Last Updated:
1 decade 3 year ago

ރައީސް ނަޝީދު ފުލުހަށް ބަޔާނެއް ދެއްވައިފި

    ބުލޮގު ޚުލާސާ
    މިއަދު 2:00 ޖަހާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ފުލުސް އޮފީހަށް ހާޒިރުކުރާތީ އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ގ. ކެނެރީގެ ކައިރިއަށް އެއްވާން ފަށައިފި އެވެ. ކެނެރީގޭ ދޮށަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު މެންދުރުފަހު ފުލުސް އޮފީހަށް ހާޒިރުކުރާތީ އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުންނެވެ.

    އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން ނިންމާފައި ވަނީ ނަޝީދު ފުލުހަށް ހާޒިރު ނުކުރެވޭނެ ކަމަށެވެ. އަދި ހާޒިރު ކުރަންޖެހޭނީ އެމްޑީޕީގެ މެންބަރުންނާއެކުގައި ކަމަށެވެ.

    18:02

    ސަލްޓަންޕާކު ކައިރިން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރުކޮޅެއްގައި އެ މަނިކުފާނު ވަޑައިގެންފި.
    18:00

    ރައީސް ނަޝީދު ލިލީމަގުން ހިންގަވާފައި ވަޑައިގަންނަވަނީ. އެ މަނިކުފާނު ވަޑައިމިގަންނަވަނީ ދިރިއުޅުއްވާ ގެކޮޅު ކެނެރީގެއަށް.
    17:56

    ރައީސް ނަޝީދު އަދި ވިދާޅުވީ ފުލުސް އޮފީސްތެރެއިން ގައުމީ ފުލުހުންނާއި ބައްދަލުވެ ވަޑައިގެންނެވި ކަމަށާއި ގައުމާއި ފުލުހުންގެ މުއައްސަސާ ހަމަޔަކަށް އަޅުވާނެ ކަމުގެ ޔަގީންކަން އެ ފުލުހުން ދެއްވި ކަމަށް.
    17:52

    ނަޝީދު ވިދާޅުވީ ފުލުހުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވި ކަމަށާއި ނަމަވެސް އެ މައުލޫމާތުތައް މީޑިޔާއަށް ހިއްސާ ކުރައްވާނީ އެ މަނިކުފާނުގެ ގާނޫނީ ޓީމުން ކަމަށް.
    17:49

    ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެކު ކެނެރީގެޔާއި ދިމާލަށް މިސްރާބު ބަދަލުކުރައްވައިފި.
    17:45

    މީގެ ކުރިން ފުލުހުން ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދުގެ އަމިއްލަ ފުޅު ބޮޑީގާޑެއް ކަމަށްވޭ. އެމީހާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރަން ފެށުމުން އެ މީހާ ހައްޔަރު ނުކުރުމަށް ފުލުހުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގަތް. އަދި ބައެއް ފުލުހުން ކައިރީ އެ މީހާ ދޫކޮށްލުމަށްވެސް ރައީސް ނަޝީދު ދިޔައީ އެދިވަޑައިގަންނަވަމުން.
    17:42

    ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓާ ނަސީމް ފުލުހުންނާއި ކޮންމެވެސް ވާހަކަތަކެއް އެބަ ދައްކަވައި. ކިޔަނީ ކޯޗެއްކަމެއް ސާފެއް ނުވޭ. ނަސީމް އުޅުއްވަނީ ކޮންމެވެސް ކަމަކާއި ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން.
    17:40

    އެމްޑީޕީގެ އެކްޓިވިސްޓެއް ހައްޔަރުކުރަން ފެށުމުން އޭނާ ހައްޔަރުނުކުރުމަށް ރައީސް ނަޝީދު ފުލުހުންގެ ކިބައިން އެދިވަޑައިގެންފި. ރައީސް ނަޝީދު ހުންނެވީ ރީފްސައިޑް ކަންމަތީގައި މަޑުކޮށްލައްވައިގެން.
    17:38

    ރައީސް ނަޝީދު ފުލުސް އޮފީހުން ނުމުމެ ވަޑައިގެން ދިރިއުޅުއްވާ، ކެނެރީގެއަށް ދާން ޗާންދަނީ މަގުން ހިންގަވާފައި ސަޕޯޓަރުންނާ އެކު ވަޑައިގަންނަވަނިކޮށް އާންމުންނާއި ފުލުހުންނާ ދެމެދު އަންނަނީ ހަމަނުޖެހުން ހިނގަމުން.
    17:34

