02 Aug 2012, 16:23
ނަލަހިޔާ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު އޭވައިއެލް އަތުން 3-0 ލަނޑުން މޮޅުވެ ދިވެހި ސިފައިންގެ ކުލަބް ތާވަލްގެ އެންމެ ކުރީގައި ދަމަހައްޓައިފި އެވެ.
އިއްޔެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލްގެ އެއް ވަނާގައި ސިފައިން އޮތީ ނުވަ ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި އޭވައިއެލް އޮތީ ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.
އިއްޔެ މެޗުގައި އޭވައިއެލް ކޮޅަށް ސިފައިންގެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗް ފެށިތަނާހެން މުހައްމަދު ރަމީޒުއެވެ. އަދި ފަހު ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ޝަމާއީލެވެ.
ހަތް ޓީމު ވާދަ ކުރާ މި މުބާރާތުގެ ސެމީ އަށް ދާނީ ލީގު އުސޫލުން ބުރެއް ކުޅޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.
މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާ ދެޓީމަކީ ވިކްޓަރީ އާއި ނިއު އެވެ. އަދި މާދަމާ ހަވީރު ބައްދަލުކުރާ ދެޓީމަކީ ވެލެންސިއާ އާއި އީގަލްސް އެވެ.