މ. ރަތްމަންދޫގެ ކައުންސިލުން ހުސްވެފައިވާ ޑޮނޑީގެ ބައި އިލެކްޝަން އިޢުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ރަތްމަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބް ކުރަން ބާއްވާ ބައި އިލެކްޝަން 22 ސެޕްޓެމްބަރު 2012 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ގޮނޑިއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް އޮގަސްޓް 5 ވަނަ ދުވަހުގެ ފެށިގެން 18 އޮގަސްޓްގެ މެންދުރު 12:00 އާ ހަމައަށް އެކޮމިޝަނުން ބަލައިގެންނާނެ ކަމަށެވެ.

އެ ގޮނޑިއަކީ ރަތްމަންދޫ ކައުންސިލުން ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި އަލީ މަފާޒު އެމަގާމުން އަމިއްލަފުޅު ސަބަބަކާ ހުރެ މިދިޔަ ޖޫން މަހު އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވި ގޮނޑިއެކެވެ. އިލެކްޝަންސް ކޮމިޝަނުން ރަތްމަންދޫން ބައި އިލެކްޝަން އިއުލާންކޮށްފައި މިވަނީ އިންތިހާބް އިޢުލާން ކުރަންޖެހޭ މުއްދަތު ފަހަނަ އަޅައިދިޔަ ފަހުންނެވެ.

އިލެކްޝަން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުﷲ މިއަދު ވިދާޅުވީ ގޮނޑިއެއް ހުސްވި ނަމަވެސް އެކޮމިޝަނުން ގާނޫނީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި ރަތްމަންދޫގެ ކައުންސިލްގެ ބައި އިލެކްޝަން ވެސް އިޢުލާން ކުރުން ލަސްވީ އެސަބަބާ ހުރެ ކަމަށެވެ.

"ގޮނގިއެއް ހުސްވި ނަމަވެސް ގާނޫނީ ގޮތުން ކޮމިޝަނުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ބައި އިލެންޝަން އިޢުލާންކުރެވެން އޮންނަނީ، އާސިމް ވިދާޅުވި އެވެ.

ރަތްމަންދޫގެ އިތުރުން ރ. އަތޮޅު އަތޮޅު ކައުންސިލާއި ލ. މާބައިދޫ ކައުންސިލްގެ ދެ ގޮނޑިއެއް މިހާރު ހުސްވެފަ އެވެ.