    ރައީސް ނަޝީދު ފުލުސް އޮފީހަށް ވަޑައިގެންފައި މި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ނަޝީދު ފުލުސް އޮފީހަށް ހާޒިރުނުކުރެވޭނެ ކަމަށް ނިންމާފައި ވަނިކޮށް. ރައީސް ނަޝީދު ގާތްގަނޑަކަށް ދެ ގަޑިއިރު ފުލުސް އޮފީހުގައި ހޭދަކުރެއްވި.
    17:33

    ރައީސް ނަޝީދު ފުލުސް އޮފީހުން ނިކުމެ ވަޑައިގެންފި. ނިކުމެވަޑައިގަތުމަށްފަހު ވިދާޅުވީ ސްޓޭޓްމަންޓެއް ދެއްވާނީ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ތިބެވޭ ހިސާބެއްގައި ކަމަށް.
    17:01

    ފުލުސް އޮފީސް ދޮރުމަތީ ތިއްބެވި ރައްޔިތުން މަޖިލީޙުގެ ބައެއް މެންބަރުން އެ ސަރަހައްދުން ދުރުކޮށްފި. ދުރަށް ގެންދިޔަ މެންބަރުންގެ ތެރޭގައި ރީކޯ މޫސާ މަނިކާއި ރިޒާ އާއި ރުގިއްޔާ އަދި އަލްހާން ހިމެނިވަޑައިގަންނަވަ.
    16:37

    އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއާ އެމްޑީޕީ މީހުން ތަކުރާރުކޮށް މަގުމަތިން ދިމާކުރަމުންދާ ކަމަށް ބުނެ އޭނާ ފުލުސް އޮފީސްކުރި މައްޗަށް ވަޑައިގެން އެބަހުންނެވި. އަލްހާން ވިދާޅުވަނީ އެމްޑީޕީން މެންބަރުން މިއަދުވެސް އޭނާ ކޮއްކޮ ގައިގާ ތަޅައި މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމަށާއި އޭގެ ބަދަލެއްގެ ގޮތުން ރައީސް ނަޝީދާއި ދިމާކޮށްފައި ނޫނީ އެތަނުން ވަޑައިނުގަންނަވާނެ ކަމަށް.
    16:01

    އިތުރު ތިން މީހަކު ހައްޔަރުކޮށްފި.
    15:53

    މުޒާހަރާގެ ތެރޭގައި ހުރި މީހެއްގެ ބޯފަޅައިގެން ގޮސްގެން ފުލުހުން އެހީތެރިވާން ފަށައިފި. ބޮޑަށް ބެލެވެނީ ބޯފަޅައިގެން ދިޔައީ ދެ މީހެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރޭގައި އެއްލި އެއްޗަކުން ކަމަށް.
    15:46

    އިތުރު ބެރިކޭޑްތައް ޖަހައިފި. ބެރިކޭޑްތައް ހުރަސް ކުރާ މީހުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރުވަނ ދީފައި. އެގޮތުން ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފައި.
    15:44

    މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރަމުން އެބަދޭ. ފުލުހުން ޗާންދަނީ މަގުގައި ތިބި މުޒާހަރާ ކުރާމީހުން ފަހަތައް ޖައްސަން ފަށައިފި.
    15:33
    15:30

    ރީފްސައިޑް ކަންމަތީގައި ތިބި ސިފައިންނާއި އާންމުންނާއި ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގަމުން އެބަދޭ.
    15:29

    ރައީސް އޮފިސް ކުރިމަތީގައި ތިބި މީހުންގެ ތެރެއިން ބެރިކޭޑް ހުރަސް ކުރި ބައެއް މީހުން ހައްޔަރުކޮށްފި.
    15:13

    ފުލުސް އޮފީސް ކުރިމަތީ ތިބި މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ފުލުހުން ފަހަތަށް ޖައްސަން މަސައްކަތް ކުރަން ފަށައިފި.
    15:08

    ފުލުސް އޮފީސް ކައިރީ މުޒާހަރާ ކުރަމުންދާ މީހުން ބީއެމްއެލްއާ ހިސާބަށް ފުލުހުން އިންޒާރު ދިނުމަށް ފަހު އެމީހުން ފަހަތަށް ޖައްސަން ފަށައިފި.
    15:02

    ފުލުސް އޮފިސްދޮރުމައްޗަށް އެއްވެފައި ތިބި މީހުން ދިރުކުރަން ފުލުހުން މަސައްކަތް ކުރަމުން އެބަދޭ.
    14:58

    ފުލުސް އޮފީސް ދޮރުމަތީގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ބައެއް މެންބަރުން އެބަ ތިއްބެވި.
    14:55

    ރަޔަޓް ސިފައިން ނުކުމެ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި.
    14:54

