އިންޑިއާގެ ފިލްމު ފެޑެރޭޝަނުން ބޮއިކޮޓްކޮށް ބްލެކްލިސްޓު ކުރުމަށް ގޮވާލާފައިވާ ޕަންޖާބު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖްގެ ދިފާއުގައި އެ ގައުމުގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނު ވާހަކަދައްކައިފިއެވެ.

އިންޑިއާއާ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ އަވަށްޓެރި ޕާކިސްތާނުގެ ބަތަލާ ހާނިއާ އާމިރު މުހިންމު ރޯލަކުން ފެންނަ ދިލްޖީތުގެ ފިލްމު "ސަރުދާރު ޖީ"އިން ޕާކިސްތާނު ތަރިންނަށް ފުރުސަތު ދިނުމާ ގުޅިގެން ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސައިން އެމްޕްލޯއީސްއިން ވަނީ ދިލްޖީތާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފަށައި އެކްޓަރުގެ ޕާސްޕޯޓު ވެސް ބާޠިލުކުރުމަށް ގޮވާލާފައެވެ.

ދިލްޖީތު ހިމަނައިގެން އުފައްދާ ބޮލީވުޑްގެ މަޝްހޫރު ފިލްމު "ބޯޑާ 2"އިން އޭނާ ވަކިކުރުމަށް ވެސް މި ފެޑެރޭޝަންއިން ވަނީ ގޮވާލާފައެވެ.

ދިލްޖީތު ދޮސާންޖުގެ ފިލްމުތައް ބޮއިކޮޓް ކުރުމާ ގުޅިގެން އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނު އެކްސްގައި ކުި ޕޯސްޓު---ފޮޓޯ/ބޮލީވުޑްހަންގާމާ
ނަމަވެސް ދާދިފަހުން، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބަރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު އާރްޕީ ސިންގް ކާސްލާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ދިލްޖީތަކީ ހަމައެކަނި މަޝްހޫރު އާޓިސްޓެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ސަގާފަތާއި އާދަކާތައް ބޭރު ގައުމުތަކަށް އިޝްތިހާރުކޮށްދޭ އެ ގައުމުގެ ޚާއްސަ އެމްބެސެޑަރެއް ކަމަށެވެ.

ހަމައެއާއެކު ދިލްޖީތަކީ ގައުމަށް މުހިންމު މީހެއް ކަމަށާއި، ފިލްމު ފެޑެރޭޝަނުން ދިލްޖީތުގެ ޕާސްޕޯޓު ބާތިލުކުރުމަށް ގޮވާލި ގޮވާލުން ބަލައިނުގަނެވޭނެ ކަމަށް މި ޕޯސްޓުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ފިލްމު "ސަރުދާރު ޖީ"ގައި ޕާކިސްތާނު ބަތަލާ ހާނިއާ އާމިރު ހިމަނައިގެން ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގަމްއަށް ދިން ޓެރަރިޒަމްގެ ހަމަލާގެ މާކުރިން ކަމަށް ކާސްލާގެ ޕޯސްޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ފިލްމު ސްކްރީން ކުރަނީ ވެސް އިންޑިއާއިން ބޭރު ގައުމެއްގައި ކަމަށާއި މިކަމާ ގުޅިގެން ދިލްޖީތު ބްލެކްލިސްޓްކޮށް ބޮއިކޮޓް ކުރުމަށް ގޮވާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ބީޖޭޕީގެ ސްޕޯކްސްޕާސަންގެ މި ޕޯސްޓާ ގުޅިގެން އެއްބަޔަކު ތައުރީފު ކުރަމުން އަންނައިރު އަނެއް ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ދިލްޖީތުގެ ފަރާތުން ރަސްމީ ސިފައެއްގައި ވަކި އެއްޗެއް ބުނެފައި ނުވާއިރު ފިލްމު އިންޑަސްޓްރީގެ ބައެއް ފަންނާނުންގެ ތެރެއިން އެކްޓަރު ނަސީރުއްދީނު ޝާހު ވެސް ވަނީ ދިލްޖީތުއާ އެކު އެކްޓަރު ހުރިކަމަށް ބުނެ ތާއީދުކޮށްފައެވެ.