02 Aug 2012, 14:09
ޗައިނާގެ މުސްލިމުން ރާއްޖޭގެ މުސްލިމުންނަށް ތައާރަފްވެ، ގުޅުން ބަދަހިކުރަން ޗައިނާގެ މުސްލިމުންގެ މުޖުތަމައު ތަމްސީލުކުރާ މަތީފެންވަރުގެ ވަފުދެއް ރާއްޖެ ޒިޔާރަތް ކޮށްފި އެވެ.
ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި މުސްލިމުންގެ ވަފުދުގައި ހިމެނެނީ އެ ގައުމުގެ ދީނާ ބެހޭ މިނިސްޓްރީގައި މުސްލިމުންނާބެހޭ ކަންތައްތަކާ ހަވާލުވެ ހުންނަވާ، ވައިސް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ޗައިނާގެ ފޮރިން މިނިސްޓްރީގެ ބައެއް ބޭފުޅުންނެވެ.
އިސްލާމިކް މިނިސްޓަރު އައްޝައިޚު މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރެއްވުމަށް ފަހު ޗައިނާގެ ވަފުދުން މިއަދު ވަނީ ރާއްޖޭގެ އިސްލާމީ ބައެއް ޖަމާއަތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެ ބައްދަލުވުމަށް ތިން އެންޖީއޯއަކަށް ދައުވަތު ދިން ނަަމަވެސް ބައިބެރިވީ ދެ ޖަމިއްޔާއަކުންނެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ޗައިނާގެ މުސްލިމް ވަފުދުގެ ޒިޔާރަތަކީ ޗައިނާގެ މުސްލިމުންނާ ރާއްޖޭގެ ރައްޔިތުންނަ ދެމެދު ގުޅުން ބަދަހިކޮށް، ޗައިނާއިން ދޭ އެހީ އެބޭފުޅުން މެދުވެރިވެގެން ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވުން ކަމަށެވެ.
"މިބޭފުޅުންނަކީ މީ ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ ރިލިޖަސް އެފެއާޒްގެ އިސް ބޭފުޅުން، ޗައިނާގައި ގާތްގަނޑަކަށް 21 މިލިޔަން މުސްލިމުން ދިރިއުޅޭ، އެތާގައި ފުދޭވަރެއްގެ ގިނަ މިސްކިތްތަކާ ކޮލެޖްތައް ހުރޭ، އަދި ފަހަކަށް އައިސް އެގައުމުގެ އެކި ސްޓޭޓްތަކުގައި ހިދުމަތްތައް ރަނގަޅު ކޮށްދެމުން އަންނަކަމަށް ވަނީ" ޝައިޚު ޝަހީމު ވިދާޅުވިއެވެ.
ޗައިނާގެ ވަފުދުގެ ފަރާތުން ވާހަކަ ދެއްކެވި ވައިސް މިނިސްޓަރު ވިދާޅުވީ ޗައިނާގައި އިސްލާމްދީން އަންނަނީ ވަރަށް ރަނގަޅަށް ކުރިއަރަމުން ކަމަށާއި މުސްލިމުންގެ ހާލަތު ވެސް އެގައުމުގައި ރަނގަޅު ކަމަށެވެ.
" ޗައިނާއިން ދަމަހައްޓަމުން އަންނަނީ ދީނީ ގޮތުން މިނިވަންކަން ދިނުމުގެ ސިޔާސަތު، އެހެންވެ މުސްލިމުންނަށް ވެސް ދީނީ މިނިވަންކަން ފުރިހަމައަށް އޮވޭ، ޗައިނާގައި އިސްލާމްދީ ރަނގަޅަށް ކުރިއަރަމުން، މުސްލިމުން އުޅެނީ އުފާފާގަތިކަމުގައި، " ވައިސް މިނިސް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ޗައިނާގައި 35000 މިސްކިތް ހުރި އިރު 45000 އިމާމުން ތިބެއެވެ. އަދި އިސްލާމީ ތައުލީމުދޭ އެކި އެކި މުއައްސަސާތައް އެގައުމުގެ އެކި ކަންކޮޅުތަކުގައި ވެއެއެވެ.
ރާއްޖޭން އަދާކުރި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޝެއިޚު ޝަހީމު ޗައިނާއަށް ޒިޔާރަތް ކުރެއްވުމަށް ޗައިނާ ވަފުދުން ވަނީ ދައުވަތު އަރުވާފައެވެ.