01 Jul 2025, 15:49
ވިލްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ދެވަނަ ބުރުން ސަބަލެންކާ ޖާގަ ހޯދީ ފުރަތަމަ ބުރުގައި ކެނެޑާގެ ކާސަން ބްރަންސްޓީން އާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު ހައެއް އެކަކުން ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު ވެގެންދިޔައީ ސަބަލެންކާއަށް ބްރެންސްޓައިންގެ ކުޅުން ދައްކާލި ސެޓަކަށެވެ. މި ސެޓު ސަބަލެންކާއަށް ކާމިޔާބު ކުރެވުނީ ހަތެއް ފަހަކުންނެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ސަބަލެންކާ ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ މަރީ ބޮއުޒްކޯވާ އާއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އަނިޔާވުމުގެ ސަބަބުން ބައިވެރިނުވާ ސަބަލެއްކާ މި މެޗު ކާމިޔާބު ކުރުމަށްފަހު ވާހަކަ ދައްކަމުން ވަނީ އެނބުރި ވިމްބަލްދަންގެ ކޯޓަށް އައިސް ކާމިޔާބީ އަކާއެކު މުބާރާތް ފެށުމުން ހިތްހަމަ ޖެހޭ ކަމަށް ބުނެފައެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ނުކުޅެވުމުން ކުރިމަތިވި ހިތްދަތިކަން ކުޅިބެލުންތެރިންނާ ހިއްސާކުރިއެވެ.
މި މުބާރާތުގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޖާސްމީން ޕައޮލީނީ އާއި އޮސްޓްރިއާގެ އަނަސްޓާސިއާ ސެވަސްޓޯވާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ޕައޮލީނީއެވެ. މި މެޗުގެ ފުރަތަމަ ސެޓު ދެއެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ސެވަސްޓޯވާއެވެ. ނަމަވެސް ޕައޮލީނީ ވަނީ ޖެހިގެން އައި ދެ ސެޓު ހައެއް ތިނެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށް މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައިއެވެ.
މީގެ އިތުރުން ނުވަ ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ޕައުލާ ބަޑޯސާ އާއި އިނގިރޭސިވިލާތުގެ ކޭޓީ ބޯލްޓާ ބައްދަލުކުރި މެޗު ހައެއް ދެއެއް، ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްފައިވަނީ ބޯލްޓާއެވެ. އަދި ހަ ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ މެޑިސަން ކީސް އާއި ރޫމޭނިއާގެ އެލޭނާ ގެބްރިއެލާ ރޫސަ ބައްދަލުކުރި މެޗު ފަހަތުން އަރާ ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ކީސްއެވެ. މި މެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތަރެއް ހަތަކުން ރުސާ ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެސެޓު ހަތެއް ފަހެއް އަދި ހަތެއް ފަހަކުން ކާމިޔާބު ކޮށްފައިވަނީ ކީސްއެވެ.