    ރައީސް ނަޝީދާއެކު މާރިޔާ ދީދީ އާއި ހަސަން ލަތީފު އަދި ހިސާން ހުސެއިން ފުލުސް އޮފީހަށް ވަދެވަޑައިގެންފި.
    14:51

    ރައީސް ނަޝީދު ފުލުސް އޮފީހަށް ވަދެވަޑައިގެންފި.
    14:47

    ރައީސް ނަޝީދު ހިންގަވާފައި ފުލުސް އޮފީހާ ދިމާލަށް ވަޑައިގަންނަވަން ފައްޓަވައިފި. ރާއްޖެ ޓީވީ އެތެރެއަށް ވެއްދުމުން ރައީސް ނަޝީދު ފުލުސް އޮފީހަށް ވަދެވަޑައިގަތީ.
    14:44

    ނަޝީދުގެ ވަކީލު ހިސާން ހުސެއިން އާއި ހަސަން ލަތީފު ބެރިކޭޑްތަކުގެ ކައިރިއަށް ވަޑައިގެން ރާއްޖެ ޓީވީގެ ނޫސްވެރިންނާ އެބަ ވާހަކަދައްކަވައި.
    14:43

    ބެރިކޭޑްތެރޭގައި ތިބި އާންމުން ބޭރަށް ނުކުތުމަށް ފަހުގެ އިންޒާރުދީފި.
    14:37

    އާންމުން ބެރިކޭޑުން ބޭރަށް ނުކުތުމަށް ފުލުހުން އަންނަނީ މިހާރުވެސް އަންގަމުން. ރައީސް ނަޝީދާއި އެކު މަޖިލިސް މެންބަރު ހާމިދު އަބްދުލް ޣަފޫރު އަދި އެމަނިކުފާނުގެ ވަކީލު ހަސަން ލަތީފުވެސް ބެންޗްގައި އިށީންދެ ވަޑައިގެން އެބަ ތިއްބެވި.
    14:33

    ފުލުހުންގެ މީޑިޔާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ ހަސަން ހަނީފު ވިދާޅުވީ ރައީސް ނަޝީދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ އެ މަނިކުފާނުގެ ތިން ވަކީލުންނާއި ބޭނުން ފުޅުވާނަމަ އިތުރުމީހަކާއި އެކު 2:00 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ކަމަށް. ނަމަވެސް އަދިވެސް އެ މަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވެފައި ނުވާކަމަށް ވިދާޅުވި.
    14:31

    ރައީސް އިށީންދެ ވަޑައިގެން އިންނެވީ ރާއްޖެ ޓީވީ ބެރިކޭޑުން ބޭރުކުރުމުން ކަމަށްވޭ. ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވުމަށް ފަހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ. ރާއްޖެ ޓީވީ އެތެރެއަށް ވެއްދުމަށް ފުލުުހުން އަންނަނީ ސިފައިންނާ ވާހަކަ ދައްކަމުން.
    14:25

    ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ފުލުހުންގެ ބެރިކޭޑްތެރެއިން ހިމާޔަތެއް ނުދިން. އެ ޓީވީގެ ދެ ނޫސްވެރިން ވަނީ ބޭރުކޮށްފައި.
    14:24

    ޖުމްހޫރީ މައިދާން ތެރޭ ހުރި ބެންޗެއްގައި ރައީސް ނަޝީދު އިށީންދެ ވަޑައިގެން އެބަ އިންނެވި.
    14:21

    ރައީސް ނަޝީދު އަންނަނީ މަޑުމަޑުން ފުލުސް އޮފީހާ ދިމާލަށް ވަޑައިގަންނަވަމުން. ފުލުހުން އަންނަނީ އާންމުން ބެރިކޭޑުތަކުގެ ބޭރަށް ނެރުމުގެ މަސައްކަތް ކުރަމުން. އެގޮތަށް މީހުން ނެރެން މަސައްކަތް ކުރުމުން ހަމަނުޖެހުން ކޮންމެވެސް ވަރަކަށް އެބަ ހިނގާ.
    14:17

    ރީފްސައިޑް ކަންމަތީގައި ހުރި ބެރިކޭޑްތައްވެސް ދުރަށް ޖެއްސުމަށްފަހު އެމްޑީޕީން އިތުރަށް ކުރިއަށް ޖެހެން ފަށައިފި. ފުލުހުންނާއި ދިމާލަށް އެއްޗިހިވެސް އަންނަނީ އުކަމުން. ފުލުހުންގެ ސެކިޔުރިޓީ ލައިނުން ބޭރުވުމަށް ފުލުހުން އިންޒާރުދޭން ފަށައިފި. ރައީސް ނަޝީދު މިވަގުތު ހުންނެވި ސަޕޯޓަރުންގެ މެދުގައި. އެމަނިކުފާނު ހިމާޔަތްކޮށްގެން ގިނަ އަދަދެއްގެ ސަޕޯޓަރުން އެބަތިބި.
    14:15

