02 Aug 2012, 19:57
ފުލުސް އޮފީސް ތެރޭގައި ރަނގަޅަށް މަސައްކަތްކުރައްވާ ގައުމީ ފުލުހުން ތިއްބާ ފެނިވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިއަދު ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެން ބަޔާނެއް ދެއްވުމަށްފަހު ޗާންދަނީ މަގުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމަނިކުފާނު މިއަދު ފުލުހުންނަށް ބަޔާނެއް ދެއްވި ކަމަށާއި އެ ބަޔާނާއި ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވާނީ އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ހިމެނި ވަޑައިގެންނަވާ ވަކީލުން ކަމަށެވެ.
"ގާނޫނާއި އެއްގޮތަށް މަސައްކަތްކުރައްވާ ގައުމީ ފުލުހުން އެބަތިއްބެވި. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް! އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުލުސް އޮފީސް އެއްކޮށް ގައުމީ ފުލުހުންގެ އިދާރައަކަށް ހެދޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފުލުސް އޮފީހަށް ދިމާވެފައިވަނީ ވަރަށް ހިތާމަވެރި ގޮތްތަކެއް ކަމަށާއި "ބަޣާވާތަކަށް" ފަހު އެތަނުގެ ހައްގުވެރިން، ފުލުސް އޮފީހުގެ ގާނުނީ ވެރިން ދުރުކޮށް "ބާޣީން" އެކިއެކި މަގާމުތަކާއި ހަވާލުވެވަޑައިގެން ތިއްބެވި ކަމަށެވެ. އަދި އެއީ ވަރަށް ނިކަމެތިކޮށް ދިމާވެފައި ވާކަމެއް ކަމަށެވެ. އަދި ވިދާޅުވީ ގާނޫނޫނާއި އެއްގޮތަށް މަސައްކަތްކުރައްވާ ގައުމީ ފުލުހުން އެ މުއައްސަސާގައި ތިއްބެވި ކަމަށާއި ގައުމީ ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ އިދާރާ ހެދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ފުލުހުންގެ އިދާރާއަށް ވަޑައިގަތުމަށް ރައީސް ނަޝީދަށް ފުލުހުން ދެންނެވީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފުލުހުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ހަރަކާތްތަކުގައި ފުލުހުންނަށް ހަމަލާދީ ފުލުހުންނަށް ނިސްބަތްވާ އުޅަނދުތަކާއި އިމާރާތްތަކަށް ދީފައިވާ ގެއްލުންތަކަކީ ނަޝީދު އިސްވެ ހުންނަވައި ރާވައިގެން އެމަނިކުފާނުގެ އިރުޝާދާއެކު ހިންގާފައިވާ ހަމަނުޖެހުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ތަޙްޤީޤުގައި އެމަނިކުފާނާ ސުވާ ކުރަން ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.
ރައީސް ނަޝީދު އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ގާނޫނީ ވަކީލުންނާއެކު ހިންގަވާފައި ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެން ބަޔާނެއް ދެއްވި އިރު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވަނީ އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ސިޓީއެއް ފޮނުވި ނަމަވެސް އެމަނިކުފާނު ފުލުސް އޮފީހަށް ނުގެންދެވޭނެ ކަމަށެވެ.
ރައީސް ނަޝީދު މިއަދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވި އިރު ގިނަ ސަރަހައްދުތަކެއް ބަންދުކޮށް ފުލުހުންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި އޮތް ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ ބެރިކޭޑްތައް ހުރަސްކޮށް ޖުމުހޫރީ މައިދާނަށާއި ފުލުހުންގެ އިދާރަގެ ކުރިމައްޗަށް ގޮސްފަ އެވެ. އަދި ފުލުހުން ތަކުރާރުކޮށް ޖުމުހޫރީ މައިދާން ސަރަހަށްދަށް ނުވަނުމަށް އެންގިނަމަވެސް އެސަރަހައްދަށް ވަން ބައެއް މީހުންނާއި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މިއަދު ގާތްގަނޑަކަށް އަށެއްކަ މީހުން ހައްޔަރު ކުރި އެވެ. ބައެއް މީހުންނަށް އަނިތާތައް ވެސް ލިބުނެވެ.