02 Aug 2012, 14:54
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޓީވީން ލައިވްކުރަމުން ދަނިކޮށް މަޖިލީހުގެ ބައެއް މެމްބަރުންގެ އަމަލުތައް ބަހައްޓަވަމުން ގެންދަވާ ގޮތުގެ ސަބަބުން ބެލުންތެރިންނަށާއި މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ އިންސާނީ ހައްގުތަކަށް ބުރޫ އަރަމުންދާ ކަމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ނާޖާއިޒު ގޮތެއްގައި ބޭނުންކޮށް، ބައެއް ފަރާތްތަކުން އަމަލުތައް ބަހައްޓާ ގޮތުގެ ސަބަބުން ފަރުދުންގެ ޒާތީ މިނިވަންކަމަށް ބައެއް ފަރާތްތަކުން އަރައިގެންނަމުންދާ ކަމަށާއި އެކަމާ އެކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.
އަދި އާންމުތަންތާގައި އެކަކު އަނެކަކާ ދިމާކޮށް މާރާމާރީ ހިންގުމާއި ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ކުޑަކުދިންގެ ވެސް ހާޒިރުގައި ހުތުރު ބަހުން މުއާމަލާތްކޮށް އެކިއެކި އިލްޒާމްތައް އަޅުވައި ކުށެއްނެތް ފަރާތްތަކެއްގެ އިއްޒަތާއި އަބުރު ނަގާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަން "ހިތާމައާ އެކު" ފާހަގަކުރާ ކަމަށާއި އެފަދަ އެންމެހާ ނާތަހުޒީބީ އަމަލްތަކުން ދުރުހެލިވުމަށް އެފަދަ އަމަލްތައް ހިންގަމުން ގެންދާ ފަރާތްތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލައިފަ އެވެ.
"ގައުމަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން މަޝްވަރާކުރައްވައި ރައްޔިތުންނަށާއި ގައުމަށް ފައިދާކުރާނެ އެންމެ ރަނގަޅު ގޮތްތައް ކަނޑައަޅުއްވައި ގައުމަށް ބޭނުންވާ ގާނޫނުތަކުގެ މަސައްކަތްތައް ކުރެއްވުމުގައި ގައުމުގެ އަމާންކަމާއި ސިޔާދަތު ދަމަހައްޓާ ސުލްހަ މަސަލަސްކަން ގާއިމްކުރުމުގެ އެންމެ މަތީ މަޝްވަރާތައް ކުރިއަށް ގެންދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން އަދާކުރައްވަން ޖެހޭ މަތިވެރި ޒިންމާއެއްގައި ވީހިނދު މަޖިލީހުގެ މަސައްކަތް ހުއްޓާލާފައިވުމަކީ އެކަމާ އެކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމެކެވެ،"
ގައުމަށް ދިމާވެފައިވާ ސިޔާސީ ހަމަނުޖެހުމާއި ނުތަނަވަސްކަން ހައްލު ކުރެވޭނީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ވާހަކަ ދައްކައި މަޝްވަރާތައްކޮށް ހައްލުތަކެއް ހޯދައިގެން ކަމުގައިވާއިރު މިހާރު ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ ވާހަކަތަކަށް އެއްބާރުލުން ދިނުމަށް ވެސް އެކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.
"ގާނޫނޫ އަސާސީ އިން ކަށަވަރުކޮށްދީފައިވާ އަމާން ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށްޓަކައި ދައުލަތުގެ ތިން ބާރުން ގުޅިގެން ސުލްހަވެރިކަމާ އަމާން ކަމާ އެކީ ކުރިޔަށް ގެންދިއުމަށްްޓަކައި މަޖިލީހުގެ ހުރިހާ މެމްބަރުން އެކުގައި އެއްރޫހެއްގައި ގައުމުގެ މަސްލަހަތު އިސްކުރައްވައިގެން މަސައްކަތް ކުރެއްވުމަށް މިކޮމިޝަނުން އިލްތިމާސްކުރަން،" އެޗްއާރުސީމުން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފައި ވާތީ އެޗްއާރުސީއެމްގެ އިތުރުން ސަރުކާރުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަންތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި މަޖިލީހުގެ ޖަލްސާތައް އެގޮތަށް މެދުކަނޑާލައިގެން ސަރުކާރުން ސުލްހައިގެ ވާހަކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.