02 Aug 2012, 15:09
ފިތުރު ޒަކާތުގެ ގޮތުގައި އިއްޔެގެ ނިޔަލަށް 312،170ރ. ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރެފައިފާ ތަފާސްހިސާބުތަކުގައިވާ ގޮތުން ދިރާގު އެސްއެމްއެސް މެދުވެރިކޮށް 1153 މީހަކު ޒަކާތަށް ދައްކާފައި ވަނީ 22684ރ. އެވެ. ވަތަނިއްޔާ އެސްއެމްއެސް މެދުވެރިކޮށް 253 މީހުން ދައްކާފައި ވަނީ 5510ރ. އެވެ. ކޭޝްކާޑް މެދުވެރިކޮށް 755 ފަރާތަކުން 24860ރ. ދައްކާފައިވާ އިރު އިންޓަނެޓް މެދުވެރިކޮށް މިހާތަނަށް އަދި ޒަކާތްދައްކާފައެއް ނުވެ އެވެ. އިސްލާމިކް މިނިސްޓްރީ އާއި ހުޅުމާލެ އާއި މާލެވިލިނގިލިން މިހާތަނަށް 12085 މީހުން 256،116ރ. ދައްކާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ މުޝްރިފް މޫސާއިދު މޫސާ އަންވަރު ހަސަން މިއަދު ވިދާޅުވީ ކުރީ އަހަރާ އެއްގޮތަށް މިއަހަރުގެ ވެސް ޒަކާތް ދެއްކުމުގައި މީހުންގެ ތަރުހީބް ވަރަށް ފުރިހަމައަށް ލިބެމުންދާ ކަމަށާއި އަދި އެހެން އަހަރުތަކަށް ވުރެ ޒަކާތަށް އެދި އަންނަ ފަރާތްތަށް އިތުރުވަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރުގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުން ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 194 ރަށަކުން 48،000 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މާލެއިން ފިތުރު ޒަކާތް ހޯދުމަށް މިދިޔަ އަހަރު 10،621 މީހަކު ރަޖިސްޓްރީ ކޮށްފައިވެ އެވެ.
ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފެށިއިރު މި އަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް އާދައިގެ ހަނޑުލުން ދައްކަން ޖެހޭނީ 10ރ. އެވެ. އަދި ތައިލެންޑު ހަނޑުލުން ނަމަ ބޮލަކަށް 36ރ. ދައްކަން ޖެހޭ އިރު ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް ދައްކަން ޖެހެނީ 56ރ. އެވެ. މިއަހަރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ ރޯދަ މަހުގެ 26 ވަނަ ދުވަހާއި ހަމައަށެވެ.
ޒަކާތުގެ ގޮތުގައި 300،000 އަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ޒަކާތް ހޯދުމަށް އިއްޔެގެ ނިޔަލަށް 6354 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.