންނެވެ. މިއާއެކު ބަޔޭންގެ ޑިރެކްޓާ އޮފް ސްޕޯޓްސްގެ މަގާމް އަދާކުރާ މެކްސް އެބާލްއަށް ލިވަޕޫލުން ވަނީ ޑިއާޒް ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި އޭނާއާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރަން ބޭނުން ނޫންކަން އަންގާފައެވެ.

ޑިއާޒް ހޯދުމަށް ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއިން ވެސް މީގެކުރިން ޝައުގުވެރިކަން ފާޅުކުރިކަމަށްވެއެވެ. ނަމަވެސް އެފަހަރު ވެސް ލިވަޕޫލުން ވަނީ އެވިޔަފާރިއަށް ފުރަގަސް ދީފައެވެ. ލިވަޕޫލުން ބުނާގޮތުގައި މިސީޒަންގައި ޑިއާޒްއަކީ އެޓީމުން އެއްވެސް އަގެއްގައި ވިއްކާލާނެ ކުޅުންތެރިއެއް ނޫނެވެ.

ޑިއާޒް ވަނީ ނިމިދިޔަ ސީޒަނުގައި ލިވަޕޫލުން ހޯދި ކާމިޔާބީ ތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. 2022ވަނަ އަހަރު ޕޯޗުގަލްގެ އެފްސީ ޕޯޓޯއިން ލިވަޕޫލަށް ބަދަލުވި ޑިއާޒްވަނީ ނިމިދިޔަ ސީޒަންގައި ލިވަޕޫލުން ޕްރިމިއާ ލީގުގެ ތަށި އުފުލާލިއިރު 22 ލަނޑު ކާމިޔާބު ކޮށްފައެވެ. ޑިއާޒްއަށް މިދިޔަ ސީޒަންގައި މެންޗެސްޓާ ސިޓީގެ އިތުރުން ސައުދީ ޕްރޯ ލީގުގެ ޓީމުތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ޑިއާޒް ބުނާގޮތުގައި އޭނާ ލިވަޕޫލުގައި ހުރީ ވަރަށް އުފަލުންނެވެ. ޑިއާޒް ލިވަޕުލޫއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ޑިއާޒް ބުނީ އޭނާހުރީ ބާކީ އޮތް ދެ އަހަރު ލިވަޕޫލްގައި މަޑުކުރާގޮތަށް ކަމަށާއި މިމުއްދަތުގެ ތެރޭގައި އެކްލަބުން ރަނގަޅު ހުށަހެލުމެއް އަތުވެއްޖެނަމަ އެކަން ވެސް އޭނާ ބަލާނެކަމަށެވެ.

ޑިއާޒް ޓީމު ދޫކޮށް ނުދިޔަ ނަމަވެސް އެޓީމުގެ ޑިފެންސުން ފެނުނު ޒުވާން ކުޅުންތެރިޔާ ޖަރެލް ކުއާންސާވަނީ 35 މިލިއަން ޕައުންޑްގެ އަގަކަށް ޖަރުމަނު ބުންޑެސްލީގާގެ ބަޔާ ލެވަކޫސެންއާ ގުޅިފައެވެ. 22 އަހަރުގެ މިކުޅުންތެރިޔާ ވަނީ ލެވަކޫސެން އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިއީ މިދެ ކްލަބްގެ ތެރޭގައި މިފަހަރުގެ ޓްރާސްފާ ބާޒާރުގައި ކުރެވުނު ތިންވަނަ ވިޔަފާރިއެވެ.

މީގެކުރިން ލެވަކޫސެންގެ ދެ ކުޅުންތެރިންކަމަށްވާ ޖެރެމީ ފްރިމްޕޮންގް އާއި ފްލޯރިއަން ވާޓްޒްވަނީ ލިވަޕޫލާ ގުޅިފައެވެ. މީގެއިތުރުން ނެދަލަންޑްސްގެ ކުރީގެ ކުޅުންތެރިޔާ ޖިއޮވާނީ ވެން ބްރޮންހޯސްޓް ވަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ލިވަޕޫލާ ގުޅިފައެވެ.