    ރީފްސައިޑް ކަންމަތީގައި ޖަހާފައި ހުރި ބެރިކޭޑްތައް ފަޅާލުމަށް ފަހު ޖުމްހޫރީ މައިދާނާ ހިސާބަށް ކުރިއަށް ޖެހެން މުޒާހަރާ ކުރާމީހުން މަސައްކަތް ކުރަން ފަށައިފި. ރައީސް ނަޝީދުވެސް އެތަނުގައި އެބަ ހުންނެވި. ރަޔަޓް ފުލުހުން މިވަގުތު ތިބީ ތައްޔާރީ ހާލަތުގައި، ޝީލްޑް ހިފައިގެން.
    14:14

    ރައީސް ނަޝީދު މިވަގުތު ހުންނެވީ ރީފް ސައިޑް ކަންމަތީގައި. ރަޔަޓް ފުލުހުން ނުކުމެ އެ ސަރަހައްދު ބްލޮކްކޮށްފި.
    14:12

    ބެރިކޭޑްތައް ފަޅާލައިފައި ރައީސް ނަޝީދާއި ސަޕޯޓަރުން ކުރިއަށް ޖެހެން ފަށައިފި. ފުލުހުންނާއި ދިމާލަށް އަންނަނީ ގައު ފަދަ އެއްޗިހި އުކަމުން.
    14:08

    ހުކުރު މިސްކިތާއި ސިފައިންގެއާ ދެމެދު އޮންނަ ގޯޅި ބަންދުކޮށްފައި އޮތުމުން ރައީސް ނަޝީދު ވަނީ އިސްލާމީ މަރުކަޒު ކައިރިން ހިންގަވާފައި ވަޑައިގެން ޗާންދަނީ މަގަށް ވަދެވަޑައިގެންފައި. އެ މަގުވެސް އޮތީ ބަންދުކޮށްފައި. އެމްޑީޕީން އާންމުކޮށް މުޒާހަރާ ކުރާ ޗާންދަނީ މަގު ކަންމަތީގައި މަޑުކުރައްވައިގެން އެބަ ހުންނެވި.
    14:05

    މުލިއާގޭ ފުރަގަސް މަގުން ރައީސް ނަޝީދު ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ނަމަވެސް އެ މަގު އޮތީ ބެރިކޭޑްޖަހައި ބަންދުކޮށްފައި. ރައީސް ނަޝީދު މިހާރު ވަޑައިގަންނަވަނީ ދަރުމަވަންތަ މަގުން މެދުޒިޔާރަތްމަގަށް. އެ މަގު އޮތީ ބަންދުކޮށްފައެއް ނޫން. ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ރައީސް ނަޝީދު ޒިންދާބާދު ގޮވަމުން.
    13:59

    ރައީސް ނަޝީދު ފައިމަގުގައި ހިންގަވާފައި އަލިކިލެގެފާނު މަގުން ޝަހީދު ހުސެން އާދަމް ބިލްޑިންގާ ދިމާލަށް ވަޑައިގަންނަވާއިރު ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ރައީސް ނަޝީދު އަރިހުގައި އެބަތިއްބެވި. ގިނަ އަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނުގެ ފަހަތްޕުޅުން އެބަ އާދޭ.
    13:56

    ރައީސް ނަޝީދު ފުލުސް އޮފީހަށް ދާން ނުކުމެވަޑައިގެންފި. ވިދާޅުވީ ސަޕޯޓަރުންވެސް އެމަނިކުފާނާ އެކު ވަޑައިގަތުމަށް.
    13:48

    ކުޑައިރުކޮޅެއް ތެރޭ ރައީސް ނަޝީދު ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިއްޖެ. ރައީސް ނަޝީދު އަދިވެސް ހުންނެވީ ކެނެރީގޭގައި.
    13:38ކެނެރީގެ ސަރަހައްދުން

    ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ދަށަށް އެ މަނިކުފާނަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައި. އެ ގޭދަށުން ފުލުހުންގެ އެއްވެސް ހަރަކާތެއް ނެތް. ރައީސް ނަޝީދު ކެނެރީގޭ ތެރޭގައި އެބަ ހުންނެވި. އެ މަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިއަދު މެންދުރު 2:00 ޖަހާއިރަށް.