ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ސިވިލް ސާވިސްއާ (ސީއެސްސީ) އާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމުގައި، ސަރުކާރުގެ ވެރިންނާއި ސީއެސްސީގެ މެންބަރުން ހިމެނޭ ގޮތަށް 2010 ވަނަ އަހަރު އެކުލަވައލި ކޮމިޓީއަށް ބަދަލުގެނެސް ސަރުކާރާއި ސީއެސްސީއާ ދެމެދު ވިލަރެސްކުރާ ކޮމިޓީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އަލުން ކޮމެޓީ އެކުލަވައިލައްވައިފި އެވެ.

އަލަށް އެކުލަވައިލި އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވެސް މިއަދު ވަނީ ބާއްވާފަ އެވެ. ފުރަތަމަ ބައްދަލުވުމުގައި، ރައީސް އޮފީހުން ހުށަހެޅުއްވި ބައެއް ކަންކަމާ ސީއެސްސީން ހުށަހެޅުއްވި ބައެއް ކަންކަމަށް މެންބަރުން ވަނީ މަޝްވަރާކޮށްފަ އެވެ.

އާ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސެވީ، ނައިބު ރައީސް އަންނަބީލް މުޙަންމަދު ވަޙީދުއްދީނެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާޞިމް އަޙްމަދާއި، ހެލްތް މިނިސްޓަރު ޑރ. އަޙްމަދު ޖަމްޝީދު މުޙަންމަދާއި، ހޯމް މިނިސްޓަރު ޑރ. މުޙަންމަދު ޖަމީލް އަޙްމަދާއި، އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙަންމަދާއި، ސްޕޯޓްސް މިނިސްޓަރު މުޙަންމަދު ޙުސައިން ޝަރީފެވެ.

ސީއެސްސީން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ކޮމިޝަންގެ ރައީސް މުޙަންމަދު ފަހުމީ ޙަސަނާއި، ނައިބު ރައީސް އަޙްމަދު ޙަސަންދީދީ އާއި، ކޮމިޝަންގެ މެންބަރު، ޑރ. މުޙަންމަދު ލަޠީފާއި، ޚަދީޖާ އާދަމާއި، ޖަމީލާ ޢަލީ ޚާލިދެވެ. މިބޭފުޅުންގެ އިތުރުން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ޑރ. ޢިޞާމް މުޙަންމަދާއި، ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް ޢަބްދުﷲ ސަޢީދު ވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ.

މި ކޮމިޓީ އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، ކުރިމަތިވާ ދަތިތަކާ ބެހޭގޮތުން ސަރުކާރާއި ސީއެސްސީއާ ދެމެދު މަޝްވަރާ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް ޚިދުމަތް ދިނުމުގެ ކަންތައްތައް ރާވާ ހިންގުމުގައި ސަރުކާރާއި ސީއެސްސީ އެއް މިޞްރާބަކަށް މަސައްކަތް ކުރެވޭނެ މާޙައުލެއް ތަނަވަސް ކުރުމެވެ.