02 Aug 2012, 13:45
ފެޔެނޫޑްގެ ނެދަލޭންޑްސްގެ ހުނަރުވެރި ޑިފެންޑަރު ރޮން ވްލާ އެސްޓަން ވިލާއަށް ސޮއިކޮށްފި އެވެ.
އެސްޓަން ވިލާއަށް ސޮއި ކުރުމަށް ފަހު އެކުލަބުގެ އަމިއްލަ ވެބްސައިޓުގައި ރޮން ވްލާ ބުނެފައި ވަނީ، އެސްޓަން ވިލާގައި ހުރެގެން މޮޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށާއި އެކަން ކުރުމަށް ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އެއްބާރުލުން ބޭނުން ކަމަށެވެ.
"އެސްޓަން ވިލާއަކީ މޮޅެތި ކުޅުންތެރިންތަކެއް ތިބި ޓީމެއް. އަހަރެން ބޭނުން ވަނީ އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދައްކަން،" އުމުރުން 27 އަހަރުގެ ވްލާ އެކުލަބުގެ އަމިއްލަ ވެބްސައިޓަށް ދިން އިންޓަރވިއުއެއްގައި ބުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ރޮން ވްލާ އެސްޓަން ވިލާ އަށް ސޮއިކޮށްފައިވާ އަގެއް އެކުލަބުން ހާމަކޮށްފައި ނުވާކަން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.
ވްލާއަކީ އޭޒެޑްއަށް ކުޅުމަށް ފަހު، 2006 ވަނަ އަހަރު ފެޔެނޫޑްއަށް ބަދަލުވި ކުޅުންތެރިއެކެވެ. ފެޔެނޫޑްއާ އެކު 130 އަށް ވުރެ ގިނަ މެޗްތައް ކުޅުނު ވްލާވަނީ އެކްލަބުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.