01 Jul 2025, 13:25
އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ދެވަނަ ބުރުން މި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އަލްކަރާޒަށް ޖާގަ ހޯދުނީ ފުރަތަމަ ބުރުގައި އިޓަލީވިލާތުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފަބިއޯ ފޮގްނީނީ އާއި ބައްދަލުކުރި މެޗު ވަރަށް އުނދަގުލުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗު އަލްކަރާޒްއަށް ކާމިޔާބު ކުރެވިފައިވަނީ ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަތެއް ފަހަކުން އަލްކަރާޒް ކާމިޔާބު ކުރި ނަމަވެސް ފޮގްނީނީވަނީ ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ފަހެއް ހަތަކުން ކާމިޔާބު ކޮށްފައެވެ.
ތިންވަނަ ސެޓު އަނެއްކާ ވެސް ހަތެއް ފަހަކުން އަލްކަރާޒް ކާމިޔާބު ކޮށް ދެ ސެޓު އެއް ސެޓުގެ ލީޑެއް ނެގިއެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަން ގެނުވީ ޖެހިގެން އައި ހަތަރު ވަނަ ސެޓު ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ދޭއް ހަޔަކުން ފޮގްނީނީ ކާމިޔާބު ކުރުމުންނެވެ.
މިއާއެކު ފަސް ވަނަ ސެޓު ދާނެ ގޮތަކާއި މެދު ގިނަ ބަޔެއްގެ ހިތުގާ ސުވާލު އުފެދިގެންދިޔަ ނަމަވެސް ފަސް ވަނަ ސެޓަށް އަލްކަރާޒް ކުރިމަތިލީ އާ ހިތްވަރަކާއެކުއެވެ. މިގޮތުން މި ސެޓު ފަސޭހަ ކަމާއެކު ހައެއް އެކަކުން ކާމިޔާބު ކޮށް ދެވަނަ ބުރުގެ ޖާގައެއް އަލްކަރާޒް ކަށަވަރު ކުރިއެވެ. މި މުބާރާތުގެ ދެވަނަ ބުރުގައި އަލްކަރާޒް ބައްދަލުކުރާނީ ކޮލިފައިން ކުޅެގެން މި މުބާރާތުން ޖާގަ ހޯދި އިނގިރޭސިވިލާތުގެ އޮލިވާ ޓާވެޓްއާއެވެ.
އަލްކަރާޒްއަށް ފުރަތަމަ ބުރު ފަހަނަ އަޅާ ދެވުނު ނަމަވެސް ވިމްބަލްޑަންގެ ފުރަތަމަ ދުވަސް ވެގެންދިޔައި ފާހަގަ ކޮށްލެވޭ އަދި ރޭންކް ކުރެވިފައިވާ ބައެއް ކުޅުންތެރިންނަށް އެހާ ރަނގަޅު ދުވަހަކަށް ނޫނެވެ.